މާލެއިން ފުރައިގެން ރ.ރަސްގެތީމަށް ދަތުރުކުރި "ހޮރައިޒިއާ 2" ނަމަކަށް ކިޔާ ބޯޓެއްގެ އިންޖީނު ރޫމްގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެެންޑީއެފްއިން ބުނީ ކޯސްޓްގާޑް މެރިޓައިން ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އިން މިހާރު ހަރަކާތްތެރިވާން ފަށައިފައިވާ ކަމަށެވެ.
މާލެ ދަތުރުކުރާ މުޅި އެ ބޯޓްގައި ވަނީ ވަރަށް ބޮޑަށް ހުޅުހިފާފައެވެ. މުޅި ބޯޓް ވަނީ އެއްކޮށް އަނދާފައެވެ.

ދޯނީގައި ރޯވެ އަނދަނީ-- ފޮޓޯ: އެމްއެންޑީއެފް
އެމްއެންޑީއެފްއިން ބުނިގޮތުގައި މި ބޯޓްގައި އަލިފާން ރޯވެފައި ވަނީ ބ.އަތޮޅު ފޯ ސީޒަން ރިސޯޓް (ލަނޑާ ގިރާވަރު) އުތުރުން 3.04 ނޯޓިކަލް މޭލު ބޭރުންނެވެ. މިހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިރޭ 19:16 ހާއިރުއެވެ.
މި ބޯޓުން ދަތުރުކުރި 10 މީހުން މިހާރު ވަނީ ފޯ ސީޒަން ރިސޯޓްގެ ލޯންޗަކަށް ނަގާފައެވެ. އެ މީހުންގެ ހާލު ރަނގަޅެވެ.
އަދި ބ.އޭދަފުށީ ސީއެމްބިއުލާންސާއި ޅ.މާފިލާފުށިން ކޯސްޓްގާޑް ހާބަރ ކްރާފްޓް ލޯންޗް މިހާރު ދަނީ އެސަރަހަށްދަށް ދިއުމަށް ދަތުރުކުރަމުން ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
އިއްޔެ ވެސް ކަނޑުމަތީގެ ހިތާމަވެރި ހާދިސާއެއް ވަނީ ހިނގައިފައެވެ. މުދާ ބަރުކޮށްގެން މާލެއިން ރ. އަތޮޅަށް ދަތުރު ކުރަމުންދިޔަ "އާލާ ބޯޓު" އިއްޔެ ވަނީ ދިޔަވެ އަޑިއަށް ގޮހެވެ. އޭގެ ސަބަބުން ރ. މަޑުއްވަރީގެ ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތަކެއްވިއެވެ.