ރަޝިއާގެ އެންމެ ފެންވަރުމަތީ ހޮސްޕިޓަލުގެ އަޑީގައި ނިއުކްލިޔާ ބިންގަރާހެއް ބިނާކުރަނީ

މޮސްކޯ ސެންޓްރަލް ހޮސްޕިޓަލް

މޮސްކޯ (05 ޖޫން 2023): ރަޝިއާގެ ވެރިރަށް މޮސްކޯގައި ހުންނަ އެންމެ ފެންވަރު ރަނގަނޅު ހޮސްޕިޓަލް ކަމަށްވާ "މޮސްކޯ ސެންޓްރަލް ހޮސްޕިޓަލް" ހުރި ބިމު އަޑީގައި ނިއުކްލިޔާ ހަމަލާތަކުން ސަލާމަތްވުމުގެ ގާބިލްކަން ލިބިފައިވާ ބޮޑު ބިންގަރާހެއް ބިނާކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ރަޝިއާގައި އިނގިރޭސި ބަހުން ނުކުންނަ ނޫހެއް ކަމަށްވާ "މޮސްކޯ ޓައިމްސް" ބުނާ ގޮތުން މި ބިންގަރާސް ބިނާކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ނިއުކްލިޔާ ގޮވުންތަކުން ރައްކާތެރިކަން ލިބުމާ އަދި އެ ގޮވުންތަކާ އެކު ނުކުންނަ އިންސާނީ ނަސްލު ނައްތާލާ ރޭޝިއޭޝަންތައް ކަމަށްވާ "އަލްފާ" "ބީޓާ" އަދި "ގެމާ" ރޭޑިއޭޝަންތަކުން ސަލާމަތްވާ ގޮތަށް ބިންގަރާސްތައް ހެދުމުގައި ނަން މަޝްހޫރު ރަޝިއާ ކުންފުންޏަކާއެވެ.

މި ބިންގަރާސް ބިނާކުރުމުގެ އެއްބަސްވުމުގައި އެ ކުންފުންޏާއި "މޮސްކޯ ސެންޓްރަލް ހޮސްޕިޓަލް"ގެ މަސްއޫލުވެރިން މިދިޔަ މޭ މަހު ސޮއިކުރައްވާފައިވާ ކަމަށް "މޮސްކޯ ޓައިމްސް" ބުނެއެވެ.

ރަޝިއާއަކީ ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިޔާ ބާރެވެ. އަދި, ނިއުކްލިޔާ ރިއެކްޓަރުތަކާއި އިންޖީނުގެތަކާ އަދި ނިއުކްލިޔާ ލެބޯޓްރީތައް ބިނާ ކުރުމުގެ ފަންނީ ގާބިލުކަން ދުނިޔޭގެ ފެންވަރުގައި ވެސް އެންމެ ބޮޑީ ރަޝިއާގެ ނިއުކްލިޔާ ހަކަތައާ ބެހޭ ކުންފުނިތަކުގައެވެ.

"މޮސްކޯ ސެންޓްރަލް ހޮސްޕިޓަލް" އަކީ ރަޝިއާގެ އިއްތިޙާދީ ރައީސްގެ އޮފީސް ކަމަށްވާ ކްރެމްލިންއަށް ނިސްބަތްވާ ބޮޑު ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ އަޑީގައި މި ބިންގަރާސް ބިނާ ކުރުމުގެ މަޝްރޫއު ރާވާފައިވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހަށް މަސައްކަތް ނިންމާ ގޮތަށެވެ.

މި ބިންގަރާސް ފަރުމާ ކޮށްފައިވަނީ މަދުވެގެން 800 މީހުންނަށް ނިއުކްލިޔާ ގޮވުންތަކާއި ނިއުކްލިޔާ ރޭޑިއޭޝަންތަކުން ސަލާމަތްކަން ލިބޭ ގޮތަށް ކަމަށްވެއެވެ. މި ހޮސްޕިޓަލަކީ ރަޝިއާގެ ރިޔާސަތަށް ޚާއްސަ ހޮސްޕިޓަލެއް ކަމަށްވާއިރު މި ތަނުގެ އަޑީގައި ހަދާ ބިންގަރާހަކީ ވެސް ރަޝިއާ ސަރުކާރުގެ އެންމެ އިސް ސަފުގައި ހިމެނޭ އިސްވެރިންނާއި އެލީޓުންނާއި އެ މީހުންގެ އާއިލާތަކަށް ޚާއްސަ ތަނެއް ކަމަށް ވަނީ ބެލެވިފައެވެ.

