މަޖީދީ މަގުގައި ކަތިވަޅި ހިފައިގެން މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި އެކަކުގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރު ކުރުމުން ދޫކޮށްލައިފިއެވެ.
ހުކުރު ދުވަހުގެ ރޭ 11:25 ހާއިރު މަޖީދީމަގު ޑައިނަމޯ ކައިރީގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ބަޔަކު ހުއްޓުވާފައިވާއިރު އެތަނުން ފުލުހުންނަށް އަތުލެވުނީ އެންމެ މީހެކެވެ.
މާރާމާރީ ހިންގަން އުޅުނު ބައެއް މީހުން ވަނީ ފިލާފައި ކަމަށާއި އެގޮތުން ދެ މީހުން ފިލާފައިވަނީ އެ މީހުން ދުއްވި ދެ ސައިކަލު އެތަނަށް ދޫކޮށްލާފައި ކަމަށް ފުލުހުން އޭރު ބުންޏެވެ. އެ ދެ ސައިކަލު ފުލުހުން ވަނީ ޓޯކޮށްގެން ގެންގޮސްފައެވެ.
އެ މައްސަލައާ ގުޅިގެން އިއްޔެ ހައްޔަރުކޮށްފައިވަނީ އެތަނުން އެއް ސައިކަލް ދުއްވަން އިން މީހާކަން ވަނީ އެނގިފައެވެ.
ތޫނު ހަތިޔާރު ގެންގުޅުނު ކަމަށް ތުހުމަތުކުރި ނަމަވެސް އުމުރުން 22 އަހަރުގެ އެ ޒުވާނާގެ ބަންދުގެ މުއްދަތު އިތުރު ނުކޮށް މިއަދު ކްރިމިނަލް ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ ތުހުމަތެއް ވުޖޫދުވާ މިންވަރަށް ހެކި ހުށަހަޅާފައި ނެތުމެވެ.
އޭނާ ބަންދުން ދޫކޮށްލި ކޯޓު އަމުރުން އެނގޭ ގޮތުގައި ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ ފުލުހުންގެ ހާދިސާ ރިޕޯޓެއްގެ އިތުރުން ފުލުހެއްގެ ބަޔާނެވެ. އެ ރިޕޯޓްގައި ހުރި ކަންކަމުން ހަމައެކަނި ފާހަގަވެފައިވަނީ ތުހުމަތުކުރެވޭ މީހާ ސައިކަލެއް ދޫކޮށްލާފައިދިޔަކަން އެކަނި ކަމަށް ވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ. އަދި އޭނާ މާރާމާރީ ހިންގުން ނުވަތަ މަގްބޫލް ސަބަބެއް ނެތި އާއްމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ތުހުމަތު ވުޖޫދުވާ މިންވަރަށް ދަލީލެއް ނުލިބޭ ކަމަށް ވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
އެހެންކަމުން ތުހުމަތެއް ވުޖޫދުވާ މިންވަރަށް ހެކި ނެތުމުން އޭނާ ބަންދުން ދޫކޮށްލަން ވަނީ އަމުރުކޮށްފައެވެ.
އެ މާރާމާރީއާ ގުޅިގެން ކުށުގެ ވެށިން ހައްޔަރުކޮށްފައިވަނީ ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމްއެވެ. އޭނާއަކީ، ހއ. ތަކަންދޫ، އިބްރާހީމީ ހިޔާ، ނަދީމް އަބްދުއްރަހީމް މަރާލި ކަމުގެ ތުހުމަތުގައި ދައުވާ އުފުލި އެކަކެވެ.
މަފާޒުގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް އިތުރު ކޮށްދީފައެވެ.