ބާލިން (24 ފެބްރުއަރީ 2025) : ޖަރުމަނުގައި ބޭއްވި އާންމު އިންތިޚާބު އެ ގައުމުގެ އިދިކޮޅު ދެ ޕާޓީ ގުޅިގެން އުފައްދާފައިވާ އިދިކޮޅު ކޯލިޝަންއިން ކާމިޔާބު ކޮށްފިއެވެ.
ޖަރުމަނާއި ރަޝިއާގެ ނޫސްތައް ވަނީ މިއީ ޖަރުމަނުން ރަޝިއާ އާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން އިގްތިސާދަށް އެރި ލޮޅުމުގެ ނަތީޖާކަމަށް ސިފަކޮށްފައެވެ.
ޗާންސެލާ އޮލްފް ޝޯލްޒްގެ ޒައާމަތުގައި މިހާރު ވެރިކަމުގައި އޮތް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެސް.ޕީ.ޑީ) ވަނީ މި އިންތިޚާބުގައި ވަރަށް ބޮޑަށް ބަލިވެފައެވެ. އެ ޕާޓީގެ ކޯލިޝަނަކަށް ލިބުނީ ޕާލަމެންޓްގެ އެންމެ 16.5 އިން ސައްތަ ގޮނޑިއެވެ. އެއީ 121 ގޮނޑިއެވެ. ޖަރުމަނުގެ ޕާލަމެންޓް (ބަންޑެސްޓަގް) ގައި ހިމެނެނީ ޖުމްލަ 630 ގޮނޑިއެވެ.
އިއްޔެ ބޭއްވި އިންތިޚާބުގައި ޕާލަމެންޓްގެ 28.5 އިންސައްތަ (208 ގޮނޑި) ހޯދައިގެން އިންތިޚާބުގައި ކުރި ހޯދާފައިވަނީ ކޮންޒަވެޓިވް ދެ ޕާޓީކަމަށްވާ ސީޑީޔޫ އާއި ސީއެސްޔޫ ގުޅިގެން އުފައްދާފައިވާ އިދިކޮޅު ކޯލިޝަނުންނެވެ.
މިއީ ޖަރުމަނަށް ބޭރު މީހުން ހިޖުރަކުރުމާ ދެކޮޅު ކޯލިޝަނެކެވެ. އަދި އެމެރިކާގެ ހަރުކަށިވިސްނުމުގެ ކޮންޒަވެޓިވް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތު ފަދަ ހިޖުރަވެރިންނާ އިދިކޮޅު ކޯލިޝަނެކެވެ. ޓްރަމްޕް ވަނީ ޖަރުމަނުގެ އިދިކޮޅު ކޯލިޝަންގެ މި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެ ޖަރުމަނުގެ ރައްޔިތުންގެ ނިންމުން ވަރަށް ފުރިހަމަ ކަމަށާއި މިއީ އުފާވެރި ދުވަހެއްކަމަށް ވިދާޅުވެފައެވެ.
ޖަރުމަނުގެ އާންމު އިންތިޚާބުގައި އެގައުމުގެ ފާ ރައިޓް ނުވަތަ ކަނާތު ފިޔައިގެ އެންމެ ހައްދު ފަހަނަޅާފައިވާ ޕާޓީކަމަށްވާ އޭއެފްޑީ ވެސް 20.7 އިންސައްތަ (151 ގޮނޑި) ކާމިޔާބު ކުރިއެވެ. މިއީ މުޅި ތާރީޚުގައިވެސް މި ޕާޓީއަށް ނުލިބޭ ވަރުގެ ކުރިއެރުމެކެވެ. މިއީ ޖަރުމަނުގެ އައު ނާޒީ ފިކުރުގެ ޕާޓީކަމަށް ތުހުމަތު ކުރެވޭ ހައްދު ފަހަނަޅާފައިވާ ޕާޓީއެވެ.
މިއީ ޖަރުމަނުގައި ދިރިއުޅޭ ބޭރުމީހުން އެ ގައުމުން ވަގުތުން ބޭރުކުރުމަށް ގޮވާލާ ޕާޓީއެކެވެ. ކުރިން މި ޕާޓީއަށް އިންތިޚާބުތަކުގައި ލިބެނީ ފަސް ވަރަކަށް ނޫނީ 10 ވަރަކަށް އިންސައްތަ ގޮނޑިއެވެ. ނަމަވެސް މި ފަހަރު މިވަނީ ގާތްގަނޑަކަށް 21 އިންސައްތަ ގޮނޑި ކާމިޔާބުކޮށްފައެވެ. ވެރިކަންކުރާ ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެސް.ޕީ.ޑީ) ން ހޯދި ގޮނޑިއަށްވުރެ ދެގުނަ ގިނަ ގޮނޑި ހޯދާފައެވެ.
ޖަރުމަނަކީ އާބާދީ އިތުރުވާ ރޭޓް ގާތްގަނޑަކަށް ޒީރޯގައި އުޅޭ ގައުމަކަށްވާތީ ހިޖުރަވެރިންނާ އިދިކޮޅު ސިޔާސަތެއް ގެންގުޅެފިނަމަ އަހަރުތަކެއްގެ ތެރޭގައި ޖަރުމަނުގެ އިގްތިސާދު އިނދަޖެހޭނެކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.
ޖަރުމަނުގެ އިތުރުން އިނގިރޭސިވިލާތް ފަދަ ޔޫރަޕްގެ ގާތްގަނޑަކަށް ހުރިހާ ގައުމުތަކެއްގެ އިގްތިސާދުވެސް މަސައްކަތްތެރިންގެ ގޮތުގައި ބަރޯސާ ވަނީ ބޭރުގެ ހިޖުރަވެރިންނަށެވެ. އަރަބި ގައުމުތަކާއި އޭޝިއާ އަދި އެފްރިކާއިން އަންނަ ހިޖުރަވެރިންނަށެވެ.
