އައްޑޫ ބިން ހިއްކުމުގެ ބިޔަ މަޝްރޫއު ރައީސް ފައްޓަވައިދެއްވައިފި

އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަސައްކަތް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.

އެ މަނިކުފާނު މި މަޝްރޫއު ފައްޓަވައިދެއްވީ މިއަދު އައްޑޫ ސިޓީ، މަރަދޫގައި އޮތް ޚާއްސަ ހަފްލާގައެވެ.

މި މަޝްރޫއުގެ ދަށުން ކުރާ މަސައްކަތްތައް:

  • 11 ކިލޯމީޓަރު ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތްކުރާނެ
  • ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކާނެ
  • ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކައި އެ ރަށުގެ ފަޅު ތެރެއިން ޓޫރިޒަމްގެ ބޭނުމަށް ފަސް ހެކްޓަރުގެ ދެ ރަށް ހިއްކާނެ
  • މަރަދޫ/ މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކާއި އެ ރަށުގެ ފަޅު ތެރެއިން ޓޫރިޒަމްގެ ބޭނުމަށް 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކާނެ
  • އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ އެހީގައި އައްޑޫގައި ހިންގާ މި މަޝްރޫއުގެ ދަށުން 194.3 ހެކްޓަރުގެ ބިން ހިއްކަން ވަނީ ނިންމައިފަ

މަޝްރޫއު ފެށުމަށް މިއަދު ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ އައްޑޫ ސިޓީ ތަރައްގީވެ، މުސްތަގުބަލެއް ފެންނަން ފެށީ އަދިކިރިޔާ ކަމަށެވެ. އެގޮތުން މީގެ ކުރިން ސަރުކާރުތަކުން ކޮށްފައިވާ ހޭދައާ ބަލާއިރު މި ސަރުކާރުން އެތައް ގުނައެއް އިތުރަށް ހޭދަކުރަމުން އަންނަ ކަމަަށެވެ.

އެގޮތުން ހަ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ތަރައްގީގެ އެކި މަސައްކަތްތަކަށް ހޭދަކޮށްފައިވާކަމަށް ނިޒާރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެއީ އައްޑޫގެ ތަރައްގީއާ ނުލައި ރާއްޖެ ތަރައްގީ ނުވާނެކަން ރައީސް ގަބޫލުފުޅުކުރައްވާކަން ހާމަވާ ކަމެއް ކަމަށެވެ.

ނިޒާރު ވަނީ އައްޑޫގެ ރައްޔިތުން މި ސަރުކާރުން އެ ސިޓީއަށް ގެނެސްދިން ތަރައްގީ ބަލައިގެންފައި ވާކަމަށް ވިދާޅުވެފައެވެ. އަދި މިއީ އެ މަނިކުފާނަށް ދެވަނަ ދައުރެއް ދިނުން މަޖުބޫރުވާ އެއް ސަބަބުކަމަށް ނިޒާރު ވިދާޅުވިއެވެ.

އެއާ އެކު އަންނަ މަހު މަރަދޫގެ ރައްޔިތުންނާއެކު ބިން ބޭނުން ކުރާނެ ގޮތަކާމެދު މަޝްވަރާ ކުރަން ފަށާނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.

"އޮގަސްޓު މަސް ތެރޭ މި ބިން ޕްލޭންކުރުމަށް ޓަކައި އަޅުގަނޑުމެން މަސައްކަތް ފަށާނަން. އަޅުގަނޑުމެންގެ ބަޖެޓުގައި ފައިސާ އެބަހުރި. މިއީ އަޅުގަނޑުމެން ހަމަ ދައްކާ ވާހަކައެއް ނޫން،" ނިޒާރު ވިދާޅުވިއެވެ.

comment ކޮމެންޓް