ރާއްޖެއިން ޑެސްފަރޯލް ހުސްވި މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް

ތެލަސީމިއާ ކުދިން ބޭނުންކުރާ ޑެސްފަރޮލް އިންޖެކްޝަން -- ފޮޮޓޯ/ ޓްވިޓާ

ތެލަސީމިއާއަށް ލޭއަޅާ ކުދިންގެ ހަށިގަނޑުގައި ގިނަވާ ދަގަނޑުގެ ބައި ދަށްކުރަން ޖަހާ ޑެސްފެރޯލް އިންޖެކްޝަން ރާއްޖެއިން ހުސްވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށަހަޅައިފިއެވެ.

އެ ކަމުގައި ސަރުކާރުގެ އިހުމާލެއް އޮތް ކަމަށް ބުނެ މައްސަލަ ކޮމިޓީއަށް ހުށަހަޅާފައި ވަނީ އެމްއެންޕީ އިންނެވެ.

ޑެސްފެރޯލް ހުސްވެފައިވަނީ ރާއްޖެއަށް ބޭސް ފޯރުކޮށްދޭ ކުންފުންޏަށް ދިމާވި މައްސަލައަކާ ގުޅިގެން ކުއްލި ގޮތަކަށް ބޭސް ފޯރުކޮށްދިނުން ހުއްޓާލުމުން ކަމަށް ތެލެސީމިއާ ސޮސައިޓީން މީގެކުރިން "ސަން" އަށް މައުލޫމާތު ދީފައިވެއެވެ. އަދި، ބޭސް ގެނެވޭނެ އިތުރު ގޮތެއް ހޯދައިގެން ވެސް އެންމެ އަވަހަށް ވެސް މި ބޭސް ރާއްޖެއަށް ލިބޭނީ މި މަހުގެ 15 ހިސާބުގައި ކަމަށް ބުނެފައިވެއެވެ.

އެމްއެންޕީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ސޮއި ކުރައްވައި މަޖިލީހަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ޑެސްފެރޯލް އަކީ ތެލެސީމިއާ ކުދިންނަށް ވަގުތުން ވަގުތަށް ކޮންމެހެން ބޭނުންވާ ބޭހަކަށްވާއިރު ޑެސްފެރޯލް ނުލިބޭ ހާލަތަކަށް ނުދާނެ ފަދައިން އެ އިންތިޒާމް ހަމަޖެއްސުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ.

އަދި، ވީއެންމެ އަވަހަކަށް ޑެސްފެރޯލް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި މިފަދަ ހާލަތެއް ތަކުރާރު ނުވާނެހެން އެކަމާ ގުޅޭ އިދާރާތަކުގެ ކަންކަން ތަރުތީބުކުރުމަށް ފިޔަވަޅު އަޅައިދިނުމަށް ވެސް އެދިފައިވެއެވެ. މީގެއިތުރުން، އެ މައްސަލައިގައި ހެލްތު މިނިސްޓްރީ އާއި ތެލެސީމިއާ ސެންޓަރަށް ކުރިމަތިކުރުވި ސުވާލުތަކަށް އެ އިދާރާތަކުން ޖަވާބު ދީފައި ނުވާ ކަން ފާހަގަކޮށް، ސިޓީގައި ބުނެފައިވަނީ އެއީ އެކަމުގައި ސަރުކާރުގެ އިހުމާލު އޮތްކަން ޔަގީންވާ ކަމެއް ކަމަށެވެ.

ޑެސްފެރޯލް ހުސްވުމުން، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ތެލެސީމިއާ ކުދިންނާއި އެކުދިންގެ ބެލެނިވެރިން ވަނީ ވޭތުވެ ދިޔަ ހަފުތާގައި ސޯޝަލް މީޑިއާގައި އެތައް ޕޯސްޓެއް ހިއްސާކޮށްފައެވެ.

ތެލެސީމިއާ ސޮސައިޓީން ބުނީ ޑެސްފެރޯލް ހުސްވެފައިވާކަން ސަމާލުކަމަށް އައުމާ އެކު، މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް)އާ ގުޅާ ހުރިހާ ތެލަސީމިއާ ކުދިންނަށް ވެސް މައުލޫމާތު ފޯރުކޯށްދީ އެ ކަމުގައި އެހެން ގޮތް ގޮތުން އެހީތެރިވަމުންދާ ކަމަށެވެ.

މިހާރު ހުރި ބޭސްތަކުގެ މުއްދަތު މިދިޔަ މަހުގެ 31 އަށް ވަނީ ހަމަވެފައެވެ. އައު ސްޓޮކް ގެނައުން ލަސްވަނީ، ކުއްލިއަކަށް ދިމާވި މައްސަލައަކަށް ވުމުގެ ސަބަބުން، ސަޕްލައި ކުރާނެ އިތުރު ގޮތެއް ހޯދަން ވެގެން ކަމަށް ތެލަސީމިއާ ސޮސައިޓީން ބުނެއެވެ.

comment ކޮމެންޓް