ސްޕައިޑަމޭންގެ އެނިމޭޝަން ބޮޑު ހިޓެެއްް ކަމަށްވާ "އިންޓު ދަ ސްޕައިޑަ ވާސް"ގެ ދެވަނަ ފިލްމު ދުނިޔޭގެ ސިނަމާތަކުގައި ދައްކަން ފެށުމާ އެކު ބޮޑެތި ކާމިޔާބުތައް ހޯދަން ފަށައިފިއެވެ.
މުޅިން ތަފާތު އެނިމޭޝަން ސްޓައިލަކާއެކު 2018ވަނަ އަހަރު ނެރުނު ސްޕައިޑަމޭންގެ އާ ވާހަކައެއް ކަމަށްވާ އިންޓު ދަ ސްޕައިޑަވާސް ވަނީ ބޮޑު ހިޓަކަށް ވެފައެވެ. ފުރިހަމަ ރިވިއުތަކާ އެކު އެކި އެވޯޑު ހަފުލާތަކުގައި ވެސް ވަނީ ފިލުމަށް ބޮޑެތި ކާމިޔާބީތައް ލިބިފައެވެ.
އެއާ އެކު އޭގެ ދެވަނަ ބަޔަކަށް އެތައް ބަޔަކު އައީ އިންތިޒާރު ކުރަމުންނެވެ. އެންމެ ފަހުން މިއޮތީ އެ އިންތިޒާރަށް ނިމުމެއް އައިސްފައެވެ. ސްޕައިޑަމޭންގެ އާ ފިލްމު "އެކްރޮސް ސްޕައިޑަވާސް" މިހާރު އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދައްކަމުންނެވެ. އެއާ އެކު ބޮކްސް އޮފީސް ވެސް ވަނީ މި ފިލުމަށް ބާރުބޮޑުވެފައެވެ.
މިދިޔަ ހަފުތާ ބަންދުގައި ފިލްމު ދައްކަން ފެށުމާ އެކު ފިލްމު ވަނީ ބޮކްސް އޮފީހުގެ އެއްވަނަ އަށް ޖައްސާލާފައެވެ. ޑިޒްނީއިން އިން ނެރުނު "ލިޓްލް މާމެއިޑް" ބޮކްސް އޮފީހުގައި ހަފުތާއަކަށް ވުރެ ގިނަ ދުވަހު އެއްވަނައިގައި އޮއްވައި ސްޕައިޑަމޭން އައިސް އެ ފިލްމު ވަނީ ދެވަނައަށް ވައްޓާލައިފައެވެ.
ހަފުތާ ބަންދުގައި އެކަނި ވެސް މި ފިލްމަށް ވަނީ 120 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ. މި ފިލްމު ބަލަން ދިޔަ ބަޔަކީ 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނެވެ. ހަފުތާ ބަންދުގެ އާމްދަނީއާ އެކު ފިލްމު ވެފައިވަނީ މިހާތަނަށް އެޅުވި އެންމެ ބޮޑެތި އެނިމޭޝަން ތަކުގެ ލިސްޓުގެ ތިންވައަށް އެންމެ ބޮޑު އޯޕެނިން އެއް ހޯދި ފިލްމަށެވެ.
އެކްރޮސް ދަ ސްޕައިޑަވާސް އަކީ މައިލްސް މޮރާލްސް ނަމަކަށް ކިޔާ ފުރާ ވަރު ކުއްޖަކަށް ސްޕައިޑަމޭންގެ ބާރުތައް ލިބި އިތުރު ސްޕައިޑަމޭން އުޅޭކަން އެނގި ކަންތައްތައް ވާ ގޮތް ދައްކުވައިދޭ ފިލްމެކެވެ.