ރާއްޖެ އައި ޕާކިސްތާނު ހަތަރު މީހުންގެ ބަނޑުން 227 ބްލެޓް މަސްތުވާތަކެތި ނަގައިފި

މަސްތުވާތަކެތި ދިރުވާލާފައިވާ މީހެގެ ސްކޭން: ރާއްޖެ އައި ޕާކިސްތާނުގެ ހަތަރު މީހުންގެ ބަނޑުން ވަނީ ޖުމްލަ 227 ބްލެޓް މަސްތުވާތަކެތި ނަގާފައި --

މީގެ ތިން ދުވަސްކުރިން ރާއްޖެ އައި ޕާކިސްތާނުގެ ހަތަރު މީހުންގެ ބަނޑުން 227 ބްލެޓް މަސްތުވާތަކެތި ނަގައިފިއެވެ.

ވައިގެ މަގުން ރާއްޖެއައި ޕާކިސްތާނުގެ ތިން ފިރިހެނުންނާއި އަންހެނެއް ބަލައި ފާސްކޮށްފައިވަނީ އެ މީހުންގެ އަމަލުތައް ހުރި ގޮތުން ޝައްކުކުރެވޭ ކަންތައްތަކެއް ފާހަގަވެގެންނެވެ.

އެގޮތުން އައިޖީއެމްއެޗަށް ގެންގޮސް ސްކޭންކުރިއިރު ބަނޑުގައި ފޮރިން ބޮޑީސް ހުރިކަން ފާހަގަވެފައިވާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

އެހެންވެ އެތަކެތި ބޭރު ކުރުމަށް އެ މީހުން ދުނިދޫ މެޑިކަލް ކްލިނިކަށް ގެންދިޔައެވެ.

އެ ހަތަރު މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ 30 ދުވަސް އިތުރުކޮށްދީފައިވާއިރު އެ މީހުންގެ ހަށިގަނޑުން 227 ބަލެޓް މަސްތުވާތަކެތި ނަގާފައިވާ ކަމަށް ކޯޓު އަމުރުތަކުން އެނގެއެވެ. އެތަކެތީގެ ބަރުދަނުގައި 2.8 ކިލޯ ހުރި ކަމަށް ވެސް ވަނީ ބުނެފައެވެ.

އެގޮތުން އުމުރުން 36 އަހަރުގެ އެއް ފިރިހެނެއްގެ ބަނޑުން 80 ބްލެޓް ނެގިއިރު ހަމަ އެ އުމުރުގެ ދެވަނަ މީހާގެ ބަނޑުން 62 ބްލެޓް ވަނީ ނަގާފައެވެ. އުމުރުން 32 އަހަރުގެ ތިން ވަނަ ފިރިހެން މީހާގެ ބަނޑުން 75 ބަލެޓް ނަގާފައިވާއިރު ހަމަ އެ އުމުރުގެ އަންހެން މީހާގެ ބަނޑުން ވަނީ 10 ބްލެޓް ނަގާފައެވެ.

ކޯޓު އަމުރުތަކުން އެނގޭ ގޮތުގައި އެ ހަތަރު މީހުން ވެސް ވަނީ އެ މީހުންގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް އިއުތިރާފްވެފައެވެ. އެ މީހުން އިއުތިރާފުވީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރި ކަމަށެވެ.

comment ކޮމެންޓް