ޖުމުލަ 33 ގައުމަކުން 300 އަށްވުރެ ގިނަ ކުޅުންތެރިންނާއެކު ރާއްޖޭގައި ކުރިއަށްގެންދާ ލިނިންގް މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖުގައި ރާއްޖޭގެ ފާތިމަތު ނަބާހާ އާއި ޒަޔާން ހުސައިން ޒަކީގެ ޕެއާ، ގަދަ 16 އިން ޖާގައެއް ހޯދައިފިއެވެ.
ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި ކުރިއަށްގެންދާ އެ މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓުގެ ގަދަ 16 އިން ނަބާހާ އާއި ޒަޔާންގެ ޕެއާ ޖާގަ ހޯދާފައިވަނީ ގަދަ 32 ގެ މެޗުގައި މެލޭޝިއާގެ ޕެއާ ބަލިކޮށްގެންނެވެ.
މިއަދު މެންދުރުފަހު ކުޅުނު އެ މެޗުގައި މެލޭޝިއާގެ ތަން ކިއެން ވެއި އާއި ޝެން ތިންގެ ޕެއާއާ ދެކޮޅަށް ނުކުމެ، ނަބާހާ އާއި ޒަޔާންގެ ޕެއާ މޮޅުވީ ފަހަތުން އަރައި 2-1 އިންނެވެ. ފުރަތަމަ ސެޓު 21-23 އިން މެލޭޝިއާގެ ޕެއާ ގެންދިޔަ ނަމަވެސް، ނަބާހާ އާއި ޒަޔާން ވަނީ ފަހު ދެ ސެޓު 21-12 އަދި 21-12 އިން ގެންގޮސްފައެވެ.
މިކްސް ޑަބަލްސް އިވެންޓުގެ ގަދަ 16 ގެ މެޗަށް ނަބާހާ އާއި ޒަޔާން ނުކުންނަން ޖެހޭނީ މާދަމާއެވެ. އެ މެޗުގައި އެ ޕެއާ ނުކުންނާނީ އިންޑިއާގެ އަނާގާ އަރަވިންދާ އާއި ދީޕް ރަމްބިއާގެ ޕެއާއާ ދެކޮޅަށެވެ.
ނަބާހާ އާއި ޒަޔާން ވަނީ 2019 ވަނަ އަހަރު ބޭއްވި ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓުން ރަން މެޑަލް ހޯދި ޕެއާއެވެ. އެއީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިޔުއެފް) އިން ބަލައިގަންނަ މުބާރާތަކުން ރާއްޖެއިން ހޯދި ފުރަތަމަ ރަން މެޑަލްއެވެ.
އިއްޔެއިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ މުބާރާތުގައި 33 ގައުމަކުން 303 ކުޅުންތެރިން ވާދަކުރެއެވެ. ޕްރިލިމިނަރީ ބުރުގެ މެޗުތަކަށްފަހު، މެއިން ޑްރޯގެ މެޗުތައް ފަށާފައިވަނީ މިއަދުއެވެ.