ބަހުސްގައި ބައިވެރިވާން އަޅުގަނޑު މިހުރީ ކެތްމަދުވެފައި: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު-- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާގެ ބަހުސްގައި ބައިވެރިވާން އެމަނިކުފާނު ހުންނެވީ ކެތްމަދުވެފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެ ދާއިރާގެ މެމްބަރު ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރު ހަސަން ލަތީފަށް ދެއްވި ފުރުސަތަށް ފަހު ރިޔާސަތުގައި އިންނަވައި ނަޝީދު ދެއްކެވި މި ވާހަކަފުޅަކީ އެ މަނިކުފާނު މަޖިލިސް ރައީސްކަމުގެ މަގާމުން ވަކިކުރުމަށް އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ކުރައްވަމުން އަންނަ މަސައްކަތާ ގުޅުވައި ވިދާޅުވި ވާހަކަފުޅެއްކަމަށް ގަބޫލުކުރެވެއެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނު ރިޔާސަތުގައި މިހާރު އިންނަވަނީ މަޖިލިސް ތަޅުމުގައި ހިނގާ ބަހުސްގައި ބައިވެރިވުމަށް "ކެތްމަދުވެފައި" ކަމަށެވެ.

"އިއްޒަތްތެރި މެމްބަރުންނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު ކެތްމަދުވެފައި ހަގީގަތުގައި ރިޔާސަތުގައި މި އިންނަނީ. އުންމީދުކުރެވެނީ މެދު ދާއިރާގެ ބަހުސްގައި ބައިވެރިވެވޭނެކަމަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވިއިރު އެމަނިކުފާނު އެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ 54 މެމްބަރުންގެ ސޮއި ހަމަކޮށްފައިވާކަމަށް މައުލޫމާތު ލިބިއެވެ.

އެ މައްސަލަ މިއަދު މަޖިލީހަށް ހުށަަހަޅާނެކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މަޖިލިސް ރައީސްކަމުގެ މަގާމުން ރައީސް ނަޝީދު ވަކިކުރުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ނިންމީ މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެމަނިކުފާނު ހުރަސް އަޅުއްވައިކަމަށް ތުހުމަތުކުރަމުންނެވެ.

ފާއިތުވި ދެ ދުވަހު ވެސް މަޖިލީހުގެ ތަޅުން ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. މަޖިލިސް ތަޅުން ހޫނުވީ އިމުގެ މައްސަލައިގައި ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަން މަޖިލިސް ރިޔާސަތުން ހުރަސް އަަޅާކަމަށް މެމްބަރުން ތުހުމަތުކުރާތީއެވެ.

comment ކޮމެންޓް