ނ. އަތޮޅުގެ ހަ ރަށެއްގައި 'އަލުން ބަލުން ރީސޭލް މާކެޓް' ބާއްވައިފި

ނ އަތޮޅުގެ ހަ ރަށެއްގައި 'އަލުން ބަލުން ރީސޭލް މާކެޓް' ބާއްވައިފި -- ފޮޓޯ/ ކުޑަފަރީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ

ތަގެތި އަލުން ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ކުރިއަށްގެންދާ 'އަލުން ބަލުން ރީސޭލް މާކެޓް' ނ. އަތޮޅުގެ ހަ ރަށެއްގައި ބާއްވައިފިއެވެ.

ދެމެހެއްޓެނިވިގޮތެއްގައި ކުނި މެނޭޖްކުރާ ޖަމްއިއްޔާއެއް ކަމަށްވާ ސޮނެވާ ނަމޫނާ އާއި ނ. އަތޮޅުގެ ހަ ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް ގުޅިގެން ކުރިއަށްގެންދިޔަ މާކެޓެކެވެ.

ނ. އަތޮޅުގައި އަލަށް ބޭއްވި މި މާކެޓް ކުރިއަށްގެންދިޔައީ އެއަތޮޅު މަގޫދޫ، ޅޮހި، ކުޑަފަރި، މާފަރު، ލަންދޫ އަދި ހޮޅުދޫގައެވެ. ބޭނުންކޮށްފައި ހުރި އަންނައުނާއި އެހެނިހެން ތަކެތި އަގުހެޔޮކޮށް އެ މާކެޓްގައި ވަނީ ވިއްކާފައެވެ.

'ސަން' އާ ވާހަކަ ދައްކަވަމުން ކުޑަފަރީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާ މިލްހާނާ އިބްރާހީމް ވިދާޅުވީ މި މާކެޓްގެ މައިގަނޑު އަމާޒަކީ، ރަށްރަށުގައި ތަކެތި އަލުން ބޭނުންކުރުމުގެ އާދަތައް އަށަގެންނެވުން ކަމަށެވެ.

އަދި ތަފާތު އެކި ބާވަތްތަކުގެ ކުނިން ތިމާވެށި ރައްކާތެރިކުރުމަކީވެސް މި މާކެޓްގެ މުހިންމު އަމާޒެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ނ. އަތޮޅުގެ ރަށްތަކުގައި ބޭއްވި 'އަލުން ބަލުން ރީސޭލް މާކެޓް'ގެ ތެރެއިން -- ފޮޓޯ/ ކުޑަފަރީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ

"ވަރަށް އުފާކުރަން މި މާކެޓް މި އަތޮޅަށް ގެނެވުނީތީ. އަޅުގަނޑުމެންގެ އަމާޒަކީ އަތޮޅުގެ ތެރޭގައި ތަކެތި އަލުން ބޭނުންކުރުމާ މެދު އާންމުންގެ ވިސްނުން މުޅިން އެއްކޮށް ބަދަލުކޮށްލުން،" މިލްނާ ވިދާޅުވިއެވެ.

އެ މާކެޓްގައި ތަކެތި ވިއްކައިގެން އެރަށްތަކުގެ އަންހެނުންގެ ކޮމިޓީތަކަށް ރަނގަޅު އާމްދަނީއެއް ލިބުނު ކަމަށް މިލްނާ ވިދާޅުވިއެވެ.

"މި މާކެޓަކީ ނ. އަތޮޅުގައި ދެމެހެއްޓެނެވި ގޮތެއްގައި ބޭއްވޭ އިވެންޓަކަށް ހެދުމަށް ސޮނެވާ ނަމޫނާއާއެކު މަސައްކަތް ކުރަމުން މިހާރު މިދަނީ،" މިލްނާ ވިދާޅުވިއެވެ.

ނ. އަތޮޅުގެ ހަ ރަށެއްގައި ބޭއްވި 'އަލުން ބަލުން ރީސޭލް މާކެޓް'ގެ ތެރެއިން -- ފޮޓޯ/ ކުޑަފަރީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ

ސޮނެވާ ނަމުނާއަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރާ ބާރުވެރި މުޖުތަމައުއެއް އުފެއްދުމަށް މަސައްކަތް ކުރާ މަދަނީ ޖަމިއްޔާއެކެވެ. އެގޮތުން ސޮނެވާ ނަމޫނާއިން އަންނަނީ ދެމެހެއްޓެނިވި ގޮތުގައި ކުނި މެނޭޖްކުރުމުގެ އެކި ޕްރޮގްރާމްތައް ނ. އަތޮޅު ކައުންސިލާ ގުޅިގެން ކުރަމުންނެވެ.

ސޮނެވާ ނަމޫނާއިން ވަނީ މީގެ ކުރިން ކާމިޔާބު އެކި ޕްރޮޖެކްޓްތައް ބ. އަތޮޅުގައި ވެސް ކުރިއަށް ގެންގޮސްފައެވެ.

comment ކޮމެންޓް