ހަތަރު އިވެންޓެއް ހިމެނޭގޮތަށް މިއަހަރުގެ ގައުމީ ބޮޑީބޯޑިން ލީގު އިއުލާންކޮށްފިއެވެ.
ގައުމީ ބޮޑީބޯޑިން ލީގު ރަސްމީކޮށް އިއުލާންކޮށްފައިވަނީ އެކަމަށް ހެންވޭރު ބޯޅަގޭގައި މިއަދު ބޭއްވި ހާއްސަ ހަފުލާއެއްގައެވެ. އެ ހަފުލާގައި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ އާއި ލީގު އިންތިޒާމުކުރާ މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) ގެ ރައީސް އަބްދުﷲ އަރީފް (ފުކޫ) ބައިވެރިވެވަޑައިގެންނެވިއެވެ.

ގައުމީ ބޮޑީބޯޑިން ލީގު 2023 އިއުލާންކުރުމަށް ބޭއްވި ހަފުލާގައި އެމްބީބީއޭގެ ރައީސް އަބްދުﷲ އަރީފް (ފުކޫ) ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
މިއަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގައި ހަތަރު އިވެންޓެއް ހިމެނިފައިވާ އިރު، އޭގެ ތެރެއިން ދެ އިވެންޓެއް ބޭއްވުމަށް ހަމަޖެހިފައިވަނީ މާލެއިން ބޭރުގައެވެ. އެއީ ފުވައްމުލައް ސިޓީ އާއި ކ. ތުލުސްދޫގައި ބޭއްވާ އިވެންޓުތަކެކެވެ.
ލީގުގެ ފުރަތަަމަ އިވެންޓަކީ މިމަހުގެ 17 އިން 23 އަށް މާލޭގެ ވަރުނުލާ ރާޅުގަނޑުގައި ބާއްވާ ބުރުނު ޝިކާރުއެވެ. އެއީ ބުރުނު ޝިކާރުގެ ފަސްވަނަ ސީރީސްއެވެ. އަންނަ ސެޕްޓެމްބަރު 21 އިން 29 އަށް ފުވައްމުލަކު ބޮޑީބޯޑިން ޗެލެންޖް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އިރު، އަންނަ އޮކްޓޯބަރު 13 އިން 21 އަށް ތުލުސްދޫގައި ރަންދާ ބޮޑީބޯޑިން ޗެލެންޖް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ލީގުގެ ފަހު އިވެންޓަކީ އަންނަ ނޮވެމްބަރު 21 އިން ޑިސެމްބަރު 1 އަށް ބާއްވާ ނޭޝަނަލް ބޮޑުފިލާ ޗެލެންޖެވެ.

ގައުމީ ބޮޑީބޯޑިން ލީގު 2023 އިއުލާންކުރުމަށް ބޭއްވި ހަފުލާގައި އެމްބީބީއޭގެ ޖެނެރަލް ސެކްރެޓަރީ ހަސަން ރަޝީދު (ރަޝް) -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
ލީގާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެމްބީބީއޭގެ ޖެނެރަލް ސެކްރެޓަރީ ހަސަން ރަޝީދު (ރަޝް) ވިދާޅުވީ އެކި މުބާރާތްތަކުން ޕޮއިންޓް ލިބޭނީ އެކި އަދަދަށް ކަމަށާއި ހުރިހާ އިވެންޓަކުން ވެސް ޕޮއިންޓް ހޯދަން ޖެހޭ ގޮތަށް ހަދާފައިވާނީ ލީގު އިތުރަށް ފޯރިގަދަކުރުމުގެ ގޮތުން ކަމަށެވެ. އަދި ހުރިހާ އިވެންޓަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ބޮޑީބޯޑަރަށް ލީގު ޗެމްޕިއަންކަން ލިބޭ އިރު، ފުވައްމުލަކާއި ތުލުސްދޫގައި ބާއްވާ އިވެންޓަކީ ވެސް އެތުލީޓުންނަށް މުހިންމު އިވެންޓުތަކަކަށްވާނެ ކަމަށް ރަޝް ވިދާޅުވިއެވެ.
"މިދިޔަ އަހަރު ވެސް 50 އެއްހާ ބޮޑީބޯޑަރުން ބައިވެރިވި. އަތޮޅުތެރެއިން ފުވައްމުލަކާއި ލ. އަތޮޅުން ބައިވެރިވި. ފުވައްމުލަކުގެ އެތުލީޓުން މިހާރު ގައުމީ ޓީމުގައި ވެސް ހިމެނޭ. އަދި މިއަހަރު ބޭއްވި ސްޕޯޓްސް އެވޯޑްސްގައި ވެސް ފުވައްމުލަކުގެ އެތުލީޓެއް ވަނީ ނޮމިނޭޓުވެފައި،" އޭނާ ވިދާޅުވިއެވެ.
އެ ހަފުލާގައި ވާހަކަދައްކަވަމުން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް ވިދާޅުވީ ސަރުކާރުން މޫދު ކުޅިވަރުތަކަށް ބޮޑު އަހައްމިޔަތުކަމެއް ދެމުންދާ ކަމަށާއި މިފަދަ ލީގެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ފެށިގެން ދިއުމަކީ އެތުލީޓުންނަށް ލިބިގެންދާނެ ބޮޑު ކުރިއެރުމަކަށް ވެގެންދާނެ ކަމަށެވެ.
އެމްބީބީއޭގެ ރައީސް ފުކޫ ވިދާޅުވީ ބޮޑީބޯޑިންއަށް ސަރުކާރުން ދޭ އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކުރާ ކަމަށާއި ސްޕޮންސަރުން ހޯދުމަށް ހުރި ދަތިތަކާ ހުރެ ލަސްތަކެއް އައި ނަމަވެސް، މިހާރު ހަރަކާތްތަކަށް ފުރިހަމައަށް ތައްޔާރުވެވިފައިވާ ކަމަށެވެ.

ގައުމީ ބޮޑީބޯޑިން ލީގު 2023 އިއުލާންކުރުމަށް ބޭއްވި ހަފުލާގައި މިދިޔަ އަހަރު ލީގުގެ ޖޫނިއާ ޗެމްޕިއަން އަދި ވިސިޓް މޯލްޑިވްސް އިވެންޓުގެ ފައިނަލިސްޓު އާމިން އުމަރު މޫސާ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
މިއަދު ބޭއްވި ހަފުލާގައި މިދިޔަ އަހަރުގެ ލީގުގެ ޖޫނިއާ ޗެމްޕިއަން އަދި ވިސިޓް މޯލްޑިވްސް އިވެންޓުގެ ފައިނަލިސްޓު އާމިން އުމަރު މޫސާ ވެސް ބައިވެރިވިއެވެ. ނޫސްވެރިންނާ ވާހަކަދައްކަމުން އޭނާ ބުނީ މިހާރު ބޮޑީބޯޑިން ވަރަށް ވާދަވެރި ކަމަށާއި މިއަހަރުގެ ލީގު މިދިޔަ އަހަރަށްވުރެ ވެސް ވާދަވެރިވާނެ ކަމަށެވެ. އަދި މިހާރު ބޮޑީބޯޑަރުން ލީގަށް އަމާޒުކޮށްގެން މަސައްކަތް ފަށާފައިވާކަން ވެސް ފާހަގަކުރިއެވެ.