ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އަނބުރާ ފޮނުވާލުމުގެ މަސައްކަތް އަލުން ފަށައިފި

ބިދޭސީން ޖުމްހޫރީ މައިދާނުގައި / ސަން ފޮޓޯ: މުހައްމަދު އަފްރާޙް

ރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން އަލުން ފަށައިފިއެވެ.

ސަރުކާރުން މި މަސައްކަތް އަލުން ފަށާފއިވަނީ އެކަމަށްޓަކައި ތަރައްގީކުރީ ޑިޓެންޝަން ސެންޓަރުގެ މަސައްކަތް ނިންމައި ބޭނުންކުރަން ފެށުމާ އެކުއެވެ. ހުޅުމާލޭގައި ގާއިމުކޮށްފައިވާ މި ޑިޓެންޝަން ސެންޓަރަކީ 300 މީހުންގެ ޖާގައިގެ ސެންޓަރެކެވެ.

ފާއިތުވި ހަފުތާގެ ތެރޭގައި ވެސް މި ޕްރޮގްރާމްގެ ދަށުން ވަނީ އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައެވެ. އިމިގްރޭޝަނުން ބުނީ، މާލޭގައި ބިދޭސީން އާންމުކޮށް އެއްވެ އުޅޭ ސަރަހައްދުތަކުގައި ތިބި ބިދޭސީންނާ ސުވާލުކޮށް، ގަވާއިދާ ޚިލާފަށް އުޅޭ މީހުން ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، އެ މީހުން ވީހާ ވެސް އަވަހަށް އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މީގެ ކުރިން ހިންގި ޕްރޮގްރާމްގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅެމުން ދިޔަ 13000 މީހުން ގަވާއިދުގެ ތެރެއަށް ފައްތައި، ގަވާއިދާ އެއްގޮތަށް މަސައްކަތް ކުރުމުގެ މަގު އިމިގްރޭޝަނުން ވަނީ ފަހިކޮށްދީފައެވެ. އެ އޮޕަރޭޝަނުގައި 24000 ބިދޭސީއަކު ވަނީ އަނބުރާ ގައުމަށް ފޮނުވާލައިފައެވެ.

ގަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީން ގަވާއިދަށް ފެއްތުމުގެ މަސައްކަތް ކުރަމުން ދަނީ އިކޮނޮމިކް މިނިސްޓްރީ އާއި، ފޮރިން މިނިސްޓްރީ އާއި، އިމިގްރޭޝަނާ ގުޅިގެންނެވެ.

comment ކޮމެންޓް