އެމަޖެންސީ ހާލަތްތަކުގައި ކަރަންޓް ދިނުމަށް ސްޓެލްކޯއިން ހުޅުމާލޭގައި އިންޖީނުގެއެއް ހުޅުވައިފިއެވެ.
ހުޅުމާލޭގައި އެންމެ ފުރަތަމަ ސްޓެލްކޯގެ އިންޖޫނުގެ ހުރި ބިމުގައި ގާއިމްކޮށްފައިވާ އެ އިންޖީނުގެ ރަސްމީކޮށް މިއަދު ހުޅުވައިދެއްވީ އެ ކުންފުނީޖެ މެނޭޖިން ޑިރެކްޑަރު އަހްމަދު ޝަރީފްއެވެ.
މި އިންޖީނުގެ ހުޅުވައިދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ, އެތަނުގައި ބަހައްޓާފައިވާ 14 ޖަނަރޭޓަރުން 20.2 މެގަވޯޓުގެ ކަރަންޓް ދެވޭނެ ކަމަށެވެ.
"މިތާ އެތެރޭގައި މިހުރީ 10 އިންޖީނު. އޭގެ އިތުރުން އަޅުގަނޑުމެންގެ ކޮންޓޭނަރައިޒް އިތުރު ހަތަރު އިންޖީނު އެބަހުރި އަދި މިހާރު އަލަށް ގެނެސްސަ ހުރި ތިން އިންޖީނެއް ވެސް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ," ޝަރީފް ވިދާޅުވިއެވެ.
އެތަން ވުޖޫދު ކުރުމުގެ ވިސްނުން އައިސް މަސައްކަތް ފަށާފައިވަނީ ދާދި ފަހުން ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވެ އިންޖީނުގެތަކަށް ބާރު ބޮޑުވުމުން ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
އެ އިންޖީނުގޭގައި ބޭނުންކޮށްފައި ހުރީ ރަށް ރަށުގައި ހުރި ބާ އިންޖީނުތަކެއް ކަމަށް ބައެއް މީހުން ބުނެފައިވާތީ އެކަމަށް ރައްދު ދެއްވައި ޝަރީފް ވިދާޅުވީ, އެތަނުގައި ހުންނާނީ ރަނގަޅު ފެންވަރުގެ އިންޖީނުތަކެއް ކަމަށެވެ.
"މިފަހަރު އަލަށް ގެނައި ބައެއް އިންޖީނުތަކާ އެކީގައި މި ޕަވާ ޕްލާންޓް މި އުފެއްދީ," ޝަރީފް ވިދާޅުވިއެވެ.
ހުޅުމާލޭގައި އުފެއްދި އެ އިންޖީނުގޭގެ ބޭނުމަކަށް ވާނީ ސްޓްލެކޯގެ މައިގަނޑު އިންޖީނުގެތަކުގައި ހުރި އިންޖީނަކަށް މައްސަލަ ޖެހި ހުއްޓި ނުވަތަ މެއިންޓެނަސްއަށް ނަގާ ވަގުތު އެކަން ފޫބެއްދުން ކަމަށް ޝަރީފް ވިދާޅުވިއެވެ.
"މި ޕަވާ ޕްލާންޓްގެ ހަމަ އެކަނި ބޭނުނަކަށް ވާނީ އަޅުގަނޑުމެންގެ މޭޖާ ތިން ޕްލާންޓުން ލިބޭ ޕަވާ ޖަނަރޭޓިން ކެޕޭސިޓީއަށް ވުރެ އިތުރަށް ކަރަންޓް ބޭނުންވެއްޖެ ނަމަ މި ތަނުގެ ބޭނުން ހިފާނީ," ޝަރީފް ވިދާޅުވިއެވެ.
ބެކަޕް އިންޖީނުގެ އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވި މާލޭ ޕަވާހައުސްގެ ޖެނަރަލް މެނޭޖަރު އަހްމަދު ޝަރުނީޒް ވިދާޅުވީ, އެތަނުގައި ހުރި 14 އިންޖީނު ސްޓާޓް ކުރާނީ އެހެން އިންޖީނުގެތަކަށް ލޯޑް ބޮޑުވުމުން ކަމަށެވެ. އެހެން ނޫނީ ބެކަޕް އިންޖީނުގޭގެ ބޭނުން ނުކުރާނެ ކަމަށް ވެސް ޝަރުނީޒް ވިދާޅުވިއެވެ.