އައްޑޫއަށް އަންނަ ތަރައްގީ ފާހަގަކުރަން މިރޭ ހަވާ އަރުވަނީ

ހަވާ އަރުވަނީ -- ސަން ފޮޓޯ

އައްޑޫ ސިޓީއަށް އަންނަ ތަރައްގީ ފާހަގަކުރަން މިރޭ އެ ސިޓީގައި ހަވާ އަރުވަން ނިންމައިފިއެވެ.

އައްޑޫ ސިޓީއަށް އަންނަ ތަރައްގީ ފާހަގަކުރުމުގެ ގޮތުން އެ ސިޓީގައި ހަވާ އަރުވަން ނިންމީ، އައްޑޫ ސިޓީ ކައުންސިލުންނެވެ. ހަވާ އެރުވުން އޮންނަނީ ހިތަދޫގައި ހުންނަ އައްޑޫ ސިޓީ ސްކޮޔާގައެވެ.

މިރޭ އެ ސިޓީގައި ހަވާ އަރުވާއިރު، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ އައްޑޫގެ ހުރިހާ ރަށަކަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއް އިއްޔެ ފައްޓަވައިފައެވެ.

އައްޑޫ ސިޓީގައި މި ވަގުތު ސަރުކާރުން ހިންގަމުން އަންނަ އެންމެ ބޮޑު ދެ މަޝްރޫއަކީ އައްޑޫ ބިން ހިއްކުމުގެ މަޝްރޫއާއި މަގުތައް ހެދުމުގެ މަޝްރޫއެވެ. ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއު ވެސް، ރައީސްގެ މި ދަތުރުފުޅުގައި މިއަދު ރަސްމީކޮށް ފައްޓަވައިދެއްވާނެއެވެ.

އައްޑޫގެ ބިން ހިއްކުމަކީ އެ ސިޓީގައި ބިމާ ގުޅޭ ގޮތުން މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއެވެ.

އެ މަޝްރޫއު ފެށީ މަރަދޫންނެވެ. މި މަޝްރޫއުގެ ދަށުން 194 ހެކްޓަރުގެ ބިން ހިއްކާ އިރު، އެކަމަށް 1.5 ބިލިއަން ރުފިޔާ ހަރަދުވެއެވެ. މިއީ އައްޑޫ ސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ އެންމެ ބިޔަ އެއް މަޝްރޫއެވެ. އަދި، 11 ކިލޯމީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ހިންގާނެއެވެ.

comment ކޮމެންޓް