މަގު ހަދަން އާރްޑީސީ ވަރުގެ ކުޅަދާނަ ކުންފުންޏެއް ނޯންނާނެ: މޫކޭ

މަގެއް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް އާރްޑީސީ ވަރުގެ ކުޅަދާނަ ކުންފުންޏެއް ނޯންނާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ.

މި މަޝްރޫއުގެ މަސައްކަތާ ގުޅޭގޮތުން 'ސަން' އާ ވާހަކަދައްކަވަމުން މޫކޭ ވިދާޅުވީ އަމީނީ މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތު ސްޕީޑް ލަހެއް ނުވާ ކަމަށާއި އެ މަސައްކަތް ކުރަމުން ދަނީ ކުރެވެން އޮތް އެންމެ ކޮލިޓީކޮށް ކަމަށެވެ. އަދި މަސައްކަތުގެ ސްޕީޑާ ގުޅިގެން ފާޑުކިޔާ މީހުން ފާޑު ކިޔާނެ ކަމަށެވެ. އެހެންނަމަވެސް އެ ކޯޕަރޭޝަންގެ ކެޕޭސިޓީއާ ދޭތެރޭ މިހާރު އުފައްދާނެ ސުވާލެއް ނޯންނާނެ ކަމަށް މޫކޭ ވިދާޅުވިއެވެ. މާލޭގެ ކޮންމެ މަގެއްވެސް ސުމަކުން ފަށައިގެން އެންމެ ރަނގަޅު ފެންވަރުގައި ތަރައްގީކޮށް ނިންމާނެ ޤާބިލުކަން އާރްޑީސީގެ އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ވެހިކަލް މެޝިނަރީ އެބަހުރި. ފަންނީ މުވައްޒަފުން އެބަތިބި. މަގެއް ހަދާކަށް އަޅުގަނޑު ދަންނަވާނީ އާރްޑީސީ ވަރުގެ ބަޔަކު މިހާރު ނޯންނާނޭ. ޚާއްސަކޮށް މާލޭގެ މަގަކާ އެގޮތަށް ކުޅޭކަށް އާރްޑީސީއަށް އެނގޭ ވަރަކަށް އެނގޭނެ އިތުރު ބަޔަކު ނޫޅޭނެ. ތަޖުރިބާއެއް ވެސް ނުހުންނާނެ އެ ފަންނެއް ވެސް ނުހުންނާނެ. އެއީ އަޅުގަނޑުގެ މުވައްޒަފުންނާ ދޭތެރޭ އޮންނަ ޔަޤީންކަމެއް އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ)

މޫކޭ ވިދާޅުވީ މާލޭގެ އެހެން މަގެއް ތަރައްގީކުރުމަށް ބަޔަކާ ހަވާލުކުރުމުން އެއީ ކިހާ ބުރަ މަސައްކަތެއް ކަން އެނގޭނެ ކަމަށެވެ. އެގޮތުން މާލޭ މަގުތަކުގެ އަޑީގައި އޮތީ ވަރަށް ޒަމާންވީ ނެޓްވޯކްތަކެއް ކަމަށާއި އެހުރިހާ އެއްޗެއް ވަކި ތަރުތީބަކަށް ގެނެސްގެން ނޫނީ އެކަން ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަމީނީމަގުގަ ތާރުއެޅުން -- ފޮޓޯ/އެމްޓީސީސީ

އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މަގުގައި ހުރި ބޮޑެތި ގަސްތައް ކެނޑުމަކީ އާންމުންގެ ބޮޑު ކަންބޮޑުވުމެކެވެ.

މިކަމަށް ރައްދު ދެއްވައި މޫކޭ ވިދާޅުވީ ގަސް ކަނޑާ މައްސަލާގައި ބައެއް ފަރާތްތަކުން ކޯޓަށް ވެސް ދިޔަ ކަމަށާއި އެހެންނަމަވެސް ފަހުން ކޯޓަށް ހުށަހެޅި މައްސަލަ ނަގާފައިވާ ކަމަށެވެ.

އަޅުގަނޑަށް ހީވަނީ އެއީ ވިސްނިވަޑައިގެންނެވީހެން މިކަން އެހެން ގޮތަކަށް ވާން ނެތީކަން. 30 ފޫޓުގެ މަގެއްގަ ގާތްގަނޑަކަށް 16، 17 ވަރަކަށް ހޮޅި ވަޅުލައިގެން އެ ދޭތެރެއިން އިތުރަށް ނުކޮނެ ވާނެ ގޮތް ހަދައިގެން ލިބޭ ޖާގައިގަ ގަހެއް ހައްދާ ވާހަކަ މި ދައްކަނީ އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ)

މޫކޭ ވިދާޅުވީ އަމީނީ މަގުގައި ހުރި ގަސްތައް ކެނޑުމާ ބެހޭ ގޮތުން މާލޭ ސިޓީ ކައުންސިލުން އާރުޑީސީއަށް ދިން ޖަވާބާއި ސޯޝަލް މީޑިއާގައި ދެއްކި ވާހަކަ ތަފާތު ކަމަށެވެ. އެގޮތުން އެ ކޯޕަރޭޝަނުން ސިޓީ ކައުންސިލަށް ރަސްމީކޮށް ފޮނުވި ސިޓީއަށް ދިން ޖަވާބުގަި ކައުންސިލުން ވަނީ، އަމީނީ މަގުން ނަގާ ގަސްތައް ނައްތާލަން ބޭނުންވާ ކަމަށާއި ބަޔަކަށް ދެންޏާ ދޭން ބުނެފައި ކަމަށް މޫކޭ ވިދާޅުވިއެވެ.

