ރޯޔަލް އައިލެންޑުގައި ފަނޑިޔާރުންނާ ދެކޮޅަށް ރޭވުމެއް ރޭވިކަމަށް ކުރާ ތުހުމަތު ގާސިމް ދޮގު ކުރައްވައިފި

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް: -- ފޮޓޯ/ ރައީސް އޮފީސް

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ، ގާސިމް އިބްރާހީމްގެ ރޯޔަލް އައިލެންޑު ރިޒޯޓުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ދެކޮޅަށް ސިއްރު ރޭވުމެއް ރޭވިކަމަށް ބުނެ ދައުރުވަމުންދާ ވާހަކަ އޭނާ ދޮގު ކުރައްވައިފިއެވެ.

"ދިޔަވަރު"ގެ ނަމުގައި ހިންގަމުން އަންނަ އޮންލައިން ނޫހެއްގައިވަނީ، ރޯޔަލް އައިލެންޑުގައި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތުސިމް އަދުނާނާއި، މަޖިލިސް ނައިބު ރައީސް އަހްމަދު ނާޒިމް ސުޕްރީމް ކޯޓު ފަނޑިޔާރުންނާ ދެކޮޅަށް ސިއްރު ރޭވުމެއް ރޭވިކަމަށް ބުނެ ލިޔުމެއް ޝާއިއުކޮށްފައެވެ.

އޭގައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި، އުއްތަމަ ފަނޑިޔާރު މުއުތަސިމާއި، ނާޒިމާއި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ އެޑްވައިޒަރުކަން ކުރެއްވި މުހައްމަދު ޝިހާބު ރޯޔަލް އައިލެންޑުގައި ބައްދަލު ކުރެއްވި ކަމަށެވެ.

ގާސިމް ނުހިމަނައި ކުރިޔަށް ގެންދިޔަ އެ ބައްދަލުވުމުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒާ "އެއްކޮޅަށް އެރުމަށް" ދެކޮޅު ހެދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ދެކޮޅަށް ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް އެ ލިޔުމުގައި ލިޔެފައިވެއެވެ.

މި ތުހުމަތުތައް ދޮގުކުރައްވަމުން ގާސިމް އެކްސްގައި ވިދާޅުވީ، އެ ލިޔުމުގައިވަނީ ހަގީގަތެއް ނެތް ބުހުތާނު ވާހަކަތަކެއް ކަމަށެވެ.

ގާސިމް ވިދާޅުވި ގޮތުގައި، ރޯޔަލް އައިލެންޑަކީ އޭނާގެ އަމިއްލަފުޅު ރިޒޯޓެއް ނަމަވެސް، އެ ރިޒޯޓަށް ވަޑައިނުގަންނަވާތާ ތިން އަހަރުވެދާނެއެވެ. އެންމެ ފަހުން އެ ރިޒޯޓަށް ވަޑައިގަތީ ކޮމަންޑޫ ދާއިރާގެ މަޖިލިސް ބައި-އިލެކްޝަންގައި ކުރެއްވި ދަތުރެއްގައި ކަމަށް ގާސިމް ވިދާޅުވިއެވެ.

އަދި އުއްތަމަ ފަނޑިޔާރާއި ޝިހާބު ވެސް، އެ ރިޒޯޓަށް މި އަހަރުގެ ތެރޭގައި އެއްވެސް ބޭނުމަކު ވަޑައިގެންފައިނުވާ ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

ގާސިމް ވިދާޅުވީ މިފަދަ ލިޔުންތައް ލިޔެ ޝާއިއުކުރާ މީހުންނަކީ މިފަދަ ދޮގު ޚަބަރު ފެތުރުމުގައި ހުރި ނުބައިކަމާއި، ފާފަވެރިކަން އެނގިތިބެ، މުޖުތަމައު ފަސާދަ ކުރުމުގެ ބޭނުމުގައި މިފަދަ އަމަލުތަައް ތަކުރާރުކޮށް ކުރާ މީހުން ކަމަށެވެ.

އެ ގޮތުން ގާސިމްވަނީ އޭނާއާއި، ޝިހާބާއި މުއުތަސިމްގެ އިތުރުން ނާޒިމާ ގުޅުވައި، ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް، ސިޔާސީ ބޭނުމަށް ޓަކައި ވަކި ބަޔަކު ނޫސްތައް މެދުވެރިކޮށް ފަތުރަމުންދާ ދޮގު ވާހަކަތައް ހުއްޓުވައިދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވައިފައެވެ.

"ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމަކީ، ހަޤީޤަތެއް ނެތް ދޮގުވާހަކަ ފަތުރާ ސިޔާސީ މަޤްޞަދުތައް ހާސިލް ކުރުމުގެ ބޭނުމުގައި މުޖުތަމަޢު ފަސާދަ ކުރުމަށްއޮތް ލައިސަންސެއް
ކަމަށް ދެކި، މިފަދަ ޢަމަލު ތައް ތަކުރާރު ކުރާފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އެޅިގެން ނޫނީ މިފަދަ ކަންކަން ހުއްޓުމަކަށް ނާންނާނެއެވެ" ގާސިމް ވިދާޅުވިއެވެ.

ގާސިމް މިފަދައިން ވިދާޅުވިއިރު ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މި ވަގުތު ހުންނެވީ ސަސްޕެންޝަނުގައެވެ. އެކަމުގައި ސަރުކާރުގެ ނުފޫޒު އޮތްކަމުގެ ކަންބޮޑުވުން އިދިކޮޅުން ފާޅުކުރެއެވެ.

comment ކޮމެންޓް