ފައިސާގެ ދަތިތަކާ ގުޅިގެން ގައުމީ ބޮޑީބޯޑިން ލީގުގެ ދެ އިވެންޓެއް ކެންސަލްކޮށްފި

މިއަހަރު ބެއްވި ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖްގެ ތެރެއިން -- ފޮޓޯ/ ހުމައިދު، އެމްބީބީއޭ

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން ބާއްވާ ގައުމީ ބޮޑީބޯޑިން ލީގުގެ ދެ އިވެންޓެއް ކެންސަލްކުރުމަށް ނިންމައިފިއެވެ.

އެމްބީބީއޭ އިން ނެރުނު އިއުލާނެއްގައި ބުނީ މިއަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގައި ހިމެނޭ ރަންދާ ބޮޑީބޯޑިން ޗެލެންޖާއި ފުވައްމުލަކު ބޮޑީބޯޑިން ޗެލެންޖް ކެންސަލްކުރުމަށް ހިންގާ ކޮމިޓީން ނިންމާފައިވަނީ ފައިސާގެ ދަތިތަކެއް ކުރިމަތިވެ، އެކަމަށް ވަގުތު ވެސް ނެތުމުން ކަމަށެވެ. އެ ދެ އިވެންޓަކީ މާލެއިން ބޭރުގައި ބާއްވާ ދެ އިވެންޓެކެވެ.

ގައުމީ ބޮޑީބޯޑިން ލީގު ރޭންކިންގެ ފައިނަލް އިވެންޓެއްގެ ގޮތުގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ގައުމީ ބަނޑުފިއްލާ ޗެލެންޖެވެ. އަދި އަންނަ އަހަރަށް ގައުމީ ޓީމު އެކުލަވާލާނީ މިއަހަރުގެ ލީގުގެ ސީނިއާ އަދި ޖޫނިއާ ޑިވިޝަންގެ ރޭންކިންއަށް ބަލައިގެން ކަމަށް އެމްބީބީއޭ އިން ބުންޏެވެ.

އެމްބީބީއޭ އިން ބުނީ ދެ އިވެންޓެއް ކެންސަލްކުރަން ޖެހުމުން އެކަމަށްޓަކައި އެތުލީޓުންނާއި ސްޕަންސަރު އަދި ބޮޑީބޯޑިން އާއިލާގެ ކިބައިން މައާފަށް އެދޭ ކަމަށާއި ކުރިއަށްއޮތްތަނުގައި އެކަންކަން ތަކުރާރުނުވާނެ ގޮތަކަށް ކަންކަން ރާވާނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

ގައުމީ ބޮޑީބޯޑިން ލީގު ރޭންކިންގެ ފައިނަލް އިވެންޓެއްގެ ގޮތުގައި ބާއްވާ ގައުމީ ބަނޑުފިއްލާ ޗެލެންޖު ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ މިމަހުގެ 18 އިން 22ގެ ނިޔަލަށް ވަރުނުލާ ރާޅުގަނޑުގައެވެ. އެ އިވެންޓުގައި ފިރިހެނުންގެ އޯޕަން، ޖޫނިއާ، އަންހެނުންގެ އޯޕަން، ޑްރޮޕްނީ އަދި މާސްޓާސް ޑިވިޝަން ކުރިއަށްދާނެއެވެ.

comment ކޮމެންޓް