ސަން ސިޔާމް ރިސޯޓްސްގެ 34 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ޚިދުމަތް ހޯދާ ތެލެސީމިއާ ކުދިންގެ ގާތަށް ސަން ސިޔާމް ހެޑް އޮފީހުގެ މުވައްޒަފުން މިއަދު ޒިޔާރާތްކޮށްފިއެވެ.
މި ޒިޔާރަތުގައި މިނިސްޓާ އޮފް ސްޓޭޓް ފޯ ހެލްތު އައިމިނަތު ޝިރްނާއާއި މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރު ފައިސަލް އިބްރާހީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ސަން ސިޔާމް ރިސޯޓްސްގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ފާހަގަކުރާ ތެލަސީމިއާ ދުވަހު އެ ކުންފުނީގެ ހެޑް އޮފީހުގެ މުވައްޒަފުން ވަނީ ތެލަސީމިއާ ކުދިންނާ ބައްދަލުކޮށް، އެ ކުދިންގެ ހާލުއަހުވާލު އޮޅުންފިލުވާފައެވެ. އަދި، އެ ކުދިންނަށް ހަދިޔާއެއްގެ ގޮތުގައި ކޮންމެ ކުއްޖަކަށް ގިފްޓް ހެމްޕާއެއް ވެސް ހަދިޔާކޮށްފައިވެއެވެ.
ސަން ސިޔާމް ކުންފުނީގެ އެސިސްޓެންޓް ޑިރެކްޓަރު، ޗެއާމަން އެންޑް މެނޭޖިން ޑިރެކްޓާސް ބިއުރޯ، ފާތިމަތު ރީނާ ވިދާޅުވީ ކޮންމެ އަހަރަކު ތެލަސީމިއާ ދުވަހާއި ސަން ސިޔާމް ރިސޯޓްސްގެ އަހަރީ ދުވަހާ ދިމާވާތީ އެކަމާ ގުޅުވައި މުޖުތަމަޢަށް އެހީއެއް ވެދެވޭކަމީ ވަރަށް އުފާކުރާ ކަމެއް ކަމަށެވެ.
ރީނާ ވިދާޅުވީ، ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސިޔާމް މުހައްމަދު އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ކަމަކީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
"ސަން ސިޔާމް ކުންފުނިން އަބަދު ވެސް ވަރަށް ބޮޑަށް ފޯކަސްކުރަން ކޮމިއުނިޓީއަށް، އެޑިއުކޭޝަނަށް، ކުޑަކުދިންނަށް، އުމުރުން ދުވަސްވީ މީހުންނަށް އަދި އެކި އުމުރުފުރާގެ މީހުންނަށް އެހީދެވޭތޯ،" ރީނާ ވިދާޅުވިއެވެ.
"ސަން ސިޔާމް ކުންފުނީގެ ދަށުން އިންނާނެ ސަން ސިޔާމް ކެއާ އުފައްދާފައި. އެއީ މާލެއާއި ރަށްރަށުގައި ދިރިއުޅޭ މީހުންނަށް މެޑިކަލް ފަރުވާއާއި ތައުލީމީ ކަންކަމަށް އެހީ ދިނުމަށް އުފައްދާފައިވާ ތަނެއް،"
ސަން ސިޔާމް ރިސޯޓްސްއިން ކޮންމެ އަހަރަކު ވެސް އެ ކުންފުނީގެ އަހަރީ ދުވަހާއި ތެލަސީމިއާ ދުވަހުގެ މުނާސަބަތުގައި ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ކުރިއަށް ގެންދެއެވެ. އެގޮތުން، މި އަހަރު ވެސް އަހަރީ ދުވަހާ ގުޅުވައި ލޭ ހަދިޔާކުރުމުގެ ކޭމްޕެއް މާދަމާ ފެށުމަށް ވަނީ ނިންމާފައެވެ.
މި ކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރަމުން ސަން ސިޔާމް ކުންފުނީގެ މެނޭޖަރު އޮފް އެގްރިކަލްޗާ ޑިޕާޓްމަންޓު އަދި ބްލަޑް ޑޮނޭޝަން ކޭމްޕުގެ ކޯޑިނޭޓަރު އައްޒަ ހަމީދު ވިދާޅުވީ، މިދިޔަ އަހަރު ސަން ސިޔާމް ރިސޯޓުތަކުގައި ކުރިއަށް ގެންދިޔަ ބްލަޑް ކޭމްޕުތަކުން 459 ބްލަޑް ޑޮނޭޝަން ލިބުނު ކަމަށެވެ. އެހެންކަމުން، މި އަހަރު އެ އަދަދު 500އިން މަތިވުން އެއީ ވަރަށް ބޮޑު އުންމީދެއް ކަމަށް އައްޒަ ވިދާޅުވިއެވެ.
