ރައީސްގެ ސިޓީފުޅާ ދެކުނުގެ އީއީޒެޑާ އެއްވެސް ގުޅުމެއް ނެތް: އޭޖީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް, މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅަކީ ދެކުނުގެ އެކްސްކްލޫޒިވް އިކޮނޮމިކް ޒޯން (އީއީޒެޑް)ގެ މައުޟޫއާ އެއްވެސް ގުޅުމެއް ނެތް ސިޓީއެއް ކަމަށް ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖެއާ މޮރީޝަސްއާ ދެމެދު ފުށުއަރާފައިވާ ކަނޑުގެ ސަރަހައްދު ބައި ކުރުމުގައި ރާއްޖެއިން އަމަލު ކުރީ އެހެން ގައުމެއްގެ މަސްލަހަތު އިސްކޮށްގެން ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތު ކޮށްފައެވެ. އަދި، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގެ ނިންމުމުގައި ވެސް ރައީސް ފޮނުއްވި ސިޓީއަށް ރިއާޔަތް ކޮށްފައިވީ ހިނދު، އެ ސިޓީ ސިއްރު ސިޓީއެއްގެ ގޮތުގައި މަޖިލީހަށް ހިއްސާ ނުކުރަނީ ކީއްވެތޯ އައްސަވައި މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މަޖިލީހަށް ހާޒިރުވެވަޑައިގެން އެ މައްސަލައިގައި ޖަވާބުދާރީ ވަމުން އޭޖީ ރިފްއަތު ވިދާޅުވީ، މޮރީޝަސްގެ ބޮޑުވަޒީރަށް ރައީސް ފޮނުއްވި ސިޓީއާ ގުޅިގެން ދެކުނުގެ އީއީޒެޑް މައްސަލައިގައި ދައުލަތުން ކޮޅު ބަދަލު ކުރީ ކަމަށް ދައްކާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

22 އޮގަސްޓް 2022 ގައި ސޮއިކޮށް މޮރިޝަސްގެ ބޮޑު ވަޒީރަށް [ރައީސް ޞާލިޙް] ފޮނުއްވި ސިޓީއަކާ ގުޅިގެން ދެކުނުގެ އީއީޒެޑް މައްސަލައިގައި ގުޅުވާ ދިވެހި ދައުލަތުން ކޮޅު ބަދަލު ކުރީ ކަމަށް ބުނުމަކީ ކަނޑައެޅިގެން ދޮގެއް. އެ ސިޓީއަކީ ދެކުނުގެ އީއީޒެޑް މައްސަލައިގެ މައުޟޫއާ އެއްވެސް ގުޅުމެއް ނެތް ސިޓީއެއް. އިޓްލޮސްގެ ނުވަ ފަނޑިޔާރުން އިއްތިފާގުން ނިންމި ހުކުމަށް ވާސިލްވި އެއްވެސް ކަމެއްގެ ތެރޭގައި ރައީސްގެ ސިޓީއެއް ނުހިމެނޭ. ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު

މީގެއިތުރުން ބަންޑާރަ ނައިބު ވިދާޅުވީ، އެ މައްސަލައިގައި އަމަލު ކުރައްވާފައިވާނީ ގާނޫނުއަސާސީގެ ތަރަހައިގެ ތެރެއިން ކަމަށާއި، މައްސަލައިގައި އެއްވެސް ކަމެއް ސިއްރު ކުރުމުގެ ނިޔަތެއް ސަރުކާރުގެ ނެތް ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި، އިޓްލޮސްގެ މައްސަލައިގައި ކާމިޔާބު ލިބުނީ ދިވެހިރާއްޖެއަށް ކަމަށް ވިދާޅުވާ ވާހަކަ އޭޖީ ވަނީ ތަކުރާރު ކުރައްވާފައެވެ.

ގާނޫނީ މަސައްކަތަކީ ސިޔާސީ މަސައްކަތާ ތަފާތު ކަންކަން ކަން ފާހަގަކުރައްވައި އޭޖީ ވިދާޅުވީ، ގާނޫނު ލިޔުމުން އޮތުމުގެ ބޭނުމަކީ ގާނޫނުގެ ރައްކާތެރިކަން އެންމެހާ ރައްޔިތުންނަށް ކަށަވަރު ކޮށްދިނުން ކަމަށެވެ. އަދި، ގާނޫނު އަސާސީއާ ޚިލާފަށް ބަންޑާރަ ނައިބު އަމަލު ކުރެއްވި ކަމަށް މަޖިލީހަށް މައްސަލަ ހުށަހެޅި 13 މެންބަރުން ނިންމީ ކޮން ގާނޫނީ އުސޫލަކުންތޯ އައްސަވައި އޭނާ ސުވާލު އުފެއްދެވިއެވެ.

ގާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ހ) ގައި ބުނަނީ ސަބަބު ބަޔާންކޮށް މެނުވީ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަ ނޭޅޭނެ ކަމަށް. ދެކުނުގެ އީއީޒެޑް މައްސަލައިގައި ރާއްޖެއަށް ބޮޑު ބައި ހޯދުމަށް އަޅުގަނޑު ވަކާލާތު ކުރި ގޮތާ މެދު މަޖިލީހުގެ ރައީސް އާ މަޖިލީހުގެ 13 މެންބަރުންގެ ހިތަށް ފެންނަ ގޮތަކީ ގާނޫނުއަސާސީގައި ބުނާ ސަބަބެއް ނޫން. ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު

މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މަޖިލީހުގެ ގުޅިފައިވާ ޕާޓީތަކުގެ އިއްތިހާދުންނެވެ. އޭގެ ތެރޭގައި އެމްޑީޕީން ވަކިވި، "ދަ ޑިމޮކްރެޓްސް" އަށް ނިސްބަތްވާ މެންބަރުންނާއި، ޕީޕީއެމް ޕީއެންސް އަދި އެމްއެންޕީ މެންބަރުން ހިމެނެއެވެ.

ނަމަވެސް މިކަން ކުރެވުމަކީ ވަރަށް ނާދިރު ކަމެކެވެ. އެއީ މަޖިލީހުގެ މެޖޯރިޓީ އަދިވެސް އޮތީ އެމްޑީޕީއަށް ކަމަށް ވާތީއެވެ.

އޭޖީގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވައްދަން ގުޅިފައިވާ ޕާޓީތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް