ބޮލީވުޑްގެ ވަރުގަދަ ތިން އެކްޓަރުންގެ ކުރިމަތިލުމެއް އޮގަސްޓް 11ގައި

އެކްޓަރު ސަނީ ޑިއޯލް އާއި އަމީޝާ ޕަޓޭލްގެ ކާމިޔާބު ފިލްމު "ގަދަރު:އެކް ޕްރޭމް ކަތާ"ގެ ދެވަނަ ބައި މިއަހަރުގެ އޮގަސްޓް މަހު 11ގައި ރިލީޒްކުރަން ތާވަލުކޮށްފައިވަނިކޮށް އިތުރު ދެ ފިލްމެއް މި ތާރީޚުގައި ރިލީޒްކުރާނެކަމަށް އިޢުލާނުކޮށްފިއެވެ.

އަކްޝޭ ކުމާރުގެ ފިލްމު "އޯއެމްޖީ2" ރިލީޒްކުރާނެކަން އަކްޝޭވަނީ އަމިއްލަ ސޯޝަލް މީޑިއާ މެދުވެރިކޮށް އިޢުލާނުކޮށްފައެވެ. ހަމައެއާއެކު އެކްޓަރު ރަންބީރު ކަޕޫރުގެ ފިލްމު "އެނިމަލް" ރިލީޒްކުރާ ތާރީޚު ފަސްވެފައިވާކަމުގެ އަޑު ފެތުރިފައިވަނިކޮށް ފިލްމު ގެނެސްދޭ ޕްރޮޑަކްޝަން ކުންފުނިންވަނީ މި ޚަބަރު ދޮގުކޮށް އޮގަސްޓް 11 ވަނަ ދުވަހު ފިލްމު ރިލިޒްކުރާނެކަމަށް ބުނެފައެވެ.

އަކްޝޭ 2012ވަނަ އަހަރު ކުޅުނު ފިލްމު "އޯއެމްޖީ"އަކީ ކޯޓް ރޫމް ޑްރާމާއެކެވެ. މިފިލްމުގެ ސީކުއަލް މިއަހަރުގެ އޮގަސްޓް މަހު ރިލީޒްވާއިރު މިސީކުއަލްއަކީ، ސޯޝަލް ކޮމެޑީ ޑްރާމާއެކެވެ. އަކްޝޭގެ އިތުރުން އެކްޓަރު ޕަންކަޖް ތްރިޕަތީ، އަރުން ގޮވިލް، އާމިރު ނައިކް އަދި ބަތަލާ ޔާމީ ގޯތަމް މިފހަރުގެ ސީކުއަލްގެ މުހިއްމު ރޯލްއިން ފެންނާނެއެވެ.

ސަނީ ޑިއޯލްގެ ފިލްމު "ގަދަރު2" މިއަހަރުގެ އޮގަސްޓް 11ގައި ރިލީޒްކުރުމަށް ތާވަލުކުރެވުމާއެކު ރަންބީރު ކަޕޫރުގެ ކުރިޔަށްއޮތް ފިލްމު "އެނިމަލް" ރިލީޒްކުރުން ފަސްކުރެވުނު ޙަބަރުތައް މީޑިއާގައި ފެންމަތިވިއެވެ. އެހެންނަމަވެސް ފިލްމުގެ ޕްރޮޑަކްޝަން ޓީމުންވަނީ މި ޚަބަރު ދޮގުކޮށްފައެވެ.

މިފިލްމަކީ، ރަންބީރު ކަޕޫރު ލީޑް ރޯލްއިން ފެންނަ ވަރުގަދަ އެކްޝަން ތްރިލާއެކެވެ. ރަންބީރުގެ އިތުރުން ފިލްމުގެ މުހިއްމު ރޯލްއިން އަނިލް ކަޕޫރު، ބޮބީ ޑިއޯލް އަދި ބަތަލާ ރަޝްމިކާ މަންޑަންނާ ފެންނާނެއެވެ. ފިލްމު "އެނިމަލް"އަކީ، ޓީ-ސީރީސް ކުންފުނިން ގެނެސްދޭ ފިލްމެކެވެ. މިފިލްމު އިންޑިއާގެ އިތުރު ފަސް ބަހުރުވައަކުން ރިލީޒްކުރުމަށްވަނީ ނިންމާފައެވެ.

comment ކޮމެންޓް