"މިހާރު ވެސް ކޮންމެ ރިސޯޓަކުން މުވައްޒަފުން ހޭލުންތެރިކޮށް ލޭ ހަދިޔާކުރަން ނަން ނޯޓުކުރަމުން ދަނީ. އެހެންވީމާ އަޅުގަނޑަށް ހީވަނީ މި އަހަރު ވެސް އަޅުގަނޑުމެންގެ ޓާގެޓަށް ވާސިލުވެވޭނެހެން،" އައްޒަ ވިދާޅުވިއެވެ.
އައްޒަ ވިދާޅުވީ ކޮންމެ އަހަރަކު ވެސް އެތައް ކުދިންނެއް ލޭ ބޭނުންވެފައި ތިބޭ ކަމަށެވެ. ލޭ ހަދިޔާކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ އައްޒަ ވިދާޅުވީ އެ ކުންފުނިން އިސްނަގައިގެން ކުރިއަށްގެންދާ ކޭމްޕުތަކަކީ ކޮންމެ އަހަރަކު ވެސް ވަރަށް ފުރިހަމައަށް ކުރިއަށްދާ ކޭމްޕުތަކެއް ކަމަށެވެ.
ސަން ސިޔާމް ކުންފުނިން މި އަހަރުގެ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދާ ލޭ ހަދިޔާކުރުމުގެ ކޭމްޕު ފަށާނީ މާދަމާ 'އޮޅުވެލީ'ގައެވެ. އެއަށް ފަހު ފަހަރަކު ރިސޯޓެއްގައި ކޭމްޕު ކުރިއަށް ގެންދާނެއެވެ. ލޭ ހަދިޔާކުރުމުގެ ކޭމްޕުތައް އޮންނާނެ ތަންތަނަކީ:
- އޮޅުވެލި
- ސިޔާމް ވޯލްޑް
- ހެޑް އޮފީސް
- އިރުފުށި
- އިރުވެލި
- ވިލުރީފް
'ސަން'އާ ވާހަކަދައްކަވަމުން މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރު ފައިސަލް އިބްރާހީމް ވިދާޅުވީ، ސަން ސިޔާމް ރިސޯޓްސްއިން އިސްނަގައިގެން ކޮންމެ އަހަރަކު ދުނިޔޭގެ ތެލަސީމިއާ ދުވަހާ ގުޅިގެން ބާއްވާ ލޭ ހަދިޔާކުރުމުގެ ކޭމްޕުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާ ކަމަށެވެ. އަދި، އެ ކަމަށްޓަކައި އޭނާ ވަނީ ސަން ސިޔާމް ކުންފުންޏަށް ޝުކުރު އަދާކޮށްފައެވެ.
"ލޭ ހޯދުމަށް ވަރަށް ދަތިވޭ ގިނަ ފަހަރަށް. މިއީ ފަރުދީ ޒިންމާއެއް. ސަން ސިޔާމް ކުންފުނިން އިސްނަގައިގެން މިފަދަ ކަމެއް ކޮންމެ އަހަރަކު ކުރާތީ ވަރަށް އުފާވޭ،" ފައިސަލް ވިދާޅުވިއެވެ.
ލޭ ހަދިޔާކުރުމުގެ މި ކޭމްޕު އޮންނަ ދުވަހު ކޮންމެ ރިސޯޓަކަށް މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ޓީމެއް ދާނެއެވެ.
މީގެ ކުރީ އަހަރުތަކުގައި ވެސް މި ކޭމްޕު ވަނީ ވަރަށް ކާމިޔާބުކަމާ އެކު ސަން ސިޔާމް ރިސޯޓުތަކުގައި ބާއްވާފައެވެ. އެގޮތުން 2015 ވަނަ އަހަރުން ފެށިގެން މި ކޭމްޕު ބާއްވާފައިވާއިރު، ކޮވިޑާ ހެދި މެދުކެނޑުމެއް އައި ނަމަވެސް މިދިޔަ އަހަރު ވެސް މި ކޭމްޕު ބާއްވާފައިވެއެވެ.