އިތުބާރު ގެއްލޭ ގޮތަށް އަމަލުކުރާ ކަމަށް ބުނެ، 'ވަގުތު' ނޫހުން ނޫސްވެރިކަމުގެ އިނާމު ބޮއިކޮޓު ކޮށްފި

މީޑިއާ ކައަންސިލްގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މީޑިއާ ކައުންސިލް

އެވޯޑާ މެދު ނޫސްތަކުގެ އިތުބާރު ގެއްލޭ ގޮތަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން އަމަލުކުރާ ކަމަށް ތުހުމަތުކޮށް، "ވަގުތު" ނޫހުންން މީޑިއާ ކައުންސިލްގެ "ނޫސްވެރިކަމުގެ އިނާމު 2022" ބޮއިކޮޓު ކުރަން ނިންމައިފިއެވެ.

ވަގުތު ނޫހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ނޫސްވެރިކަމުގެ އިނާމާ ބެހޭ ކަންކަން ކުރިއަށް ގެންދިއުމަށް އެމްއެމްސީން އެކުލަވައިލި ކޮމިޓީން އެ އިނާމުގެ މަސައްކަތް ކުރިއަށް ގެންދަނިކޮށް، ވަކި މެންބަރުންތަކެއް ބޭނުންވާ ގޮތަށް މަސައްކަތް ބަދަލުކޮށްލުމަށްޓަކައި އެ ކޮމިޓީގެ މެންބަރުން ވެސް ބަދަލުކޮށްފައިވާ ކަމަށެވެ.

އެ ކަމުގެ ސަބަބުން، އިނާމާ މެދު ނޫސްތަކުގެ އިތުބާރު ގެއްލޭ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

"އިނާމު ކޮމިޓީގެ މަސައްކަތް ކުރިއަށް ދަނިކޮށް، އެ ކޮމިޓީގެ މެންބަރުން ކޮމިޓީން ވަކިކޮށް، ވަކި ބަޔަކު ބޭނުންވި ގޮތަށް އެކުލަވައިލި ކޮމިޓީން ވަނީ މީޑިއާތަކުން ހިޔާލު ދީފައިވާ ކަންތައްތަކަށް ވެސް ބެލުމެއް ނެތި، އަދި ފަނޑިޔާރުންގެ ރިކޮމެންޑޭޝަންތަކަށް ވެސް ބެލުމެއްނެތި، ވަކި ބަޔަކު ބޭނުންވާ ގޮތަށް މަސައްކަތް ކުރިއަށް ގެންގޮސްފައެވެ،" ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އިނާމާ ގުޅޭ އުސޫލަށް ބަދަލު ގެނެސްފައިވަނީ ޒަމާނުއްސުރެ އަމަލުކުރަމުން އައި އުސޫލު ދޫކޮށް، އިނާމާ އެއްވެސް ގުޅުމެއް ނެތް، ވަކި ބައެއްގެ ބާރު ހިނގާ ކޮމިޓީއަކުން ކަމަށެވެ. އެހެން އެކަން ކޮށްފައިވަނީ، ވަކި ނަތީޖާއެއް ހާސިލުކުރަން ކަމަށް އެ ނޫހުން ވަނީ ތުހުމަތު ކޮށްފައެވެ.

އެހެންވެ، ނޫސްވެރިކަމުގެ އިނާމާ ދޭތެރޭ ނޫސްތަކުގެ އިތުބާރު ގެއްލޭ ގޮތަށް އަމަލުކުރާ ކަމަށް ބުނެ، އެ ނޫހުގެ އެޑިޓޯރިއަލްއިން ވަނީ "ނޫސްވެރިކަމުގެ އިނާމު 2022"ގައި ބައިވެރިނުވާން ނިންމައިފައެވެ.

comment ކޮމެންޓް