ސަން ސިޔާމް ރިސޯޓްސްގެ 33 ވަނަ އަހަރީ ދުވަހާ ގުޅިގެން މިދިޔަ މަހުގެ ދެވަނަ ދުވަހު ފެށި ލޭ ހަދިޔާ ކުރުމުގެ އެންމެ ފަހު ކޭމްޕް މިއަދު ސަން ސިޔާމް ވިލު ރީފްގައި ފަށައިފިއެވެ.
މިއަދުގެ ކޭމްޕް ފައްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުން ވިލު ރީފްގެ ރިސޯޓް މެނޭޖަރު ތޯހާ ޔޫސުފް ވިދާޅުވީ، ވިލު ރީފުން ވެސް 50އަށް ވުރެ ގިނަ މުވައްޒަފުން ލޭ ހަދިޔާކުރުމަށް ވޮލެންޓިއާ ކޮށްފައިވާ ކަމަށެވެ.
އަދި, ލެއަކީ އާޓިފިޝަލްކޮށް އުފެއްދޭނެ އެއްޗެއް ނޫން ކަމަށާއި ލެއަށް ބޭނުންވާ މީހުންނަށް ލޭ ލިބެނީ އިންސާނުންގެ ދީލަތިކަމުން ކަމަށް އޭނާ ވިދާޅުވިއެވެ.
މިއީ އެ ކަމުގެ އަގު ނުކުރެވޭނެ ވަރުގެ ކަމެއް ކަމަށް ތޯހާ ވިދާޅުވިއެވެ.
ލޭ ހަދިޔަ ކުރުމުގެ އެންމެ ފަހު ކޭމްޕް މިއަދު ކުރިއަށް ގެންދާއިރު، ތޯހާ ވިދާޅުވީ، މި ކޭމްޕްގެ މަގުސަދު ހާސިލްވެފައިވާ ކަމަށެވެ.
"ސަން ސިޔާމް ގްރޫޕު ބްލަޑް ޑޮނޭޝަންގެ އަމާޒަކީ 400 ޑޮނޭޝަންސް. މިހާރު އަޅުގަނޑުމެންގެ އަމާޒަށް ވާސިލް ވެއްޖެ،" އޭނާ ވިދާޅުވިއެވެ.
މި ކޭމްޕާ ގުޅިގެން 'ސަން' އާ ވާހަކަ ދައްކަވަމުން ސަން ސިޔާމް ހެޑް އޮފީހުގެ އެގްރިކަލްޗާ ޑިޕާޓްމަންޓުގެ މެނޭޖަރު އައްޒަ ހަމީދު ވިދާޅުވީ މި ހަރަކާތުގެ އެންމެ ބޮޑު މަގުސަދަކީ ތެލެސީމިއާ ކުދިންނަށް އެހީތެރިކަން ފޯރު ކޮށްދިނުން ކަމަށެވެ.
އެއް ދުވަހަށް ކުރިއަށްދާ މި ކޭމްޕްގައި މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ޓީމަކުން އައިސް ހަރަކާތްތެރިވާއިރު އޭގެ ތެރޭގައި ޑޮކްޓަރަކު ވެސް ހިމެނޭ ކަމަށެވެ. އެހެންކަމުން މޯލްޑިވިއަން ބްލަޑް ސާވިސަސްއަށް އައްޒަ ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.
މީގެ އިތުރުން ލޭ ހަދިޔާ ކުރުމުގެ މި ކޭމްޕުގައި ރިސޯޓްގެ މެނޭޖްމަންޓާއި ހުރިހާ މުވައްޒަފުންގެ ފުރިހަމަ އެއްބާރުލުން ލިބިގެންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.
މި އިވެންޓު ފުރަަތަމަ ފެށީ ސަން ސިޔާމް ރިސޯޓްސްގެ އަހަރީ ދުވަހާ ދިމާކޮށް ރިސޯޓުތަކުގައި 2015 ވަނަ އަހަރެވެ. ކޮންމެ އަހަރަކު ވެސް ކޮންމެ ވެސް އެއް ރިސޯޓެއްގައި މި ހަރަކާތް ވަނީ ކުރިއަށް ގެންގޮސްފައެވެ. ނަމަަވެސް ކޮވިޑާ ގުޅިގެން އައި މަޑުޖެހުމަކަށް ފަހު މިހާރު މި އިވެންޓު ކުރިއަށް ގެންދަނީ އޭރަށް ވުރެ ފުޅާކޮށެވެ.
މި އިވެންޓުގެ ދަށުން އެކި ދުވަސްތަކަށް ބަހާލައިގެން މިއަދާ ހަމައަށް އެކި ރިސޯޓްތަކުގައި ލޭ ހަދިޔާކުރުން ގެންގޮސްފައި ވެއެވެ.