ސާދަ އަހަރަށްފަހު ފްރާންސް ފޯވަޑް ކަރިމް ބެންޒެމާ، ރެއާލް މެޑްރިޑް ދޫކޮށްލަން ނިންމާފައިވާކަން އެ ކްލަބުން އިއުލާންކޮށްފިއެވެ.
މިސީޒަން ނިމުމާއެކު ބެންޒެމާގެ ކޮންޓްރެކްޓް ނިމުމަކަށް އައުމުން އޭނާ ކްލަބު ދޫކޮށްލަން ނިންމާފައިވާކަން ރެއާލުން ކަށަވަރުކޮށްދީފައިވާ އިރު، ބެންޒެމާއަށް ވަނީ ސައުދީ އަރަބިއާގެ އަލް އިއްތިހާދުން ބޮޑު ހުށަހެޅުމެއް ހުށަހަޅައިފައެވެ. އަލް އިއްތިހާދުން ބެންޒެމާއަށް ހުށަހަޅާފައިވަނީ މުސާރައިގެ ގޮތުގައި ދެ އަހަރަށް 400 މިލިއަން ޔޫރޯ (439 މިލިއަން ޑޮލަރު) ލިބޭ ހުށަހެޅެމުނެވެ.
ރެއާލުން ބެންޒެމާ ދިއުމުގެ ކުރިން އަލްވަދާއު ކިޔުމުގެ ގޮތުން އަންނަ އަންގާރަ ދުވަހު ހާއްސަ ހަފުލާއެއް ބޭއްވުމަށް ވެސް ވަނީ ނިންމައިފައެވެ. އެ ހަފުލާގައި އެ ކްލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރެއާލާ 2009 ވަނަ އަހަރު ގުޅުނު ބެންޒެމާއަކީ އެ ކްލަބަށް ދެވަނައަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިޔާއެވެ. އެ މުއްދަތުގެ ތެރޭގައި ބެންޒެމާ ވަނީ ރެއާލާއެކު ހަތަރު ފަހަރު ސްޕެނިޝް ލަލީގާ އަދި ފަސް ފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އޭގެ އިތުރުން އޭނާ ވަނީ މިދިޔަ އަހަރު ބެލޮންޑިއޯ އެވޯޑު ވެސް ކާމިޔާބުކޮށްފައެވެ.
ރެއާލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކެޕްޓަން ބެންޒެމާ އެ ކްލަބާއެކު ހޭދަކުރީ ވަރަށް މުހިންމު ދުވަސްތަކެއް ކަމަށާއި އޭނާ ހިމެނިގެންދާނީ ކްލަބުގެ ލެޖެންޑުންގެ ތެރޭގައި ކަމަށެވެ. އަދި ރެއާލާއެކު ހޭދަކުރި މުއްދަތުގައި ބެންޒެމާއަކީ އެހެން ކުޅުންތެރިންނަށް ރަނގަޅު މިސާލެއް ކަމަށް ވެސް ބުންޏެވެ.
"ބެންޒެމާގެ ކުރިމަގާ މެދު ގޮތެއް ނިންމުމުގެ ފުރުސަތު އޭނާއަށް އޮންނާނެ. އޭނާއަކީ ދުނިޔޭގެ ފުޓުބޯޅައިގެ ވެސް ލެޖެންޑެއް. ރެއާލް މެޑްރިޑަަކީ އަބަދުވެސް ބެންޒެމާގެ އާއިލާ. ކްލަބުގެ ފަރާތުން އޭނާއަށް ކާމިޔާބު ކުރިމަގަކަށް އެދެން،" ރެއާލްގެ ބަޔާނުގައި ބުންޏެވެ.
ރެއާލުން ބެންޒެމާ ދިއުމުން އަންނަ ސީޒަނަށް ފޯވަޑެއް ހޯދުމުގެ މަސައްކަތް އެ ކްލަބުން ދަނީ ކުރަމުންނެވެ. ރެއާލުން އެންމެ ބޮޑަށް މަސައްކަތްކުރަނީ ބެންޒެމާގެ ބަދަލުގައި ޓޮޓެންހަމް ހޮޓްސްޕާގެ އިނގިރޭސި ފޯވަޑް ހެރީ ކޭން ހޯދުމަށެވެ.