ކުނި ނުއުފައްދާ ތަންތަނުގައި ހުންނަ ކަރަންޓް މީޓަރުތަކުގެ މައުލޫމާތު ވެމްކޯއަށް ދިނުމަށް ސްޓެލްކޯ އިން އެދިއްޖެއެވެ.
ސްޓެލްކޯއިން ފޯރުކޮށްދޭ ކަރަންޓު ޚިދުމަތުގެ ބިލުގައި ވެމްކޯއިން ފޯރުކޮށްދޭ ކުނި އުކައިދިނުމުގެ ޚިދުމަތުގެ ފީ ހިމަނަން ނިންމައި ދެ ކުންފުނިން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި މި މަހުން ފެށިގެން ގޭބިސީތަކުގެ ކަރަންޓު ބިލުގައި ކުނި ފީ ހިމެނޭނެއެވެ.
ސްޓެލްކޯއިން މިއަދު ބުނީ މިދިޔަ މަހުގެ ކަރަންޓު ބިލްގައި ވެމްކޯގެ ކުނީގެ ހިދުމަތުގެ ބިލް ހިމަނައިގެން ކަސްޓަމަރުންނަށް ފޮނުވުމުގެ އެންމެ ފަހުގެ ތައްޔާރީތަށް މިހާރު ދަނީ ވަމުން ކަމަށެވެ.
އެގޮތުން މިހާތަނަށް ލިބިފައިވާ މައުލޫމާތައް ބަލައި، ލިފްޓްތައް/ސާވިސް މީޓަރުތަކުގެ އިތުރުން، ކުނި ނުއުފެދޭ ތަންތަނުގެ ކަރަންޓު ބިލްތަކުގައި ކުނީގެ ހިދުމަތަށް ނަގާ އަގު ހިމަނާފައެއް ނުވާނެ ކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ނަމަވެސް، އެއްވެސް ސަބަބަކާހުރެ މިފަދަ ތަނެއްގެ މައުލޫމާތު ހިއްސާނުކުރެވި ވާނަަމަ، އޭގެ މައުލޫމާތު ވެމްކޯގެ ވެބްސައިޓްގައިވާ ކަމާގުޅޭ ފޯމް މެދުވެރިކޮށް އެ ކުންފުންޏާ ހިއްސާ ކުރުމުން، ވެމްކޯއިން އެކަމަށް އެޓެންޑްވެ، ތަން ދިރާސާކުރުމަށް ފަހު، އޮންނަ އުސޫލުގެ ތެރެއިން އެ ބިލް އިސްލާހު ކުރާނެ ކަމަށް ވެސް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.
ވެމްކޯއިން ދެމުންދާ ކުނި މެނޭޖުކުރުމުގެ ޚިދުމަތަށް ގޭބިސީތަކުން ކުނި އުކާލަން ނަގަނީ 150 ރުފިޔާއެވެ. ނަމަވެސް މިކަމަށް 350 ރުފިޔާ ޚަރަދުވާ ކަމަށް އެ ކުންފުނިން ވަނީ މީގެ ކުރިން ބުނެފައެވެ.
ކަރަންޓު ބިލުގެ ތެރޭގައި ކުނި ފީ ހިމަނަން ނިންމި އެންމެ މައިގަނޑު ސަބަބަކީ ވެމްކޯގެ ޚިދުމަތަށް ގޭބިސީތަކުން ފައިސާ ނުދެއްކުމެވެ.