މޫސުން ރަނގަޅުވެއްޖެ ނަމަ، ކުރިއަށް އޮތް ހަތް ދުވަސްތެރޭ މަގު ހުޅުވައިލުމުގެ ކުރިން ކުރަންޖެހޭ މަސައްކަތްތައް އެއްކޮށް ނިންމައި އޮޑެގެއްލާ ކެފޭއާ ހިސާބަށް ތާރު އަޅައިފައިވާ އަމީނީ މަގުގެ ސަރަހައްދު ދުއްވަން ހުޅުވައިލާނެކަމަށް އާރްޑީސީން ބުނެފިއެވެ.
އާރްޑީސީގެ މީޑިއާ އޮފިޝަލް އަހްމަދު ފައިރޫޒް "ސަން"އަށް ވިދާޅުވީ މިހާރު ކުރަމުން އަންނަނީ މަގުގައި ކުރަހަންޖެހޭ ނިޝާންތައް ކުރެހުމާއި ލޭން ވަކިކުރުމުގެ މަސައްކަތް ކަމަށެވެ.
"މި މަގުގައި ކުރަހަނީ ހޫނުކޮށްގެން ބޭނުންކުރާ މެޝިނަކުން. ދެން އެ ކުލަ ހިކެން ވެސް އެބަ ނަގާ ވަގުތުކޮޅެއް. އެ ކަން ކުރެވެން މި އޮންނަނީ މޫސުން ރަނގަޅު ވެގެން،" ފައިރޫޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުރަހާ ނިމުމުން މިހާރު ސްޓެލްކޯއިން ފެށިގެން ކޮއިމަލާ ހިނގުމާ ހަމައަށް މަގު ހުޅުވައިލައިފައިވާކަމަށެވެ.
އަމީނީ މަަގުގެ ފުރަތަަމަ ހަތް ސެގްމަންޓުގައި ތާރު އަޅައި ނިމިފައިވާއިރު އަންނަ ހަފުތާ ބަންދުގައި ބިލަބޮންގާއި އެމްޑަބްލިއުއެސްސީއާ ހަމައަށް މަގު ބަންދުކޮށް ކޮނުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަކަމަށް އާރްޑީސީން ބުނެއެވެ.
އޭގެ ފަހުން އެ ހިސާބުން ޣިޔާސުއްދީން ސްކޫލާ ދެމެދު އޮންނަ ސަރަހައްދު ބަންދުކުރާނެއެެވެ.
އަމީނީމަގު ހެދުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. ޕްލޭނިން މިނިސްޓްރީއާއި އާރުޑީސީއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން 1.7 ކިލޯމީޓަރުގެ މަގުގެ ސަރަހައްދެއްގައި ތާރު އެޅުމާއި މަގުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.
މިއީ 84 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެ މަސައްކަތް ހަވާލުކުރީ 10 މަސް ތެރޭގައި ނިންމާ ގޮތަށެވެ.