ނިއުކްލިޔާ ގޮވުންތަކާ އަދި ނިއުކްލިޔާ ރޭޑިއޭޝަންތަކުން ސަލާމަތްވުމަށް ޚާއްސަ ބިންގަރާސްތައް ރަޝިއާގެ އެކި ކަންކޮޅުތަކުގައި ބިނާކޮށްފައިވެއެވެ. މީގެ ތެރޭގައި ކުރީގެ ސޮވިއެޓް ޔުނިޔަންގެ ޒަމާނުގައި ބިނާކޮށްފައިވާ ތަންތަނާ އަދި މިހާރުގެ ރަޝިއާއިން ބިނާކޮށްފައިވާ ތަންތަން ވެސް ހިމެނެއެވެ. ރިޕޯޓްތައް ބުނާ ގޮތުން ރަޝިއާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންގެ ގޯތި ތެރޭގައިވާ ބިމުގެ އަޑީގައި ވެސް މި ބާވަތުގެ ބިންގަރާހެއް ބިނާކޮށްފައިވެއެވެ.

ރަޝިއާގެ ވެރިރަށް މޮސްކޯއަށް ހަމަލާދޭ ޑްރޯންތައް މި ފަހަކަށް އައިސްވަނީ ވަންނަން ފަށާފައެވެ. މި ކަމުގެ ފަހަތުގައިވާކަމުގެ ތުހުމަތު ރަޝިއާއިން ކުރަނީ ޔުކްރެއިންގެ މައްޗަށެވެ. މޮސްކޯއަށް ވަންނަ ޑްރޯންތައް އޭގެ އަމާޒަށް ވާސިލުވުމުގެ ކުރިން ވައްޓާލި ނަމަވެސް އެތަކެތި ވައްޓާލުމުގެ ތެރޭގައި މާއްދީ ގެއްލުންތައް ލިބެއެވެ. މީގެ ތެރޭގައި ތެރޭގައި އިމާރާތްތަކަށް ގެއްލުން ލިބުން ވެސް ހިމެނެއެވެ.

"މޮސްކޯ ސެންޓްރަލް ހޮސްޕިޓަލް" ހުރި ބިމު އަޑީގައި ނިއުކްލިޔާ ހަމަލާތަކުން ސަލާމަތްވުމަށް ޚާއްސަކޮށްގެން ބިންގަރާހެއް ހަދަން މި ފެށީ މޮސްކޯއަށް އަމާޒުކުރާ ޑްރޯން ހަމަލާއެއްގެ ތެރެއިން ނިއުކްލިޔާ ހަމަލާއެއް ދީފާނެކަމުގެ ބިރުއޮތުމުން ކަމަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މުރާސިލުން ބުނެއެވެ.

ރަޝިއާގެ މީޑިއާ ބުނާ ގޮތުން ޔުކްރެއިން އިން ރަޝިއާއަށް ޑްރޯން ހަމަލާދެވޭތޯ ބަލަނީ ޔުކްރެއިންގައި ރަޝިއާ ކުރަމުންގެންދާ ހަނގުރާމައިގާ ރަޝިއާގެ މައްޗަށް ކުރި ހޯދުމުގައި ޔުކްރެއިން ފެއިލްވެފައިވާތީ އެހެން އުކުޅެއް ބޭނުންކޮށްގެން އެމެރިކާއާއި ނޭޓޯގެ ގައުމުތަކުގެ ރުހުން ހޯދުމުގެ ބޭނުމުގައެވެ. މިއީ އެމެރިކާއާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކުގެ ރޭވުމުގެ ދަށުން ޔުކްރެއިން ހިންގާ އަމަލެއްކަމަށް ރަޝިއާ ތުހުމަތު ކުރެއެވެ.

ޔުކްރެއިނުން ރަޝިއާއަށް ފޮނުވާ ޑްރޯންތަކަށް ރަޝިއާ ބަދަލު ހިފަނީ ޔުކްރެއިންގެ ވެރިރަށް ކިޔޭވް އަށާއި ޔުކްރެއިންގެ ބޮޑެތި ސިޓީތަކާއި ކޮމާންޑް ސެންޓަރުތަކާ އަދި ހަތިޔާރު ގުދަންތަކަށް އާދަޔާ ޚިލާފަށް ވަރުގަދަ ހަމަލާތަކެއް ދީގެންނެވެ.

ރަޝިއާ ޔުކްރެއިނަށް ދޭ ހަމަލާތަކުގެ ތެރޭގައި ކެލިބާއާއި އިސްކަންދަރު މަރުކާގެ ބަލިސްޓިކް މިސައިލް ހަމަލާތަކާއި އަޑަށްވުރެ ނުވަ ގުނައަށް ބާރަށް ދަތުރުކުރާ ކިންޒާލް މިސައިލް ފަދަ ބާރުގަދަ މިސައިލްތައް ބޭނުންކޮށްގެން ދޭ ހަމަލާތައް ހިމެނެއެވެ. ރަޝިއާގެ ރައްދު ހަމަލާތަކުގައި ޔުކްރެއިނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަން ޚުދު ޔުކްރެއިނުން ވެސް ވަނީ އެއްބަސްވެފައެވެ.

comment ކޮމެންޓް