ޗައިނާގެ އެހީއާއެކު ޔޫއެންޑީޕީން ރާއްޖެއަށް 10 ވެންޓިލޭޓަރު ހަދިޔާކޮށްފި

6 ޖޫން 2023: ޗައިނާގެ އެހީތެރިކަމާއެކު ޔޫއެންޑީޕީއާއި ޗައިނާ ގުޅިގެން ރާއްޖެއަށް ސިއްހީ ވަސީލަތްތައް ހަދިޔާކުރުން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ޗައިނާގެ އެހީތެރިކަމާއެކު ޔޫއެންޑީޕީއާއި ޗައިނާ ގުޅިގެން ރާއްޖެއަށް 10 ވެންޓިލޭޓަރު ހަދިޔާކޮށްފިިއެވެ.

މިއީ ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި އެ ކަމަށް އެހީތެރިވެދިނުމުގެ ގޮތުން ޗައިނާއިން ދިން އެހީތެރިކަމެކެވެ.

މި އެހީ ރާއްޖެއާ ހަވާލުކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަންގްލިޒިންއެވެ.

މިއަދު ޗައިނާއިން ރާއްޖެއަށް ހަދިޔާކޮށްފައިވަނީ 16 އޮޓޯމޭޓަޑް ޑެފިބްރިލޭޓަރާއި 10 ވެންޓިލޭޓަރުގެ އިތުރުން 4،000 އަންގިއެވެ. މި ތަކެތި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ސިއްހީ މަރުކަޒުތަކަށާއި ހޮސްޕިޓަލުތަކަށް ހެލްތު މިނިސްޓްރީން ދޭނެއެވެ.

އެގޮތުން 10 ވެންޓިލޭޓަރު ދިނުމަށް ހަމަޖެހިފައިވަނީ 10 އަތޮޅެއްގެ ހޮސްޕިޓަލަށެވެ. އެ އަތޮޅު ހޮސްޕިޓަލްތަކަކީ ހއ. އަތޮޅާއި، ށ. އަތޮޅާއި، ނ. އަތޮޅާއި، ބ. އަތޮޅާއި، ޅ. އަތޮޅާއި، މ. އަތޮޅު ރީޖަނަލް ހޮސްޕިޓަލުގެ އިތުރުން، ދ. އަތޮޅާއި، ތ. އަތޮޅާއި، ގއ. އަތޮޅުގެ އިތުރުން ފުވައްމުލަކު ހޮސްޕިޓަލެވެ.

މި އެހީތެރިކަމަކީ އޭޝިއާ އާއި ޕެސިފިކް ސަރަހައްދުގައި ކޮވިޑް19އަށް އިޖާބަ ދިނުމުގައި ޗައިނާ - ޔޫއެންޑީޕީ ޓްރެއިންގިއުލާ ކޯޕަރޭޝަން ރެސްޕޮންސްގެ ތެރެއިން ދިން އެހީއެކެވެ.

މިއީ ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ވަރުގަދަކޮށް ކޮވިޑުގެ ކޭސްތަކަށް ފަރުވާދިނުމުގެ ކެޕޭސިޓީ އިތުރުކުރުވެގެންދާނެ ކަމެއްކަމަށް ޔޫއެންޑީޕީން ބުނެއެވެ.

6 ޖޫން 2023: ޗައިނާގެ އެހީތެރިކަމާއެކު ޔޫއެންޑީޕީއާއި ޗައިނާ ގުޅިގެން ރާއްޖެއަށް ސިއްހީ ވަސީލަތްތައް ހަދިޔާކުރުން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

މި ހަފްލާގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަހްމަދު ނަސީމްވަނީ ޗައިނާއިން ރާއްޖެއަށް ވެދިން އެހީތެރިކަަމަށް ޝުކުރު އަދައިކުރައްވައިފައެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ ބޭހާއި ސިއްޙީ އާލާތްތައް އިމްޕޯޓުކުރާ ގައުމަކަށްވާއިރު ލިބޭ އެހީތެރިކަމަކީ މުހިންމު އަގުހުރި އެހީތެރިކަމެއް ކަމަށެވެ.

"ސިއްހީ ބޭހާއި ސިއްހީ ތަފާތު ވަސީލަތްތައް އިމްޕޯޓުކުރަން ޖެހޭ ގައުމެއްގެ ހައިސިއްޔަތުން މި ފަދަ އެހީތެރިކަމަކީ އަބަދުވެސް އަޅުގަނޑުމެން ބަލައިގަންނާނެ އެހީތެރިކަމެއް. މި އެހީއަކީ ޔޫއެންޑީޕީއާއި ޗައިނާގެ ގުޅުން އިތުރަށް ވަރުގަދަވުމަށް އެޅޭނެ ބޮޅެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މި ހަފްލާގައި ދެއްކެވި ވާހަކައިގައި ޗައިނާގެ ސަފީރު ވަންގް ލިޒިންވަނީ ޗައިނާއިން ރާއްޖެއާއެކު ސިއްހީ ނިޒާމު ވަރުގަދަކުރުމަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދެއްވައިފައެވެ. އަދި އެއީ ޗައިނާއިން ބޭނުންވާ ކަމެއްކަމަށް ވެސް ވިދާޅުވިއެވެ.

"ޗައިނާއިން ބޭނުންވޭ ދެ ގައުމު ގުޅިގެން ސިއްހީ ދާއިރާ ތަރައްގީކުރުމަށް މަސައްކަތްކޮށް ދިވެހީންނަށް ސިއްހީ ދާއިރާއިން ފައިދާ ލިބޭނެ މަގު ފަހިކުރަން. ހަމައެއާއެކު ޔޫއެންޑީޕީއާ ގުޅިގެން ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓިވް ތަންފީޒުކޮށް އިޖްތިމާއީ އިގްތިޞާދީ ގޮތުން ދެމެހެއްޓެނިވި ތަރައްގީއެއް ރާއްޖެއަށް ގެނެސްދިނުމަށް ވެސް ޗައިނާއިން މި ތިބީ ތައްޔާރަށް،" ލިޒިން ވިދާޅުވިއެވެ.

comment ކޮމެންޓް