ރަޝިއަން ފެޑަރޭޝަން އަދި ކިންގްޑަމް އޮފް މޮރޮކޯއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް އައްޔަނުކުރެއްވުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހެޅުއްވި ދެބޭފުޅުންނަށް މަޖިލީހުގެ އިއްތިފާގުން މިއަދު ރުހުން ދީފިއެވެ.
އެ ދެ ގައުމަށް ނޮން-ރެސިޑެންޓް ސަފީރުންގެ ގޮތުގައި އައްޔަނުކުރުމަށް ނަން ފޮނުއްވި ދެބޭފުޅުންނަކީ:
- ތުރުކީއަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ކުރިން ހުންނެވި ލެފްޓިނެންޓް ޖެނެރަލް (ރިޓަޔާޑް) އަބްދުއްރަހީމް އަބްދުއްލަތީފް - ރަޝިއަން ފެޑަރޭޝަން ރާއްޖެއިން ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް އައްޔަނުކުރުމަށް.
- ސައުދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު އަހުމަދު ސަރީރު - ކިންގްޑަމް އޮފް މޮރޮކޯއަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް އައްޔަނުކުރުމަށް.
ރަޝިއަން ފެޑަރޭޝަން އަބްދުއްލަތީފް އައްޔަނުކުރުމަށް މިއަދު ނެގި ވޯޓުގައި 65 މެންބަރުން ވަނީ ރުހުން ދޭން ވޯޓުދީފައެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދީފައެއްނުވެއެވެ.
މޮރޮކޯއަށް ސަރީރު އައްޔަނުކުރުމަށް މިއަދު ނެގި ވޯޓުގައި 64 މެންބަރުން ވަނީ ރުހުން ދޭން ވޯޓުދީފައެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދީފައެއްނުވެއެވެ.
މިދިޔަ ސަރުކާރުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް ސިފައިންގެ ޗީފަކަށް އައްޔަން ކުރެއްވީ ރައީސް މުއިއްޒު ވެރިކަމުގެ ހުވާކުރެއްވުމަށް ފަހު، 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހެވެ.
ނަމަވެސް އަބްދުއްރަހީމް ސިފައިންގެ ޚިދުމަތާ ދުރަށް ވަޑައިގެންފައި ވަނީ 39 އަހަރުގެ ޚިދުމަތަށްފަހު، އޭނާގެ އުމުރުފުޅުން 60 އަހަރުވުމުންނެވެ. ސިފައިންގެ ގާނޫނު ބުނާގޮތުން، އެ ވަޒީފާގައި ހުރެވޭނެ އެންމެ ދޮށީ އުމުރަކީ 60 އަހަރެވެ.
ސަރީރު ވަނީ މީގެ ކުރިންރާއްޖޭގެ ޚާރިޖީ ދާއިރާގެ އެކި މަގާމުތައް ފުރުއްވާފައެވެ. އަދި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އެކި ފެންވަރުގެ މަގާމުތައް ވެސް އަދާކުރެއްވިއެވެ.
އެގޮތުން ފޮރިން ސެކްރެޓަރީގެ މަގާމު އަދާކުރެއްވިއެވެ. މީގެ އިތުރުން އދ. އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ޕާމަނަންޓް ރެޕްރެޒެންޓޭޓިވްގެ މަގާމާއި އެމެރިކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމު ވެސް އަދާކުރެއްވިއެވެ.
ސަރީރު ވަނީ ފޮރިން އެފެއާޒް އެންޑް ޓްރޭޑް ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިފަހުން ސަރީރަށް ވަނީ އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަދި މިސްރަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރުކަމަށް އައްޔަނުކުރުމަށް މަޖިލީހުން ރުހުންދީފައެވެ.
އަދި އޭގެ އިތުރުން ވެސް ގިނަ ނޮން-ރެޒިޑެންޓް ސަފީރުން އައްޔަނުކުރުމަށް ރައީސް ފޮނުވާފައިވާ ބޭބޭފުޅުންނަށް މަޖިލީހުން ވަނީ ރުހުން ދީފައެވެ.