ރައްޔިތުންގެ މަޖިލީހުގައި މަރުތަޅު އަޅުއްވައި މަސައްކަތްތައް ކުރިއަށްގެންދިޔަ ނުދިނުމަށް ޓަކައި މަސައްކަތް ކުރައްވަނީ މަޖިލިސް ރައީސް މުހައްމަދު ނަޝީދުކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރިން މަޖިލީހުގެ މެންބަރުކަން ކުރެއްވި މޫސާ މަނިކު (ރީކޯޯ މޫސަ) ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މަސައްކަތްތައް ހިނގަމުން އަންނަ ގޮތާއި މިހާރު މަޖިލިސް އޮތް ހާލަތާ ގުޅޭގޮތުން "ސަން"އާ ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުގެންދެވޭފަދަ އެއްވެސް ހާލަތަކަށް މަޖިލިސް ނާންނަ ކަމަށެވެ.
އޭނާ ވިދާޅުވީ އެއް ވަގުތެއްގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދެވޭނެކަމަށެވެ. އެއީ މަޖިލިސް ހުއްޓޭނެ ސަބަބެއް ނޫންކަމަށް ވިދާޅުވިއެވެ.
އެގޮތުން ދެން މަޖިލީހުގެ ޖަލްސާއެއް އޮންނަ، އަންނަ ހޯމަ ދުވަހު މަޖިލިސް ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ ވޯޓު ވެސް ނެގޭނެކަމަށާއި އެ ކަން ނުކުރެވެންވީ ސަބަބެއް ނެތްކަމަށް ވެސް މޫސަ ވިދާޅުވިއެވެ.
އެގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިފިނަމަ ރިޔާސަތު ބަލަހައްޓަވާނީ ނައިބު ރައީސްކަމަށާއި، ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދައިފިނަމަ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސްކަމަށެވެ.
ނަމަވެސް މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ މައްސަލަ އެއްފަހަރާ ވައްދައިފިނަމަ ދެން ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެމްބަރަކު ކަމަށެވެ.
"އެންމެ ގިނަ ދުވަސްވީ މެމްބަރަކު މަޖިލީހުގެ ރިޔާސަތުގައި އިނދެގެން އެ ދެ މީހުންގެ ވޯޓު [މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު] ނެގީމާ ނިމުނީ،" މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ ރައްޔިތުންގެ މަޖިލީސް އެއްވެސް އިރެއްގައި "މަރެއް" ނުވާނެ ކަމަށެވެ. މަޖިލީހަށް އަންނާނެ ހާލަތަކީ ދާއިރާގެ ގޮނޑިތަކުން މެމްބަރުން ހުސްވާ ހާލަތްތައްކަމަށެވެ.
އެގޮތުން އެންމެ ފުރަތަމަ މަޖިލިސް ފަށާއިިރު ވެސް ރިޔާސަތުގައި ރައީސަކާއި ނައިބު ރައީސެއް އިންތިޚާބުކުރެވިފައި ނެތް ނަމަވެސް މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އަބަދު ވެސް ކޮންމެ ވެސް ބޭފުޅަކު އިންނަވާނެކަމަށް މޫސަ ވިދާޅުވިއެވެ.
"އެހެންވީމާ މަޖިލީހުގައި މަރުތަޅެއް ނޭޅުވޭނެ. މިހާރު އެ އުޅެނީ، މަސީހު [މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހު] އިން އިރުގައި މަޖިލީހުގައި ތަޅު ވެސް އެޅުވި. އެކަަހަލަ ކަމެއް ކުރަން ވެގެން މަޖިލީހުގެ ރައީސް އެ އުޅެނީ. އެޅުވީމާ އެއިރު ޖެއްސުމަށް ސަރުކާރުން 12 މެމްބަރުންގެ ގޮނޑި ވެސް ގެއްލުވާލި. އެހެންނު އެ ހެދީ. އެ ކުޅި ކުޅޭކަށް މިހާރަކު ނޫޅެވޭނެ. އޭރު އެ ކަން ކަމުނުދިޔަ މީހުން މިހާރު މި އުޅެނީ މަޖިލިސް ހިފަހައްޓަން ވެގެން،" މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހެޅުމާއެކު އެ މީހުންނަށް ރިޔާސަތުގައި އިނުމުގެ ބާރު ގެއްލޭނެކަމަށެވެ.
މޫސަ ވިދާޅުވީ ގަވައިދުތައް ތަންދޭ ގޮތުން ނަމަ ދެން ރިޔާސަތުގައި އިންނަވައި ވޯޓަށް އެހުމުގެ ފުރުސަތު އޮންނަނީ ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދަަށެވެ. ސިޔާމް ނެތް ހާލަތެއްގައި ރިޔާސަތުގައި އިންނަވަން ދެން ހުންނާނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްކަމަށް މޫސަ ވިދާޅުވިއެވެ.
"ހޯމަ ދުވަހު އެ ވޯޓަށް [މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ ވޯޓަށް] އެހޭނެ،" މޫސަ ވިދާޅުވިއެވެ.
މަޖިލީހުގައި ރައީސް ނަޝީދަށް ތާއިދުކުރައްވާ މެމްބަރުންނާއި ސަރުކާރުގެ މެމްބަރުން މި ކަމުގައި ވެސް ވާހަކަދައްކަވަމުން އަންނަނީ ދެ ގޮތަށެވެ.
އެގޮތުން ރައީސް ނަޝީދަށް ތާއީދުކުރާ މެމްބަރުން އަންނަނީ މަޖިލިސް ކުރިއަށް ގެންދާނެ ގޮތެއް ނެތްކަމަށާއި އޮތީ 'މަރުތަޅުގައި'ކަމަށް ވިދާޅުވަމުންނެވެ. އީވާ ތުހުމަތުކުރައްވަނީ މިއީ ސަރުކާރުން އިންތިޚާބާ ދިމާކޮށް ރާވައިގެން ކުރާ ކަމެއްގެ ގޮތުގައެވެ.