ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރާ މައްސަލަ 54 މެމްބަރުންގެ ސޮޔާ އެކު މިއަދު މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައީސް ނަޝީދު މަގާމުން ވަކިކުރުމަށް މައްސަލަ މިއަދު ވެއްދިއިރު އެ ކަން ކުރަން އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުން ނިންމީ އިއްޔެއެވެ. އެއާއެކު މެމްބަރުންގެ ސޮއި ހަމަކުުރުމުގެ މަސައްކަތް އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް އިސްކޮށް ހުންނަވައި ފެއްޓެވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރަން ބޭނުންވަނީ 43 މެމްބަރުންގެ ވޯޓެވެ.
ރޭގެ ވަގުތެއްގައި އެމްޑީޕީން ވަނީ، އެ މައްސަލަ ހުށަހެޅުމަށް 54 މެމްބަރުންގެ ސޮއިހަމަކޮށްފައެވެ. އޭގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު، މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ސިޔާމް މުޙައްމަދު އާއި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) އާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމެވެ.
ނަޝީދު މަގާމުން ވަކިކުރުމަށް ޓަކައި މައްސަލަ މަޖިލީހަށް ވައްދައިފައިވާއިރު ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރުމުގެ މައްސަަލަ ވެސް އަންނަނީ ހިނގަމުންނެވެ.
ނަޝީދާ މެދު ހިތްހަމަނުޖެހުން ބޮޑުވީ އިމުގެ މައްސަލައިގައި އިދިކޮޅު ޕާޓީތަކުން އެކުވައިލި އިއްތިހާދުން ހުށަހެޅި ބަންޑާރަނައިބު އިބްރާހީމް ރިއްފަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޑުޖައްސާލަން ނަޝީދު ނިންމެވުމާ ގުޅިގެންނެވެ.