ފުލުހުންގެ ފަސް އޮފިސަރުންގެ މައްސަލައިގައި ސިވިލް ކޯޓުގެ ހުކުމް ތަންފީޒު ނުކުރުމަށް ހައިކޯޓުގެ އަމުރެއް

ފުލުހުންގެ ފަސް އޮފިސަރަކު ވަކި ކުރުމަށް ޕޮލިސް ބޯޑުން ނިންމާފައިވާ ނިންމުން ބާތިލްކުރުމަށް ސިވިލްކޯޓުން ކަނޑައެޅި ނިޔާ ތަންފީޒުކުރުން މަޑުޖައްސާލުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ޕޮލިސް ބޯޑުން ނިންމާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހުގައެވެ. މިކަމާ ގުޅިގެން މި މައްސަލައިގައި ހިމެނޭ ފަސް އޮފިސަރުންގެ ފަރާތުން ސިވިލްކޯޓަށް ހުށަހެޅި މައްސަލައިގެ ނިޔާގެ ކަނޑައަޅާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހެވެ. ސިވިލްކޯޓުގެ ހުކުމާ ގުޅިގެން ދައުލަތުން ވަނީ ހައިކޯޓަށް އެ މައްސަލަ އިސްތިއުނާފް ކުރުމަށް ހުށަހަޅާފައެވެ.

ދައުލަތުގެ ފަރާތުން މި މައްސަލަ އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމުގައި އެ ކޯޓުން އަމުރުކޮށްފައިވަނީ، މި މައްސަލަ ބަލައި ގޮތެއް ކަނޑައަޅަންދެން ސިވިލްކޯޓުގެ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށެވެ.

މަގާމުން ވަކިކުރުމަށް ޕޮލިސް ބޯޑުން ނިންމީ ހަތް އޮފިސަރެކެވެ. އެއީ:

1. ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު
2. އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު
3. އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު
4. ސުޕްރިންޓެންޑެންޓް އިސްމާއީލް ޝަމީމް
5. ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް
6. އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ
7. ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު

އޭގެ ތެރެއިން، ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުގައި ބައިވެރިނުވަނީ ފަރުހާދު ފިކުރީ އާއި އަހްމަދު ޝުހާދެވެ.

ފަސް އޮފިސަރުންގެ ފަރާތުން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ, އެބޭފުޅުން މަގާމުން ވަކިކުރަން ނިންމިއިރު، ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިނުވާ ކަމަށާއި އަދި ވަޒީފާއިން ވަކިކުރަން ނިންމުމުގެ ބާރު ޕޮލިސް ބޯޑަށް ލިބިފައި ނުވާ ކަމަށެވެ.

އެފަހަރު ބޭއްވި ސިއްރު އަޑުއެހުންތަކަށް ފަހު ސިވިލް ކޯޓުން އޭރު ކޮށްފައިވާ ޙުކުމުގައި ބުނެފައިވަނީ, ދައުވާކުރި ފަސް އޮފިސަރުން ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމުމުގެ ބާރު ޕޮލިސް ބޯޑަށް ލިބިފައިނުވާކަން ގާނޫނީ ސަރީހަ ނައްސުން އެނގެން އޮންނަ ކަމަށެވެ.

އެހެންކަމުން އޮފިސަރުން ވަކިކޮށް ބައެއް އޮފިސަރުން ވަކިކުރުމަށް ދީފައިވާ ނޯޓިސް އަކީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ ނ. އާ ޚިލާފަށް ކޮށްފައިވާ ކަމަކަށްވާތީ އެ ނިންމުން ބާތިލް ކުރުމަށް ސިވިލްކޯޓުގެ ފަނޑިޔާރު އަލީ އަބްދުالله ކޮށްފައިވާ ޙުކުމުގައި ވަނީ އަންގައިފައެވެ.

comment ކޮމެންޓް