ބަހުގެ ޚިދުމަތް ފެށީ މުވައްޒަފުން ހުޅުމާލެއިން އަންނަން ދަތިވާތީ: ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލުގެ މުވައްޒަފުންނަށް ހާއްސަ ބަހުގެ ޚިދުމަތް ފެށުން --- ފޮޓޯ/ ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލުގެ މުވައްޒަފުންނަށް ހާއްސަ ބަހުގެ ޚިދުމަތް މާލެ އާއި ހުޅުމާލޭގައި އިއްޔެ ފެށީ އެ ކައުންސިލްގެ މުވައްޒަފުން ހުޅުމާލެއިން އައުމަށް ދަތިވާތީ ކަމަށް އެ ކައުންސިލުން މިއަދު ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށާއި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ސްކޫލްތަކުގެ މުވައްޒަފުން އަދި ކައުންސިލްގެ ބަސް ޕްރައިވެޓް ހަޔަރ ގެ ގޮތުގައި ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަތް ފަށާފައި ވަނީ އިއްޔެއެވެ.

މި ޚިދުމަތަކީ 24 ގަޑިއިރުގެ ޚިދުމަތެކެވެ. އެގޮތުން ހަމަޖެހިފައިވާ ތާވަލާ އެއްގޮތަށް 24 ގަޑިއިރު ދަތުރު ކުރާނެއެވެ. އަދި ޝެޑިއުލްގެ ބޭރުން އިތުރަށް ހަމަޖައްސާ ދަތުރު ތަކަކީ ވެސް 24 ގަޑިއިރުގެ ޚިދުމަތެކެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ، ކޮންމެ ގަޑިއެއްގައި ދަތުރަކަށް އެދުނު ކަމުގައި ވިޔަސް އެ ޚިދުމަތް ލިބޭނެ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ ފަރާތުން މާލެ އާއި ހުޅުމާލޭގައި ތަޢާރަފްކުރާ ބަހުގެ ޚިދުމަތް ވަނީ ދެ ގިންތި އަކަށް ބަހާފައެވެ. އެގޮތުން ފަސިންޖަރުން ދަތުރުކުރާ ބަސްތަކާއި ހާއްސަ ދަތުރުތައް ކުރާ ބަސްތައް ހިމެނެއެވެ.

މާލޭ ސިޓީ ކައުންސިލުގެ މުވައްޒަފުންނަށް ހާއްސަ ބަހުގެ ޚިދުމަތް ފެށުން --- ފޮޓޯ/ ސިޓީ ކައުންސިލް

ހަމައެއާ އެކު، ބަހުގެ ދަތުރުތަކަށް އަގުނެގުން ވެސް ވަނީ ދެ ގިންތިއަކަށް ބަހާފައެވެ. އެއީ އޮފީސްތަކުން އެދިގެން ކުރާ ދަތުރުތަކަށް ނަގާ ފައިސާ އާއި ހުސްޖާގަ އޮވެގެން އާއްމުންގެ ތެރެއިން އަރާ މީހުންގެ އަތުން ނަގާ އަގެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ، ބަހުގެ ޚިދުމަތް ބޭނުންކުރާ އެ ކައުންސިލްގެ މުވައްޒަފުންގެ އަތުން ފީ ނުނަގާނެ ކަމަށާއި އެ މުވައްޒަފުންނަށް ބަހުގައި ދަތުރު ކުރެވޭނީ ބަސްކާޑު ހިފައިގެން ކަމަށެވެ.

ބަހުގެ ޚިދުމަތާ ބެހޭ އުސޫލުގައިވާ ގޮތުން، މާލޭ ސިޓީ ކައުންސިލުގެ މުވައްޒަފުން ނޫން އެހެން އިދާރާއެއްގެ މުވައްޒަފުން ބަހުގައި ގެންދަން ބޭނުންނަމަ ކޮންމެ ދަތުރަކަށް، ކޮޅަކަށް އެ އޮފީހަކުން 150 ރުފިޔާ ދެއްކުމުން ދަތުރު ހަމަޖައްދައިދޭނެއެވެ. ދެކޮޅަށް ކުރާ ދަތުރެއްނަމަ 300 ރުފިޔާ ދެއްކުމުން ދަތުރު ހަމަޖައްސައިދޭނެއެވެ.