ހިޖުރަ ކުރުމުގެ ފުރުސަތު ދިގުމުއްދަތަކަށް ނުދީ ހިފަހައްޓާލައިފިނަމަ މަސައްކަތު އުމުރުގެ މީހުން މަދުވެ ޔޫރަޕްގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ޖަރުމަނުގެ އިގްތިސާދުވެސް ވަރަށް ބޮޑަށް އަޑިއަޅާލައި އެންމެ ފަހުން އިނދަޖެހޭ ހިސާބަށްވެސް ދާނެއެވެ.
ރިޕޯޓްތައް ބުނާގޮތުން ޗާންސެލާ އޮލްފް ޝޯލްޒްގެ ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ ޔުކްރެއިން މައްސަލާގައި ރަޝިއާ އާ ޖެހިގަތުމުން އިގްތިސާދު އަޑިއަޅާލުމުން ކުރިމަތިވި ނާކާމިޔާބީއެކެވެ. ޖަރުމަނުން ރަޝިއާ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމެވެ.
ނަތީޖާއަކަށްވީ ޒަމާނުއްސުރެ ރަޝިއާއިން ޖަރުމަނަށް ހެޔޮ އަގުގައި ލިބެމުންދިޔަ ތެލާއި ގޭހުގެ ސަޕްލައި ގާތްގަނޑަކަށް ހުއްޓުމަކަށް އައުމެވެ. އޭގެބަދަލުގައި އަގުބޮޑުކޮށް ތެލާއި ގޭސް އެމެރިކާއާއި އެ ނޫން ގައުމުތަކުން ގަންނަން ޖެހުމެވެ.
މިކަމުގެ ސަބަބުން ޔޫރަޕްގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ފާއިތުވި ތިން އަހަރު ތެރޭގައި ޖަރުމަނުގެ އިގްތިސާދު ވަނީ ވަރަށް ބޮޑަށް ދަށަށްގޮސް އަޑިއަޅާލާފައެވެ. އާމްދަނީ ދަށަށްގޮސް ބަޖެޓް ޑެފިސިޓް ބޮޑުވެފައެވެ.
ނަތީޖާއަކަށްވީ ސަރުކާރުން ރައްޔިތުންނަށް ދޭ ޕެންޝަނާއި އެނޫންވެސް އިޖުތިމާއީ ރައްކާތެރިކަމުގެ ހޭދަތައް ކުޑަކުރަން ޖެހުމެވެ. ރައްޔިތުން ކުރިން ދިރިއުޅުނު ތަނަވަސް ދިރިއުޅުމަށް ބޮޑު ލޮޅުމެއް އެރުމެވެ. އިންފްލޭޝަން މަތިވެ ބާޒާރުގައި ތަކެތީގެ އަގުތައް އިންތިހާއަށް ބޮޑުވެގެން ދިޔުމުން ރައްޔިތުން ރުޅިއައުމެވެ.
ރައްދުގައި ރަޝިއާ އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޔޫރަޕްގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ޖަރުމަނަށް ރަޝިއާގެ ބިޔަ ބާޒާރު އެއްކޮށް ގެއްލުނެވެ. މިއާއެކު ޗައިނާއާއި އިންޑިއާ އަދި ތުރުކީއާއި އީރާން ފަދަ ގައުމުތައް ރަޝިއާގެ ބާޒާރުން ޖާގަ ހޯދިއެވެ. ރަޝިއާއިން ޔޫރަޕަށް ވިއްކި ތެލާއި ގޭސް ޗައިނާއާއ ރަޝިއާ ގިނަ އަދަދަކަށް ގަންނަންފަށައި އެދެގައުމުން އެކަން ރަޝިއާއަށް ފޫބައްދައި ދިނެވެ. ޔޫރަޕް ދޭން އުޅުނު ލަނޑުން ރަޝިއާ ސަލާމަތްވެ އެޅި ފިޔަވަޅުތަކުން ލަނޑު ލިބުނީ ޚުދު ޔޫރަޕަށެވެ.
ޖަރުމަނާއި ޔޫރަޕްގެ އެހެން ގައުމުތަކުން ރަޝިއާ އާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނޭދެވޭ އަސަރު ކުރީ ރަޝިއާއަށް ވުރެ ބޮޑަށް ޚުދު އެގައުމުތަކަށެވެ.
އިންތިޚާބުގެ ނަތީޖާއަށްފަހު ޗާންސެލާ އޮލްފް ޝޯލްޒް ވަނީ އޭނާގެ ޕާޓީ ބަލިވި ސަބަބު ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ބަލި ގަބޫލު ކުރައްވާފައެވެ.
ޖަރުމަނުގެ ވެރިކަމަށް ދެން ވަަޑައިގަންނަވާނީ އިންތިޚާބުގައި ކުރި ހޯދި ދެ ޕާޓީ ކަަމަށްވާ ސީޑީޔޫ އާއި ސީއެސްޔޫ ކޯލިޝަންގެ ޒައީމު ފްރެޑްރިޗް މޭރޒް އެވެ. ނަމަވެސް ޕާލަމެންޓްގެ އަޣްލަބިއްޔަތު ހޯދުމަށްޓަކައި މި ދެ ޕާޓީ ޖެހޭނީ އެހެން ކުދި ޕާޓީތަކާ ކޯލިޝަން ހަަދާށެވެ. އެއްވެސް ޕާޓީއަކަށް ޕާލަމެންޓްގެ އަޣްލަބިއްޔަތު ލިބިފައެއް ނުވެއެވެ.