ސަން ސިޔާމް އިރު ފުށީގައި ލޭ ހަދިޔާ ކުރުމުގެ ހަރަކާތް ފަށައިފި

ސަން ސިޔާމް އިރު ފުށީގައި ލޭ ހަދިޔާ ކުރުމުގެ ހަރަކާތް ކުރިއަށްގެންދަނީ: ލޭ ހަދިޔާކުރަން ގިނަ އަދަދެއްގެ މުވައްޒަފުން ރެޖިސްޓާކޮށްފައިވޭ -- ފޮޓޯ/ އައިމިނަތު އައިނާން/ ސަން ސިޔާމް އިރު ފުށި

ސަން ސިޔާމް ގުރޫޕުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި މި އަހަރު ވެސް ކުރިއަށްގެންދާ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން، ސަން ސިޔާމް އިރު ފުށީ މުވައްޒަފުންގެ ލޭ ހަދިޔާ ކުރުމުގެ ހަރަކާތް މިއަދު ފަށައިފިއެވެ.

މި އަހަރުގެ ހަރަކާތް ފަށާފައި ވަނީ މި މަހުގެ ނުވަވަނަ ދުވަހު ސަން ސިޔާމް އޮޅުވެލި ރިސޯޓުގައެވެ. އެއަށްފަހު މިމަހުގެ 16 ވަނަ ދުވަހު ވަނީ ސިޔާމް ވޯލްޑްގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައެވެ. އެއަށްފަހު މިދިޔަ އަންގާރަ ދުވަހު ސަން ސިޔާމް ހެޑް އޮފީހުގެ މުވައްޒަފުން ލޭ ހަދިޔާކުރުމުގެ ކޭމްޕް ވަނީ ކުރިއަށްގެންގޮސްފައެވެ.

މިއަދު ސަން ސިޔާމް އިރު ފުށީގައި ފެށި ލޭ ހަދިޔާ ކުރުމުގެ ކޭމްޕު ހުޅުވައިދެއްވީ އެ ރިސޯޓުގެ މެނޭޖަރު އަބްދުﷲ އަބްދުއްލަތީފް އެވެ.

ލޭ ހަދިޔާ ކުރުމުގެ ކޭމްޕު ހުޅުވައިދެއްވާ އޭނާ ވިދާޅުވީ އިންސާނިއްޔަތަށްޓަކައި ކޮށްދެވޭ މިފަދަ ކުޑަކުޑަ ކަމަކުން އެތައް ބައެއްގެ ފުރާނަ ސަލާމަތް ކޮށްދެވޭ ކަމަށެވެ. އަދި މިފަދަ ޚިދުމަތެއްގައި އިރު ފުށީގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުން އިސްނަގައިގެން ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ސަން ސިޔާމް އިރު ފުށީގައި ލޭ ހަދިޔާ ކުރުމުގެ ހަރަކާތް ކުރިއަށްގެންދަނީ: ލޭ ހަދިޔާކުރަން ގިނަ އަދަދެއްގެ މުވައްޒަފުން ރެޖިސްޓާކޮށްފައިވޭ -- ފޮޓޯ/ އައިމިނަތު އައިނާން/ ސަން ސިޔާމް އިރު ފުށި

ސަން ސިޔާމް ކުންފުނީގެ މެނޭޖަރު އޮފް އެގްރިކަލްޗާ ޑިޕާޓްމަންޓު އަދި ބްލަޑް ޑޮނޭޝަން ކޭމްޕުގެ ކޯޑިނޭޓަރު އައްޒަ ހަމީދު ވިދާޅުވީ، މިއަދު މި ފެށުނީ ސަން ސިޔާމް ރިސޯޓްސްގެ ލޭ ހަދިޔާ ކުރުމުގެ ހަތަރު ވަނަ ހަރަކާތް ކަމަށެވެ.

އެގޮތުން މިދިޔަ އަހަރެކޭ ވެސް އެއްގޮތަށް ސަން ސިޔާމް އިރު ފުށީގެ ވަރަށް ގިނަ މުވައްޒަފުން ހެޔޮހިތުން ލޭ ހަދިޔާކުރަން އައިސް ތިބުމުން އެނގެނީ މިފަދަ މާތް މަގުސަދަކަށް އެންމެންގެ އެއްބާރުލުން ލިބޭ މިންވަރުކަން ކަމަށް އައްޒަ ވިދާޅުވިއެވެ.

މި ހަރަކާތް ކުރިއަށް ގެންދަނީ މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް)ގެ ޓީމަކުންނެވެ.

މި ހަރަކާތަށް އެމްބީއެސްގެ ހީމޮޓޮލޮޖިސްޓް ޑރ. ބިއަޓްރިޒް ވެސް ޝުކުރު އަދާކުރެއްވިއެވެ. އެގޮތުން ލޭ ހަދިޔާ ކުރުމުން، އެތައް ބައްޔަކަށް ފަރުވާ ހޯދަމުންދާ މީހުންނަށް އެހީ ފޯރުކޮށްދެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހަރަކާތަކީ ސަން ސިޔާމް ރިސޯޓްސްއިން އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅުވައިގެން 2015ވަނަ އަހަރު ފެށި ވަރަށް ކާމިޔާބު ހަރަކާތެކެވެ.

އޭގެ ފަހުން މި ހަރަކާތް ކޮންމެ އަހަރަކު ކުރިއަށް ގެންދިޔަ ނަމަވެސް، ކޮވިޑުގެ ތެރޭގައި ލޭ ހަދިޔާކުރުމުގެ ހަރަކާތް މެދުކަނޑާލިއެވެ. އެއަށްފަހު މި ހަރަކާތް އަލުން ފަށާފައި ވަނީ މިދިޔަ އަހަރެވެ.

އައްޒަ މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، މިދިޔަ އަހަރު ސަން ސިޔާމް ރިސޯޓުތަކުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި 459 މީހުން ލޭ ހަދިޔާކޮށްފައިވެއެވެ.

comment ކޮމެންޓް