މޫކޭ އިތުރަށް ވިދާޅުވީ އަމީނީ މަގުގައި ހުރި ބޮޑު ނިކަގަސް އެއީ ސިޓީ ކައުންސިލުން ކަނޑާފައިވާ ގަހެއް ކަމަށާއި އެކަންވެސް އޮތީ އާރްޑީސީގެ ބޮލުގައި އެޅިފައި ކަމަށެވެ.

އަސްލު ގަސް ބޮޑަސް ސިޓީ ކައުންސިލުން އެކުރީ ރަނގަޅު ކަމެއް. ފްލެޓްގެ އެތެރޭގަ އުޅުއްވާ ބޭފުޅުންނަށް އިނގޭނެ ގަހުގެ މޫތައް އެތެރެއަށް ވަދެ އެ ގަހުން އެ ފަރާތްތަކަށްވާ އުނދަގޫ. އެހެންވީމަ ބައެއް ފަހަރު ގަސްތަކުން ރައްޔިތުންނަށް ތަކުލީފުވެސް ޖެހޭ، އެހެން ނަމަވެސް ކާރޫބާރޫ ބޮޑު މި ސިޓީގައި އެފަދަ ގެއްލުންތައް ކުރިމަތި ނުވާނެ ގަސްތައް ޖެހީމަ އަޅުގަނޑު ހިތުން ރަނގަޅުވާނެ. އެގޮތަށް ވިސްނާފަ އަޅުގަނޑުމެން އަމީނީ މަގުގެ ޕްރޮޖެކްޓް މި ކުރިއަށް ގެންދަނީ އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ)

އަމީނީ މަގުގައި އާރްޑީސީން ގަސް އިންދަނީ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އަމީނީ މަގުގެ މަސައްކަތާ މެދު ހިތްހަމަޖެހުން ފާހަގަކުރައްވާ މޫކޭ ވިދާޅުވީ މަގުގެ ހަތް ސެގްމެންޓް މިހާރު ނިމިފަވާއިރު މަގުގެ ފެންވަރު ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ. އެގޮތުން މިހާތަނަށް މަގާ ގުޅޭގޮތުން ލިބިފައި ވަނީ ވަރަށްވެސް ޕޮޒިޓިވް ކޮމެންޓްތައް ކަމަށާއި ގޯހެކޭ ކިޔާފަ އެއްވެސް މީހަކު އައިސްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މޫކޭ ވިދާޅުވީ އެ ކޯޕަރޭޝަންގެ މުވައްޒަފުންނާ މެދު އިތުބާރު އޮންނަ ކަމަށާއި އާރްޑީސީން ގެންގުޅޭ ހަމައަކީ ދިމާވާ ކަމަކާ ގުޅިގެން ކިތަންމެ ލަސް ވިޔަސް ދެވަނަ ފަހަރު އެކަމެއް ކުރަން ޖެހޭ ގޮތަކަށް ނުކުރުން ކަމަށް މޫކޭ ވިދާޅުވިއެވެ. އެގޮތުން މަގު ދެވަނަ ފަހަރަށް ނުކޮނެ ވާނެ ގޮތަކަށް ކޮލިޓީ ހިފަހައްޓާނެކަމަށް މޫކޭ ވިދާޅުވިއެވެ.

އަތުން ކޮނެގެން މަސައްކަތް ކުރަން ޖެހޭ ވަގުތު އެބަ އާދޭ. ދިރާގު އުރީދޫގެ މައި ފައިބަރު ކޭބަލް އޮތީވެސް މިތާ. ސްޓެލްކޯ އެމްޑަބްލިއުއެސްސީގެ ނެޓްވޯކްވެސް އޮތީ މިތާގަ. އެއް ގްރިޑެއްގަ ކަރަންޓު އެހުރި މިއަށް ކަމެއް ވެއްޖިއްޔާ މާލެ ހުޅުލޭ ހުޅުމާލެ މި ތިން ތަނަށް ވެސް ކަރަންޓުގެ ޚިދުމަތް ކެނޑޭނެ. ދިރާގު އުރިދޫ ކޭބަލަކަށް ގެއްލުން ވެއްޖިއްޔާ މުޅި ދިވެހިރާއްޖޭގެ މުވާސަލާތީ ޚިދުމަތްތަކަށް ބުރޫ އަރާނެ. އެހެންވީމަ އެވަރަށް ބަލައިގެން ކުރާއިރު އަޅުގަނޑު ދަންނަވާނީ އަސްލު ލަހެއްވެސް ނޫނޭ. މިކަން ކުރެވޭނެ އެންމެ ރަނގަޅަކަށް މިކަން މިކުރަނީއާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ)

އަމީނީ މަގު ފުރަތަމަ ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް ކުރުން --

އަމީނީމަގު ހެދުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. ޕްލޭނިން މިނިސްޓްރީއާއި އާރުޑީސީއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން 1.7 ކިލޯމީޓަރުގެ މަގުގެ ސަރަހައްދެއްގައި ތާރު އެޅުމާއި މަގުގައި ފެން ހިންދާ ނިޒާމު ގާއިމު ކުރުމާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.

މިއީ 84 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެ މަސައްކަތް ހަވާލުކުރީ 10 މަސް ތެރޭގައި ނިންމާ ގޮތަށެވެ.

comment ކޮމެންޓް