ގާތްގަނޑަކަށް ތިން މަސް ދުވަހުގެ މެދުކަނޑުމަކަށް ފަހު މާލޭ ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު 30 ރުފިޔާއަށް ވެއްޓިއްޖެއެވެ.
ލުނބޯއަކީ ކާބޯތަކެތި ތައްޔާރުކުރުމުގައި ދިވެހިން އެންމެ އާއްމުކޮށް ބޭނުންކުރާ އެކައްޗެވެ. ކޮންމެ ދުވަހަކުހެން އެންމެ ގިނައިން ބޭނުންކުރާ އެއް ބާވަތުގެ ތެރޭގައި ލުނބޯ ހިމެނެއެވެ.
މެދު އުމުރުގެ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ލުނބޯ ހުތު ފަނި ވަރެއް ނޯންނާނެއެވެ. ވަކި ދުވަސްމީ މީހުން އެކަންޏެއް ނޫނެވެ. ކޯކް ބޯއިރު، ލުނބޯ ކޮޅެއް ތަށީގެ ތެރެއަށް ލުމަކީ ޒުވާނުންގެ މެދުގައި ވެސް މަޤްބޫލުވެފައިވާ ޓްރެންޑެކެވެ.
ނިމިގެންދިޔަ ރަމަޟާންމަހާއި ކުރިމަތިލިއިރު، ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެވުނު އެއްކަމަކީ ބާޒާރުގައި ލުނބޯގެ އަގު މައްޗަށް ދިއުމެވެ. ރަމަޟާން މަސް ފެށެން ހަފުތާއަކަށް ވެފައި ވަނިކޮށް ބާޒާރުގައި ލުނބޯގެ އަގުތައް ވަރަށް ބޮޑަށް އުފުލުނެވެ.
ރަމަޟާން މަސް ފެށުމުގެ ހަފުތާއެއްހާ ދުވަސް ކުރިން ލުނބޯ ކިލޯއެއް 35 ރުފިޔާ އާއި 30 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ލިބެން ހުއްޓެވެ. ނަމަވެސް ލުނބޯ ލިބުން ދަތިވެ، ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ބާޒާރުގައި ލުނބޯ ކިލޯއެއް ވަނީ 100 ރުފިޔާއަށް ވިއްކާފައެވެ.
ބާޒާރުގައި ލުނބޯގެ އަގު އުފުލުމާއި ގުޅިގެން، ރައްޔިތުންގެ ކުންފުނި އެސްޓީއޯއިން ވަނީ ރާއްޖެއިން ބޭރުން ލުނބޯ ގެނެސް ކިލޯއެއް 45 ރުފިޔާއަށް ވިއްކާފައެވެ. އެސްޓީއޯއިން ލުނބޯ ނުގެނައި ނަމަ، ނިމިގެންދިޔަ ރޯދަ މަހު ބާޒާރުގައި ލުނބޯގެ އަގު އިންތިހާއަށް އަރައިގެން ދިއުމުގެ ފުރުސަތު އޮތެވެ.
ރަމަޟާން މަސް ނިމުމަށް ފަހު، ގާތްގަނޑަކަށް މަހެއްހާ ދުވަސް ވަންދެން ލުނބޯ ކިލޯއެއް ވިއްކަމުން އައީ ގާތްގަނޑަކަށް 60 ރުފިޔާއަށެވެ. ބާޒާރުގައި ލުނބޯގެ އަގު ދަށަށް ދާން ފަށާފައިވަނީ މިދިޔަ ހަފުތާއިން ފެށިގެންނެވެ.
މާލޭ ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު 30 ރުފިޔާ އާއި 35 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި އުޅޭއިރު، ހުޅުމާލޭގެ ފިހާރަތަކުން ވެސް މިހާރު 30 ރުފިޔާއަށް ލުނބޯ ކިލޯއެއް ލިބެއެވެ.
ސަން އާ މައުލޫމާތު ޙިއްޞާކުރި ބައެއް ވިޔަފާރިވެރިން ބުނީ، މިހާރު ވިއެޓްނާމް ފަދަ ޤައުމުތަކުން ވެސް ލުނބޯ ލިބޭ ކަމަށެވެ. އަވައްޓެރި ޤައުމުތަކުން ވެސް މިހާރު ރަނގަޅު އަގުގައި ލުނބޯ ލިބެއެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ލުނބޯގެ އަގު ވެއްޓުމުގެ ފުރުސަތު އެބައޮތް ކަމަށް ވިޔަފާރިވެރިން ފާހަގަކުރެއެވެ.