މިރޭގެ އެއްވުމުން ނެރެވޭނެ ނަތީޖާއެއް ނެތް، އެއީ ސިޔާސީ ކަމެއް: ގާސިމް

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދާ މެދު, އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމި ނިންމުމާ މެދު ހިތްހަމަނުޖެހި، އިދިކޮޅުން އެކުލަވާލައިފައިވާ އިއްތިހާދުން މިރޭ ބާއްވާ އެއްވުމުން ނެރެވޭނެ ނަތީޖާއެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

ކަނޑުގެ ސަރަހައްދު ބެހި ގޮތުން ހިތްހަމަނުޖެހިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީއާއި އެމްއެންޕީ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަޑީގައި ހުންނަވައިގެން އުފައްދަވާ ދަ ޑިމޮކްރެޓްސްއިން ވަނީ އިއްތިހާދެއް އެކުލަވާލައިފައެވެ. އެ އިއްތިހާދުން މިރޭ ބާއްވާ ޖަލްސާގައި ބައިވެރިނުވާން ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ މެންބަރުންގެ ކިބައިން، ގާސިމް ވަނީ އެދިލައްވާފައެވެ.

މިރޭގެ އެއްވުމުގައި ބައިވެރިނުވާން ނިންމި ސަބަބާ ގުޅިގެން ގާސިމް މިއަދު އެމަނިކުފާންގެ ވީޓީވީއަށް ދެއްވި އިންޓަވިއޫއެއްގައި ވިދާޅުވީ، އިދިކޮޅު އިއްތިހާދުން މިރޭ ބާއްވާ ޖަލްސާއަކީ، އެއްވެސް ނަތީޖާއެއް ނުނެރެވޭނެ އެއްވުމެއް ކަމަށެވެ. އަދި އެއީ ސިޔާސީ ބޭނުމަށް ކުރާ ކަމެއްގެ ގޮތުގައި ވެސް އޭނާ ސިފަކުރެއްވިއެވެ.

ގާސިމް ވިދާޅުވި ގޮތުގައި މިރޭގެ އެއްވުމުން، ޤައުމުގެ އަމަންއަމާންކަމާއި، ޢާންމު މަސްލަޙަތު ގެއްލުން ފިޔަވައި އިތުރު އެއްވެސް ނަތީޖާއެއް ނުނެރެވޭނެއެވެ. އަދި ގައުމު ހަލަބޮލިވެ، ގައުމުގެ އާއްމު މަސްލަހަތަށް ފުށުއަރާ އެއްވެސް ކަމެއް އެ ޕާޓީން ނުކުރާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

"ރަނގަޅު ނަތީޖާއެއް ނުނެރެވޭ ކަމެއް ކުރުމުގެ ބޭނުމެއް ނެތް. އެއީ ރައީސުލްޖުމްހޫރިޔާ މަގާމަކުން ވެސް ވަތްކެއް ނުކުރެވޭނެ. އިޓަލޮސްގެ ނިންމުމަކަށް ވެސް ބަދަލެއް ނާންނާނެ،" އޭނާ ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެ މައްސަލައިގައި ނަތީޖާ ނެރެވޭނެ ހަމައެކަނި ގޮތަކީ، ބޭރުގެ މާހިރުންގެ ލަފަޔާއެކު ވިސްނުންތެރި ކަމަކާއެކު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި ހޯދަން އެންމެން އެކުގައި މަސައްކަތް ކުރުން ކަމަށެވެ. އަދި އެއީ އޮތް މަގެއް ކަމުގައިވާނަމަ، އޭނާގެ ސަރުކާރެއްގައި އެންމެ ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ކޮށްދޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ޗާގޯސް މައްސަލައިގައި ޖުމްހޫރީ ޕާޓީ އަބަދުވެސް އޮންނާނީ ރައްޔިތުންނާއެކު ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި މި މައްސަލައިގައި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން ތައްޔާރު ނަމަވެސް، މިރޭގެ އެއްވުމަށް ގޮސްގެން، ރައްޔިތުން ހަލަބޮލިކޮށް، ފިތުނަ ފަސާދަ އުފެއްދުމަކީ އެ ޕާޓީން ގަބޫލުކުރާ ކަމެއް ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، ގައުމީ ވާޖިބު އަދާކުރުމުގެ ގޮތުން، ގައުމު ހަލަބޮލިވާ ކަމެއް ކުރުމުގައި ބައިވެރިނުވުމަށް ޕާޓީގެ މެމްބަރުންނަށް ނަސޭހަތްތެރިވި ނަމަވެސް، އެކަމުގައި އަމިއްލަ ގޮތަށް ބައިވެރިވާން ބޭނުން މީހަކަށް ހުރަހެއް ނެތް ކަމަށެވެ.

ރާއްޖެއާއި މޮރީޝަސް ކަނޑުގެ ސަރަހައްދު ފުށުއަރާ 95،563 އަކަ ކިލޯމީޓަރުގެ ސަރަހައްދު ކުރިން ރާއްޖެއިން ބޭނުން ކުރި ނަމަވެސް އެއީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއް ނޫނެވެ. އަދި، އެއީ ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތަށް އިން ކަނޑައެޅިފައިވާ ސަރަހައްދެއް ނޫނެވެ. އެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބިފައިވާއިރު މޮރީޝަސްއަށް ލިބުނީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ.

އިދިކޮޅު ޕާޓީތަކުން ނުރުހުން ފާޅުކުރަމުން އަންނަނީ އެ ސަރަހައްދު އެއްކޮށް ލިބެން ވާނީ ރާއްޖެއަށް ކަމަށް ބުނެއެވެ.

comment ކޮމެންޓް