ތެލަސީމިއާ ކުދިންނަށް ޖަހާ ޑެސްފެރޯލް ރާއްޖެއިން ހުސްވެއްޖެ

ތެލަސީމިއާ ކުދިން ބޭނުންކުރާ ޑެސްފަރޮލް އިންޖެކްޝަން -- ފޮޮޓޯ/ ޓްވިޓާ

ތެލަސީމިއާ ކުދިންގެ ގަޔަށް ޖަހާ ޑެސްފެރޯލް ބޭސް ރާއްޖެއިން ހުސްވެއްޖެއެވެ.

ޑެސްފެރޯއަކީ ތެލަސީމިއާއަށް ލޭއަޅާ ކުދިންގެ ހަށިގަނޑުގައި ގިނަވާ ދަގަނޑުގެ ބައި ދަށްކުރަން ޖަހާ އިންޖެކްޝަނެކެވެ.

ޑެސްފެރޯލް ރައްޖެއިން ހުސްވެފައިވާ ކަން ތެލަސީމިއާ ސޮސައިޓީ އޮފް މޯލްޑިވްސްގެ އޮފިޝަލަކު މިއަދު "ސަން"އަށް ވަނީ ކަށަވަރުކޮށްދީފައެވެ.

އެގޮތުން ބޭސް ހުސްވެފައިވަނީ ރާއްޖެއަށް ބޭސް ފޯރުކޮށްދޭ ކުންފުންޏަށް ދިމާވި މައްސަލައަކާ ގުޅިގެން ކުއްލި ގޮތަކަށް ބޭސް ފޯރުކޮށްދިނުން ހުއްޓާލުމުން ކަމަށް އޭނާ ބުންޏެވެ. އަދި، ބޭސް ގެނެވޭނެ އިތުރު ގޮތެއް ހޯދައިގެން ވެސް އެންމެ އަވަހަށް ވެސް މި ބޭސް ރާއްޖެއަށް ލިބޭނީ މި މަހުގެ 15 ހިސާބުގައި ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި، ޑެސްފެރޯލް ހުސްވެފައިވާކަން ސަމާލުކަމަށް އައުމާ އެކު، މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް)އާ ގުޅާ ހުރިހާ ތެލަސީމިއާ ކުދިންނަށް ވެސް މައުލޫމާތު ފޯރުކޯށްދީ އެ ކަމުގައި އެހެން ގޮތް ގޮތުން އެހީތެރިވަމުންދާ ކަމަށެވެ.

"ބައެއް ކުދިންނަށް ހަމައެކަނި ޑެސްފެރޯލް ބޭނުން ކުރަން ޖެހުނަސް، ތިބޭނެ އެހެން ބޭސް ވެސް ބޭނުން ކުރެވޭނެ ކުދިން. އެހެންވެ، މިހާރު ޑެސްފެރޯލް ހުސްވެފައިވާތީ އެހެން ގޮތް ގޮތަށް ވެސް އެކަމަށް ހައްލެއް ހޯދައިދިނުމުގެ މަސައްކަތް އެބަދޭ. އެހެންވެ އިދާރާތަކުން މަސައްކަތް ކުރާ ކަން އެނގޭ،" އޭނާ ބުންޏެވެ.

އޭނާ ބުނީ، މި ގޮތަށް ދިމާވި ވަގުތު އިއްތިފާގުން ދިމާވީ މިހާރު ހުރި ބޭސްތަކުގެ މުއްދަތު މިދިޔަ މަހުގެ 31 އަށް ހަމަވެފައި ވަނިކޮށް ކަމަށެވެ.

ޑެސްފެރޯލް ހުސްވެގެން ތެލަސީމިއާ ގިނަ ކުދިންތަކެއް ސޯޝަލް މީޑީއާގައި ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް އާ ސްޓޮކް ގެނައުން ލަސްވަނީ، ކުއްލިއަކަށް ދިމާވި މައްސަލައަކަށް ވުމުގެ ސަބަބުން، ސަޕްލައި ކުރާނެ އިތުރު ގޮތެއް ހޯދަން ވެގެން ކަމަށް ތެލަސީމިއާ ސޮސައިޓީން ވާހަކަ ދެއްކި އޮފިޝަލު ބުންޏެވެ.

comment ކޮމެންޓް