ފްލެޓް އަޅަން ޖާހަށް ބިން ދޫކުރިތާ އަށް އަހަރު, 30 ދުވަސް ތެރޭގައި ބިމުގެ އަގު ދައްކަން އަންގައިފި

"ދަ ގާޑަން ރެޒިޑެންސް"ގެ މަސައްކަތް ނުނިމި ލަސްވުމާ ގުޅިގެން، އެ އިމާރާތުން ހައުސިން ޔުނިޓްތައް ގަނެފައިވާ ފަރާތްތަކުން އިހުތިޖާޖު ކުރަނީ: އެތަން ނިންމަން 30 ދުވަހުގެ ނޯޓިސް ވަނީ ދީފަ ---

ޖާހު ޕްރައިވެޓް ލިމިޓެޑްއިން ހުޅުމާލެ ފޭސް އެކެއްގައި ތަރައްޤީ ކުރަމުންދާ "ދަ ގާޑަން ރެޒިޑެންސް"ގެ މަސައްކަތް 30 ދުވަހުގެ ތެރޭގައި ނިންމައި ބިމުގެ އަގު ދެއްކުމަށް އާބަންކޯއިން އަންގައިފިއެވެ.

ޖާހް ކުންފުނިން ދަ ގާޑަންސް ފްލެޓްތައް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، 2015 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 15 ވަނަ ދުވަހުއެވެ. އެއީ ދެ އަހަރު ތެރޭގައި ނިންމާ ގޮތަށެވެ.

ނަމަވެސް އަށް އަހަރު ވެފައިވާ އެ މަޝްރޫއު އަދިވެސް ނިމިފައިނުވާއިރު އެތަނުން ހައުސިން ޔުނިޓްތައް ގަނެފައިވާ މީހުން ދާދި ފަހުން ވަނީ އިހުތިޖާޖުކޮށްފައެވެ.

އެކަމާ ގުޅިގެން އާބަންކޯއިން މިއަދު ބުނީ, ޖާހު އިންވެސްޓްމަންޓުން އިމާރާތް ކުރަމުންދާ ހައުސިން މަޝްރޫޢު ނިންމުމަށް 30 ދުވަހުގެ ނޯޓިސްއެއް ދީފައިވާ ކަމަށެވެ. އަދި އެ މަޝްރޫޢު ނުނިމި ގިނަ ދުވަސްތަކެއް ވެފައިވާއިރު، މި މައްސަލަ އިތުރަށް ބެލުމަށް ފަހު ޖާހު އިންވެސްޓްމަންޓަށް މަސައްކަތް ނިންމުމަށާއި، އާބަންކޯއަށް ދައްކަން ޖެހޭ ބިމުގެ އަގު ދެއްކުމަށް 30 ދުވަހުގެ މުއްދަތެއް ދީ އެ ކުންފުންޏަށް ނޯޓިސް ދީފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

"މިގޮތަށް ނޯޓިސް ދިނުމުގެ ކުރިން އެކި ފަހަރުމަތިން މަސައްކަތްތައް ނިންމުމަށް ގިނަ ފުރުސަތުތަކެއް މި ކޯޕަރޭޝަނުގެ ފަރާތުން ޖާހު އިންވެސްޓްމަންޓަށް ވަނީ ދެވިފައިކަން ފާހަގަކުރަން," އާބަންކޯ އިން ބުންޏެވެ.

ދެ އަހަރު ތެރޭގައި މަސައްކަތް ނުނިމި ވަނިކޮށް 2020 ވަނަ އަހަރު ކޮވިޑް-19 ގެ ބަލިމަޑުމަކާ ގުޅިގެން މަސައްކަތްތައް ވަނީ އިތުރަށް ލަސްވެފައެވެ. އެގޮތުން މުދާ އެތެރެކުރުމާއި، މަސައްކަތްތެރިން ރާއްޖެ ގެނައުމުގައި ކުރިމަތިލާން ޖެހުނު ދަތިތަކަކީ މި މަޝްރޫއުތައް ނުނިމި ދިގުލައިގެންދިޔަ މައިގަނޑު ސަބަބުތައް ކަމަށް ޖާހް ކުންފުނިން މީގެ ކުރިން ބުނެފައިވެއެވެ.

އޭރު ޖާހް އިންވެސްޓްމަންޓުން ބުނީ ހުޅުމާލެ ބަގީޗާ ހިނގުމުގައި ތަރައްޤީ ކުރަމުންދާ "ދަ ގާޑަންސް ރެސިޑެންސް" ގެ ފްލެޓްތައް މިއަހަރުގެ ފެބުރުއަރީ މަހު އެއްކޮށް ނިންމާ މީހުންނަށް ހަވާލުކުރެވޭވަރު ވާނެ ކަމަށެވެ. ނަމަވެސް އޭގެ ފަހުން ހަ މަހަށްވުރެ ގިނަ ދުވަސްވެގެން ދިޔަ އިރުވެސް އެ މަސައްކަތް ނިމިފައި ނުވުމަކީ އެ އިމާރާތުން ފްލެޓްތައް ގަނެފައިވާ ފަރާތްތަކުގެ މައިގަނޑު ކަންބޮޑުވުމެކެވެ.

އެޗްޑީއެފްސީގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުގައި ވާގޮތުން ޖާހުން އަޅާ ފްލެޓްގެ 95 އިންސައްތަ މަސައްކަތް ނިމިފައި ވީނަމަވެސް ފްލެޓްގެ މަސައްކަތް މުޅިން ނިމޭނެ ތާރީޚެއް ބަޔާންކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް