ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޖެންޑާ ކޮށްފައިވާ ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުއްވުމަށް ދިން ފުރުސަތުގައި އެ މައްސަލަ ހުށަނާޅައި އިދިކޮޅުން ދިގު ދައްމާލައިފިއެވެ.
އަނގަބަހުން ޖަވާބުދާރީވުމަށް އޭޖީ ރިފްއަތު މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ހުންނެވިއިރު އެ މައްސަލަ ހުށަހަޅަން ދިން ފުރުސަތުގައި، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު މައްސަލަ ހުށަނާޅުއްވައެވެ.
އޭގެ ބަދަލުގައި މެމްބަރު ވަނީ އެ މައްސަލަ އެންމެ ފުރަތަމަ އެޖެންޑާ ކުރި ދުވަހު މަޖިލީހަށް ލިޔުމުން ޖަވާބު ދެއްވުމަށް ފަހު މިއަދު ހާޒިރުވެ އިންނެވީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ. އަދި، ޝަރީފުގެ ވާހަކަތަކަށް ތާއީދުކޮށް، އެކަމުގައި އަމަލު ކުރަންވާ ގޮތަކާމެދު މަޖިލީހުން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފަޔަކަށް އެދެން ޖެހޭކަން ގަބޫލުކުރައްވާ ކަމަށް ވިދާޅުވެ އިދިކޮޅު އެހެން މެމްބަރުން ތަޅުމުގައި ކަންބޮޑުވުން ފާޅުކުރަން ފެށިއެވެ.
އިދިކޮޅަށް ނިސްބަތްވާ ބައެއް މެމްބަރުން ގެންދެވީ ނިޒާމީ ނުކުތާ ނަންގަވައި އެ ވާހަކަ ތަކުރާރުކުރައްވަމުންނެވެ. އަދި މިދިޔަ ހަފުތާގައި މަޖިލީހަށް ހާޒިރުވެވަޑައިނުގެންނެވި ސަބަބު އޮޅުންފިލުއްވައި ދެއްވުމަށް ވެސް އެ މެމްބަރުން ގެންދެވީ ގޮވާލައްވަމުންނެވެ.
އެޓާނީ ޖެނެރަލް ކުރީ ދުވަހު ވަޑައިނުގެން މިއަދު ވަޑައިގެން މި އިންނެވީ ކީއްވެތޯއޭ. އަޅުގަނޑުމެން އެބަ ޖެހޭ ނޫންތޯއޭ އިންކުއަރީއެއް ހަދައި ތަހުގީގު ކުރަން. އެއީ ވަރަށް ބޮޑު ސުވާލެއް އިއްޒަތްތެރި ރައީސް. ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
މި ކަންބޮޑުވުންތަކާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހަށް ހާޒިރުވެ އަނގަބަހުން ޖަވާބުދާރީވާން ބޭނުންވާ ސަބަބު ބަޔާންކޮށްދީ އޭޖީ ރިފްއަތު އެ މަނިކުފާނަށް ފޮނުއްވި ސިޓީ އިއްވާފައެވެ. ނަޝީދު ވިދާޅުވީ ބަންޑާރަ ނައިބު މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގެންނެވުމުން މެންބަރުންގެ ސުވާލުގެ ޖަވާބު އަސްލުކޮށް އެބަ ލިބޭ ކަމަށެވެ.
މީގެ ކުރީ ދުވަހުގައި މައްސަލަ ކުރިއަށް ގެންދިޔަ އިރުގައި އިއްޒަތްތެރި މެންބަރުންގެ ކަންބޮޑުވުމަކަށް ވީ ގާނޫނުއަސާސީގެ 101 ވަނަ މާއްދާގައި ބުނާ ގޮތަށް މިތަނަށް ވަޑައިނުގެން ލިޔުން ފޮނުއްވާފައި ވާތީ. މިއަދު ވަޑައިގެން އެ އިންނެވީ. އަޅުގަނޑަށް ފެންނަ ފެނުމުގައި އެހެންވީމަ ތިބޭފުޅުންގެ ޝައްކު ނުވަތަ ސުވާލުގެ ޖަވާބު އަސްލުން އެބަ ލިބޭ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މިުހައްމަދު ނަޝީދު
އިދިކޮޅު މެމްބަރުންގެ ވާހަކަތަކާ ވިދިގެން، ސަރުކާރަށް ތާއީދު ކުރާ މެންބަރުން ވަނީ އެ މައްސަލަ ހުށަނާޅައި އެހެން ވާހަކަދައްކަވާ ކަމުގެ ތުހުމަތުކޮށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެތައް ފަހަރެއްގެ މަތީން މައްސަލަ ހުށަހެޅުމުގެ ފުުރުސަތު އެރުވުމުން ވެސް މެންބަރު މައްސަލަ ހުށަހަޅާފައެއް ނުވެއެވެ. އެންމެ ފަހުން ސައިގެ ވަގުތު ޖެހުމާއެކު މަޖިލިސް ވަނީ މެދުކަނޑާލާފައެވެ.
ލިޔުމުން ޖަވާބުދާރީވީ ސަބަބު އޮޅުންފިލުއްވައިދެއްވަމުން، ނަޝީދަށް ފޮނުއްވި ސިޓީގައި ރިފްއަތު ވިދާޅުވީ އެެހެން ކަންކުރެއްވީ އެެ މައްސަލައިގައި ބައެއް ފަރާތްތަކުން ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް ވާހަކަ ދައްކަމުންދާތީ އާއި އެ މައްސަލައަކީ ގިނަ ގާނޫނީ ވާގިއާތަކެއް ހިމެނޭ މައްސަލައަކަށް ވުމުން އެކަމުގައި ތަފްސީލީ ޖަވާބެއް ދެއްވުމަށް ކަމަށެވެ.
އޭޖީގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ގުޅިފައިވާ އިދިކޮޅު އިއްތިހާދުންނެވެ. އެ އިއްތިހާދުގައި ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ އިތުރުން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އިސްކޮށް ހުންނަވާ ދަ ޑިމޮކްރެޓްސްއާއި ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީ ހިމެނެއެވެ.
ސަރުކާރަށް ތާއީދުކުރާ މެމްބަރުން ތުހުމަތުކުރާ ގޮތުގައި، އެ މައްސަލަ ކާމިޔާބު ކުރެވޭ ވަރަށް ވޯޓު ހަމަނުވާނެތީ، އިދިކޮޅުން މަސައްކަތް ކުރަނީ އެ މައްސަލަ ކުރިއަށް ނުގެންގޮސް މަޑުޖައްސާލާށެވެ.