ރަސްފަންނާއި ސަލްޓަންޕާކުގެ ހާލަތު ފެނިފައި ހިތާމަކުރަން، ދެ ތަން ކުރިއަށްވުރެ ފުރިހަމަކޮށްދޭނަން: ރައީސް

ރައީސް މުއިއްޒުގެ ދެކަނބަލުން ހަނގު ދަރިކަލުންނާއެކު ރަސްފަންނަށް ޒިޔާރާތްކުރައްވަނީ: އެމަނިކުފާނު ވަނީ ރަސްފަންނާއި ސަލްޓަންޕާކުގެ ހާލަތު ފެނިފައި ހިތާމަކުރައްވާ ކަމަށާއި ދެ ތަން ކުރިއަށްވުރެ ފުރިހަމަކޮށްދެއްވާނެ ކަމަށް ވިދާޅުވެފައި -- ފޮޓޯ/ އެކްސް: ކެވިންކޮސްނަ

ރަސްފަންނާއި ސަލްޓަންޕާކުގެ ހާލަތު ފެނިފައި ހިތާމަކުރައްވާ ކަމަށާއި، އެ ދެ ތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ ކުރިއަށް ވުރެ ވެސް ފުރިހަމަކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ރައީސް މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި އެންމެ ހަގު ދަރިކަލުން ވަނީ ރަސްފަންނަށް ޒިޔާރާތްކުރައްވައިފައެވެ. އެ މަނިކުފާނު ވަނީ އެ ސަރަހައްދުގައި އުޅުނު އާންމުންގެ މީހުންނާ ބައްދަލުކުރައްވައި ވާހަކަދައްވައިފައެވެ.

'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ރަސްފަންނާއި ސަލްޓަންޕާކުގެ ހާލަތު ފެނިފައި ހިތާމަކުރައްވާ ކަމަށެވެ. އަދި، އެ ދެ ތަން ވެސް ދަނީ ވީރާނާވަމުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ދެ ތަނަކީ ވެސް ތޮށްޖެހިފައިވާ މާލޭގައި ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެތަން ކަމަށް ރައީސް ވިދާޅުވިއެވެ. އެ ދެ ތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ، ކުރިއަށް ވުރެ ވެސް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ޚާއްސަ މަސަައްކަތްތަކެއް ކުރާނެކަމުގެ ޔަގީންކަން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް އެ މަނިކުފާނު ވަނީ އަރުވައިފައެވެ.

ރަސްފަންނާއި ސަލްޓަން ޕާކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ތަރައްގީކޮށްފައިވާ ތަންތަނެވެ. އޭރު އެ މަސައްކަތް ކުރެއްވީ ހައުސިން މިނިސްޓަރަކަށް ހުންނެވި ރައީސް މުއިއްޒުގެ ބެއްލެވުމުގެ ދަށުންނެވެ.

ތޮށްޖެހިފައިވާ މާލޭގައި ރައްޔިތުން ހިތްއުފާކޮށްލުމަށް ދާނެ ތަންތަން ނެތްއިރު، އެ ތަންތަން ތަރައްގީކުރުމާ އެކު ވެގެންދިޔައީ އާއިލާއާ ވަކިން ޚާއްސަކޮށް ކުޑަކުދިން ގޮވައިގެން ހިތްއުފާކޮށްލުމަށް ލިބުނު ތަންތަނަށެވެ. ނަމަވެސް، ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން މިހާރު އެ ތަންތަން ވަނީ ވަރަށް ބޮޑަށް ވީރާނާވެފައެވެ.

އެކަމުގެ ކަންބޮޑުވުން އާންމު ރައްޔިތުން ވެސް ދަނީ ފާޅުކުރަމުންނެވެ.

comment ކޮމެންޓް