ޖަމިއްޔާތައް ރަޖިސްޓްރީ ކުރަން މިހާރު ނަގާނީ ތިން ދުވަސް: މަހްލޫފް

ސިވިލް ސޮސައިޓީ އެވޯޑް ދިނުމުގެ ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު"މީސް ޕޯޓަލް" ތައާރަފްކޮށްދެއްވަނީ--- ފޮޓޯ/ ރައީސް އޮފީސް

ކުރިން ޖަމިއްޔާއެއް ރަޖިސްޓްރީ ކުރަން ހަ މަސް ދުވަސް ނެގި ނަމަވެސް، މިހާރު ތިން ދުވަހުގެ ތެރޭގައި ޖަމިއްޔާ ރަޖިސްޓްރީކުރުމުގެ މަސައްކަތް ނިންމާލެވޭނޭކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަދަނީ ޖަމިއްޔާތަކުން ކުރާ މަސައްކަތްތައް ފާހަގަކޮށް ސަރުކާރުން މުޅިން އަލަށް ދޭން ފެށި ސިވިލް ސޮސައިޓީ އެވޯޑްސް ދިނުމުގެ ހަފުލާ މިރޭ ވަނީ ބާއްވާފައެވެ.

އެ ހަފުލާގައި މަހްލޫފް ވިދާޅުވީ، މީގެ ކުރިން ޖަމިއްޔާތައް ރަޖިސްޓްރީ ކުރުމުގައި ހުރި ތަކުލީފްތަކާއި ޖަމިއްޔާއެއް ވުޖޫދަށް އައުމަށް ގިނަ ދުވަސްވާ މައްސަލައަކީ ވަރަށް ގިނަ މީހުންގެ ކަންބޮޑުވުމެއް ކަމަށެވެ.

ނަމަވެސް މިރޭ ތައާރަފުކުރެވުނު "މީސް ޕޯޓަލް" މެދުވެރިކޮށް ތިން ދުވަހުގެ ތެރޭގައި ޖަމިއްޔާ ރަޖިސްޓްރީ ކުރުމުގެ އެންމެހާ ކަންކަން ނިމޭނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

ސިވިލް ސޮސައިޓީ އެވޯޑް ދިނުމުގެ ހަފްލާގެ ތެރެއިން--- ފޮޓޯ/ ރައީސް އޮފީސް

ރަށެއް ނުވަތަ ގައުމެއް ބިނާކުރުމުގައްޔާއި މުޖުތަމައުގައި ދިމާވެފައިހުރި އިޖުތިމާއީ މައްސަލަތަކަށް ހައްލު ހޯދުމަށް ޖަމިއްޔާތަކުން އަދާކުރާ ދައުރު މުހިއްމުކަން ފާހަގަކުރަމުން މަހްލޫފް ވިދާޅުވީ، ސަރުކާރުން ކުރާ އެފަދަ ކަންކަން ކާމިޔާބުވުމުގައި ޖަމިއްޔާތަކުގެ ދައުރު ވަރަށް ބޮޑުކަމަށެވެ.

"ޖަމިއްޔާތަކަކީ ގައުމެއް ބިނާކުރުމުގައި މުހިއްމު ތަނބެއް. ޖަމިއްޔާތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ އަގު އެބަޖެހޭ ވަޒަންކުރަން. ޖަމިއްޔާތަކުން ހިލޭ ސާބަހަށް ރައްޔިތުން ބާރުވެރިކުރުވުމަށް އެ ކުރާ މަސައްކަތުގެ އަގުވަޒަންކޮށް އެވޯޑެއް ދެވެން ފެށޭ ކަމީ އުފާކުރާ ކަމެއް،" މަހްލޫފް ވިދާޅުވިއެވެ.

ސިވިލް ސޮސައިޓީ އެވޯޑް ދިނުމުގެ ހަފްލާގެ ތެރެއިން--- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުން މިރޭ ދޭން ފެށި ސިވިލް ސޮސައިޓީ އެވޯޑަކީ ޖަމިއްޔާތަކުން ހިލޭސާބަހަށް ކުރާ ބުރަ އަދި މުހިންމު މަސައްކަތް ފާހަގަކޮށް، އެފަރާތްތަކަށް ހިތްވަރުދީ، އަގުވަޒަން ކުރުމުގެގޮތުން ދޭ އެވޯޑެކެވެ. މިފަހަރުގެ ސިވިލް ސޮސައިޓީ އެވޯޑު ވަނީ 10 ފަރާތަކަށް ދީފައެވެ.

comment ކޮމެންޓް