ބާޒާރުގައި ލުނބޯ ލިބުން ދަތިވެ، ވަރަށް ބޮޑަށް އަގު އުފުލިއްޖެ

މާލޭ ބާޒާރުމަތީ ފިހާރައެއްގައި ވިއްކަން ބަހައްޓާފައި ހުރި ލުނބޯތަކެއް---

މާލޭ ބާޒާރުގައި ލުނބޯ ލިބުން ދަތިވެ އަގު ވަރަށް ބޮޑަށް މައްޗަށް ހިނގައްޖެއެވެ.

ބާޒާރުމަތީ ފިހާރަތަކުގައި ލުނބޯ ކިލޯއެއް މިހާރު ލިބެންހުރި އަގުތަކަށް ބަލާއިރު، އެންމެ އަގު ހެޔޮކޮށް ވެސް ލުނބޯ ކިލޯއެއް ލިބެންހުރީ 75 ރުފިޔާއަށެވެ.

އާއްމުކޮށް ލުނބޯ ކިލޯއެއް ލިބެން ހުރީ 80 ރުފިޔާ އާއި 100 ރުފިޔާ އާ ދެމެދުގެ އަގެއްގައެވެ. ހުޅުމާލެއަށް ބަލާއިރު، ގިނަ ފިހާރަތަކުން ލުނބޯ ކިލޯއެއް މިހާރު ލިބެންހުރީ 80 ރުފިޔާއިން މަތީގައެވެ.

މިދިޔަ ދެ ތިން ދުވަހުގެ ތެރޭގައި ލުނބޯ ކިލޯއެއްގެ އަގު 100 ރުފިޔާއަށް މައްޗަށް ގޮސްފައިވާއިރު، މިދިޔަ ހަފްތާގައި ލުނބޯ ކިލޯއެއް 35 ރުފިޔާއަށް ލިބެން ހުއްޓެވެ.

ހުޅުމާލޭ ފިހާރައެއްގެ ބޭރުގައި ވިއްކަން ބަހައްޓާފައި ހުރި ލުނބޯ ތަކެއް--

ބައެއް ވިޔަފާރިވެރިން ބުނީ، މި ދުވަސްކޮޅު ލުނބޯގެ އަގުތައް އުފުލުމުގެ މައިގަނޑު ސަބަބަކީ ލުނބޯ ލިބުމުގައި އުޅޭ ދަތިތަކެވެ. ބާޒާރުގައި މިހާރު ލުނބޯގެ އަގު މައްޗަށްދިޔަ ނަމަވެސް ކުރިއަށްއޮތް ދެ ދުވަހެއްގެ ތެރޭގައި ބާޒާރަށް ލުނބޯ ލިބޭނޭކަމަށް ވިޔަފާރިވެރިން ބުނެއެވެ.

ލުނބޯއަކީ ދިވެހިންގެ އާއްމު ދިރިއުޅުމުގައި ކާބޯތަކެތީގެ ބާވަތްތައް ތައްޔާރުކުރާއިރު، ވަރަށްގިނައިން ބޭނުންކުރާ ބާވަތެކެވެ.

ބާޒާރުގައި ލުނބޯގެ އަގުތައް އުފުލިފައި މިވަނީ، ރަމަޟާން މަސް ވެސް ފެށެން ކައިރިވެފައިވަނިކޮށެވެ. މިދިޔަ އަހަރު ވެސް ރަމަޟާންމަހާއި ދިމާކޮށް ބާޒާރުގައި ލުނބޯގެ އަގު ބޮޑުވިއެވެ. މިދިޔަ އަހަރު ލުނބޯ ލިބުން ދަތިވެ، ލުނބޯ ކިލޯއެއްގެ އަގު 120 ރުފިޔާއަށް ބޮޑުވިއެވެ.

މިދިޔަ އަހަރު ބާޒާރުގައި ލުނބޯ ލިބުން ދަތިވުމާއި ގުޅިގެން އެސްޓީއޯއިން ވަނީ ރާއްޖެއަށް ލުނބޯ އެތެރެކޮށް އާއްމުނަށް ހެޔޮއަގެއްގައި ވިއްކާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް