ގދ. ގައްދޫ ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމުގައި ހުންނެވި މުހައްމަދު ޝަނީޒް, ހައި ކޯޓަށް އައްޔަނު ކޮށްފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ހައި ކޯޓަށް އައްޔަނު ކުރެއްވި ޝާނީޒް މަގާމުގެ ހުވާ ކުރައްވާފައެވެ. އަދި، ހައި ކޯޓަށް އައްޔަނުކުރި ކަމުގެ ލިޔުން އޭނާއާ ހަވާލުކޮށްދިނީ ޖޭއެސްސީގެ ރައީސް ހިސާން ހުސައިންއެވެ.
ޝަނީޒަކީ ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ އަދި ވިލާ ކޮލެޖްއިން މާސްޓާސް އޮފް ޝަރީއާ އެންޑް ލޯ (ސްޕްޝަލައިޒޭޝަން އިން ކްރިމިނަލް ލޯ) ޙާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. ޝަރުޢީ އަދި ޤާނޫނީ ދާއިރާގައި ނުވަ އަހަރު ދުވަހަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްފައިވާ އިރު ޝަނީޒް ވަނީ އެ މުއްދަތުގައި ވަކީލުކަމާއި މެޖިސްޓްރޭޓްކަން އަދާ ކުރައްވާފައެވެ.
ކްރިމިނަލް ކޯޓަށް އައްޔަނުކުރެއްވި ނުޒުހާ --- ސަން ފޮޓޯ: ސާތިއު
ހައި ކޯޓުގެ އިތުރުން ކްރިމިނަލް ކޯޓަށް އައްޔަނުކުރެއްވި ޏ.ފުވައްމުލައް، މާލެގަން، ފެނާތުރު، ޢާއިޝަތު ނުޒުހާ ވެސް ވަނީ މަގާމުގެ ހުވާ ކުރައްވާފައެވެ.
ނުޒުހާ ވަނީ ޤައުމީ ޔުނިވަސިޓީ އިން ބެޗްލަ އޮފް ޝަރިޢާ އެންޑް ލޯ (ވިތް އޮނަސް) އަދި މާސްޓަ އޮފް ލޯ ޙާސިލްކުރައްވާފައިވެއެވެ. ކްރިމިނަލް ކޯޓުގެ ލީގަލް އޮފިސަރެއްގެ މަޤާމް އަދާކުރައްވަމުން ގެންދެވި ނުޒުހާ ވަނީ ޤާނޫނީ ދާއިރާގައި ހަތް އަހަރު ދުވަހުގެ ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ.
ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް އައްޔަނުކުރި ޢައިޝަތު ޝިހާބް --- ސަން ފޮޓޯ: ސާތިއު
އެ ރަސްމިއްޔާތުގައި ވަނީ ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އައްޔަނުކޮށްފައިވާ ގއ.ވިލިނގިލި، މުސްތަރީގެ، ޢައިޝަތު ޝިހާބަށް ވެސް ފަތްކޮޅު އަރުވާފައެވެ.
ޢައިޝަތު ޝިހާބް ވަނީ ޤައުމީ ޔުނިވަސިޓީއިން ބެޗްލަ އޮފް ޝަރިޢާ އެންޑް ލޯ ޙާސިލު ކުރައްވައިފައެވެ. ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ޢައިޝަތު ޝިހާބް ހުންނެވީ ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަގެ މަޤާމުގައެވެ.