ރޭގެ މާރާމާރީއާ ގުޅިގެން ހައްޔަރުކުރީ ނަދީމް މަރާލިކަމަށް ތުހުމަތުވި މަފާޒް

ރޭގެ މާރާމާރީއާ ގުޅިގެން ހައްޔަރުކުރި މަފާޒް: ނަދީމްގެ މަރުގެ ދައުވާއިން ސަލާމަތްވެ ދޫކޮށްލިފަހުން އޭނާ ވަނީ މާރާމާރީގެ ދެ މައްސަލައެއްގައި ހައްޔަރުކޮށްފައި ---

މާލޭގައި ރޭ ހިންގި ގްރޫޕް މާރާމާރީއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. ތަކަންދޫ، އިބްރާހީމީ ހިޔާ، ނަދީމް އަބްދުއްރަހީމް މަރާލި ކަމުގެ ތުހުމަތުގައި ދައުވާ އުފުލި ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމް ކަން އެނގިއްޖެއެވެ.

ރޭ 11:25 ހާއިރު މަޖީދީމަގު ޑައިނަމޯ ކައިރީގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ބަޔަކު ހުއްޓުވައި އެކަކު ހައްޔަރުކުރި އިރު ދެން ތިބި މީހުން ފިލާފައިވާ ކަމަށް ފުލުހުން ވަނީ މިއަދު ބުނެފައެވެ.

މާރާމާރީ ހިންގަން އުޅުނު ސަރަހައްދުން ފުލުހުން ވަނީ ކަތިވަޅިއެއް ވެސް ހޯދައިފައެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މަފާޒަށް ކުރަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުނު ކަމުގެ ތުހުމަތެވެ. ކްރިމިނަލް ކޯޓުން މިއަދު ވަނީ އޭނާގެ ބަންދަށް 15 ދުވަސް އިތުރު ކޮށްދީފައެވެ.

ބޮލަށް ވަޅި ހަރައި 2017 ވަނަ އަހަރު ނަދީމް މަރާލި މައްސަލައާ ގުޅިގެން އޭރު މަފާޒް ހައްޔަރުކޮށްފައިވަނީ ފިލައިގެން އުޅެނިކޮށް މާލޭގެ ގެއެއްގެ ތެރެއިންނެވެ. ނަމަވެސް އޭގެ ހަ އަހަރު ފަހުން ކްރިމިނަލް ކޯޓުން ހުކުމް ކުރީ އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. ދައުލަތުން ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.

ކުށް ސާބިތުނުވުމުން މަފާޒް ދޫކޮށްލިތާ ފަސް މަސް ދުވަސް ފަހުން ވަނީ އިތުރު މާރާމާރީއެއް ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައެވެ. އެ ފަހަރު އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ފުލުހެއްގެ ގައިގަ ޖެހި ކަމަށެވެ. ނަމަވެސް ހަތް ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު ވަނީ ދޫކޮށްލާފައެވެ.

ނަދީމްގެ މަރުގެ މައްސަލައިގެ ތުހުމަތުގައި މަފާޒް ހައްޔަރު ކޮށްފައި ހުއްޓައި އޭނާ ވަނީ ގޮޅި ތެރޭގައި އޮވެ ވެސް ފުލުހަކަށް މަރުގެ އިންޒާރު ދީފައެވެ. އެ މައްސަލަ ސާބިތުވެ 2021 ވަނަ އަހަރު ވަނީ މަފާޒަށް 18 މަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

ނަދީމްގެ މަރުގެ މައްސަލައިގައި މަފާޒްގެ އިތުރުން ދައުވާ އުފުލި އަނެއް ތިން މީހުން ވެސް ވަނީ ސަލާމަތް ވެފައެވެ. ދައުލަތުން ވަނީ ކްރިމިނަލް ކޯޓުގެ އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.

comment ކޮމެންޓް