ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލާގައި ފަސް މީހުންގެ މައްޗަށް ދައުވާ އުފުލައިފި

ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ދަތުރުކުރެއްވި ކާރުކޮޅު ހުއްޓުވުމުގެ ތެރެއިން--

ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ މޮޓޯކޭޑަށް ހުރަސް އެޅި މައްސަލާގައި ފަސް މީހެއްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާކޮށްފިއެވެ.

މާޗު މަހުގެ 20 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ޕީޕީއެމް އޮފީސް ދޮރުމަތީގައި އެ ޕާޓީގެ ސަޕޯޓަރުން އިޙްތިޖާޖު ކުރަން ތިއްބައި، ބޮޑުތަކުރުފާނުމަގު ޗީބޯ ކެފޭ ކައިރިން ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅުކުރައްވަމުން ގެންދެވި މޮޓޯކޭޑަށް ހުރަސްއަޅައި، އަޑުގަދަކޮށް ޢާއްމު މަޞްލަޙަތު ނަގާލައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމަށް ތުޙުމަތުކުރެވޭ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އިދިކޮޅުގެ އެކްޓިވިސްޓުންނެވެ.

އެގޮތުން ޕީޖީ އޮފީހުން ދައުވާ އުފުލާފައިވާ ފަރާތްތަކަކީ:

  1. ހުޅުމާލެ 11328 ގޯތި، މުޙައްމަދު ޢައްބާސް
  2. ދަފްތަރު ނަންބަރު ރސ 9151، އަޙްމަދު ރަޝީދު
  3. ހުޅުމާލެ ފްލެޓް 06-2-154، އަޙްމަދު ޢަޒީލް
  4. ގއ. ދެއްވަދޫ، އެސްޓަންވިލާ، އަޙްމަދު ސިނާން
  5. ށ. ބިލެތްފަހި، ސޭޑީކޯނަރ، މަރްޔަމް މާޝާ

މުހައްމަދު އައްބާސްއާއި އަހްމަދު ރަޝީދު އަދި އަހްމަދު އަޒީލްގެ މައްޗަށް އުފުލާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 533 ވަނަ މާއްދާގެ ދަށުން ދައުލަތުގެ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާއެވެ. މި ދައުވާ އުފުލާފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ.

އަދި އަހްމަދު ސިނާންއާއި މަރްޔަމް މާޝާގެ މައްޗަށް ވަނީ ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތު 615 މާއްދާގެ ދަށުން އާންމު މަސްލަޙަތަށް ގެއްލުންހުރި އަމަލެއް ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ޤާނޫނުގެ 533 ވަނަ މާއްދާގެ ދަށުން ދައުލަތުގެ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. މި ދައުވާ އުފުލާފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ.

ޕީޖީ އޮފީހުން ވަނީ މި މައްސަލަތައް ކްރިމިނަލް ކޯޓަށް މިހާރު ހުށަހަޅާފައެވެ. މި ފަސް މީހުން މީގެ ކުރިން ވަނީ ހައްޔަރުކޮށްފަ ނަމަވެސް މި ފަހުން ދެ މީހަކު ވަނީ ދޫކޮށްލާފައެވެ.

ރައީސްގެ ސެކިއުރިޓީ ފެއިލްވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީން ވެސް އަންނަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ. ނަމަވެސް އެ ކޮމިޓީތައް ސިއްރުކޮށްފައިވާތީ އަދި މިހާތަނަށް ތަފްސީލެއް ނޭނގެއެވެ.

މި މައްސަލާގައި ރައީސްގެ ސަލާމަތީ ކަންކަމާ ގުޅޭ ސިފައިންގެ އިސްވެރިޔާކަމުގެ މަގާމުގެ މަސްއޫލިއްޔަތުން ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ އިބްރާހީމް ވަނީ ވަކިކޮށްފައެވެ.

comment ކޮމެންޓް