އެހެން އިދާރާއެއްގެ މުވައްޒަފުން ގެންދިއުމަށް އެއް މަސްދުވަހުގެ މުއްދަތަށް 9000 ރުފިޔާ ދެއްކުމުން އެ މަހެއްގައި އެ އޮފީހުން ބޭނުންވާ މުވައްޒަފުންގެ ދެކޮޅު ދަތުރު ހަމަޖައްސައިދޭނެއެވެ. އަދި ދަތުރަކަށް ވަކިން ބަސް ކުއްޔަށް ހިފުމުގެ ރޭޓަކީ 300 ރުފިޔާއެވެ.

މި ދަތުރުގައި އެއް ގަޑިއިރަށް މަޑުކުރާ ނަމަ 100 ރުފިޔާގެ ފީއެއް ދައްކަން ޖެހޭނެއެވެ. އަދި ރޭގަނޑު 12 ގެ ފަހުން ދަތުރެއް ކުރަން ޖެހިއްޖެ ނަމަ ކުރާނީ 600 ރުފިޔާގެ ރޭޓުންނެވެ.

މި އުޞޫލުގެ ދަށުން އެއްވެސް އަގަކާނުލާ ބަހުގައި ދަތުރު ކުރެވޭނެ މީހުންނަކީ:

  • އުމުރުން 65 އަހަރުން ފެށިގެން ދޮށީ އުމުރުގެ މީހުން
  • އެންސްޕާގައި ރަޖިސްޓްރީވެފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުން އަދި
  • އުމުރުން ހަ އަހަރުން ދަށުގެ ކުޑަކުދީން

މާލޭ ސިޓީ ކައުންސިލުން ފެށި ބަހުގެ ޚިދުމަތުގެ މަގުސަދަކީ މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނާއި އެހެނިހެން އޮފީސްތަކުގެ މުވައްޒަފުން އުފުލުމުގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތެއްގައި ދިނުން ކަމަށް އެ ކައުންސިލުން ބުންޏެވެ.

މާލޭ ސިޓީ ކައުންސިލުގެ މުވައްޒަފުންނަށް ހާއްސަ ބަހުގެ ޚިދުމަތް ފެށުން --- ފޮޓޯ/ ސިޓީ ކައުންސިލް

ބަހުގެ ޚިދުމަތާ ގުޅޭ ގޮތުން ކައުންސިލްގެ 104 ވަނަ ރަސްމީ އާއްމު ޖަލްސާގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މި ޚިދުމަތް ތައާރަފް ކުރަން ނިންމީ ކައުންސިލްގެ މުވައްޒަފުން ހުޅުމާލެގެ އެއްވަނަ ފިޔަވަހިންނާއި ދެވެނަ ފިޔަވަހިން ވެސް މާލެ އަންނަން ޖެހުމާއެކު އެކަމަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ.

މީގެ އިތުރުން، މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތިން ސްކޫލްގެ މުވައްޒަފުންނަށް ވެސް ކައުންސިލް ބަހުގައި ދަތުރު ކުރެވޭނެ ކަމަށާއި ޕްރައިވެޓް ހަޔާގެ ގޮތުގައި ވެސް ޚިދުމަތް ދެވޭގޮތަށް ކައުންސިލުން އުސޫލު ފާސްކޮށްފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

ސިޓީ ކައުންސިލުން ވަކިން މާލެއާއި ހުޅުމާލެއާ ދެމެދު ބަހުގެ ހިދުމަތް ފަށާފައިވާއިރު އެމްޓީސީސީއިން އަންނަނީ ވަރަށް ހެޔޮ އަގެއްގައި މިހާރު ވެސް އެ ހިދުމަތް ދެމުންނެވެ. އެ ހިދުމަތަށް ވަރަށް ޑިމާންޑް ވެސް ބޮޑެވެ.

ސިޓީ ކައުންސިލުން ވަނީ އެމްޓީސީސީއިން ވިލިމާލޭގައި ބަހުގެ ހިދުމަތް ދެމުން އަންނަނިކޮށް ބަގީގެ ހިދުމަތް ވެސް ފަށައިފައެވެ.

comment ކޮމެންޓް