ރާއްޖޭގައި ކުރިއަށްގެންދާ ލިނިންގް މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖުގެ ގަދަ 16 ގައި ވާދަވެރި ކުޅުމަކަށްފަހު ރާއްޖޭގެ ޒަޔާން ހުސައިން ޒަކީ އާއި ފާތިމަތު ނަބާހާގެ ޕެއާ، މިކްސް ޑަބަލްސް އިވެންޓުން އަލްވަދާއު ކިޔައިފިއެވެ.
ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި ކުރިއަށްގެންދާ އެ މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓުގެ ގަދަ 16 އިން ނަބާހާ އާއި ޒަޔާންގެ ޕެއާ ޖާގަ ހޯދާފައިވަނީ އިއްޔެ ކުޅުނު ގަދަ 32 ގެ މެޗުގައި މެލޭޝިއާގެ ތަން ކިއެން ވެއި އާއި ޝެން ތިންގެ ޕެއާ ބަލިކޮށްގެންނެވެ.
ޒަޔާނާއި ނަބާހާ ވަނީ މިއަދު މެންދުރު ގަދަ 16 ގެ މެޗަށް ނުކުމެފައެވެ. އެ މެޗުގައި ޒަޔާނާއި ނާބާހާގެ މައްޗަށް ކުރި ހޯދައި، ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވަނީ އިންޑިއާގެ ދީޕް ރަމްބިއާ އާއި އަނާގާ އަރަވިންދާއެވެ. އެ މެޗުން އިންޑިއާގެ ޕެއާ މޮޅުވެފައިވަނީ 15-21 އަދި 19-21 އިންނެވެ.
ނަބާހާ އާއި ޒަޔާން ވަނީ 2019 ވަނަ އަހަރު ބޭއްވި ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓުން ރަން މެޑަލް ހޯދި ޕެއާއެވެ. އެއީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިޔުއެފް) އިން ބަލައިގަންނަ މުބާރާތަކުން ރާއްޖެއިން ހޯދި ފުރަތަމަ ރަން މެޑަލްއެވެ.
ރާއްޖޭގެ ނަބާހާ އާއި އާމިނަތު ނަބީހާގެ ޕެއާ ވެސް ވަނީ އަންހެނުންގެ ޑަބަލްސް އިވެންޓުގެ ގަދަ 16 ގައި މިއަދު ވާދަކޮށްފައެވެ. އެ މެޗުގައި ނަބާހާ އާއި ނަބީހާގެ ޕެއާ ބަލިވީ އިންޑިއާގެ އަނާގާ އަރަވިންދާ އާއި ރިދީ ކޯރުގެ ޕެއާ އަތުންނެވެ. އެ މެޗުން އިންޑިއާގެ ޕެއާ މޮޅުވެފައިވަނީ 18-21 އަދި 8-21 އިންނެވެ.
މިއަދު ކުޅުނު އަންހެނުންގެ ސިންގަލްސް އިވެންޓުގެ ގަދަ 32 ގެ މެޗުގައި ނަބީހާ ވަނީ މިޔަންމާގެ ތެޓް ހުތާރް ތުޒާރް އަތުން ބަލިވެފައެވެ. ގަދަ 16 ގެ ޖާގަ ކަށަވަރުކުރި މިޔަންމާގެ ކުޅުންތެރިޔާ އެ މެޗު ކާމިޔާބުކޮށްފައިވަނީ 5-21 އަދި 9-21 އިންނެވެ.
މިދިޔަ ހޯމަ ދުވަހުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ލިނިންގް މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖުގައި 33 ގައުމަކުން 303 ކުޅުންތެރިން ވާދަކުރެއެވެ.