ހަށިވިއްކުމުގެ ނެޓްވޯކު: އެކަކު ދޫކޮށްލައި އަނެއް 12 މީހުންގެ ބަންދު އިތުރުކޮށްފި

ހަށިވިއްކަމުންދާ ކަމުގެ މައުލޫމާތު ލިބިގެން މީގެ ކުރުން ފުލުހުން ބަލައިފާސްކުރި ތަނަކުން ހައްޔަރުކުރި ބިދޭސީން ތަކެއް: ދާދި ފަހުން ވަނީ އެފަދަ މައްސަލައެއްގައި 13 މީހަކު ހައްޔަރުކޮށްފަ --- ސަން ފައިލް ފޮޓޯ: މުހައްމަދު އަފްރާހް

ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަކަމުގެ ތުހުމަތުގައި ހައްޔަރުކުރި 13 މީހުންގެ ތެރެއިން އެކަކު ދޫކޮށްލައި ދެން ތިބި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ފުލުހުންގެ އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓާއި އިންޓެލިޖެންސް އަދި އިމިގްރޭޝަން ގުޅިގެން މިދިޔަ މަހުގެ 17 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް އަށް ފިރިހެނުންނާއި ހަމަ އެ ގައުމުގެ އަންހެނެއްގެ އިތުރުން ތައިލެންޑްގެ ހަތަރު އަންހެނެކެވެ.

އެ މީހުންގެ ބަންދު އިތުރުކޮށްދިނުމަށް އެދި އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އުމުރުން 35 އަހަރުގެ ބަންގަލަދޭޝް ފިރިހެން މީހާ ވަނީ ކޯޓުން ދޫކޮށްލާފައެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ އޭނާއާ ދެކޮޅަށް އިތުރު ހެކި ލިބިފައި ނެތުމެވެ. އަދި އޭނާއާ ކުށާ ގުޅުވައިދޭ އިތުރު ހެއްކެއް ފުލުހުންގެ ފަރާތުން ހުށަހަޅާފައި ނުވާ ކަމަށް ވެސް އޭނާ ދޫކޮށްލަން އަމުރުކުރި ކޯޓު އަމުރުގައި ވެއެވެ.

ޝަރުތުކުރުމަށްފަހު ދޫކޮށްލި އެ ފިރިހެން މީހާ އަކީ ދިވެހި އަންހެނަކާ ކައިވެނިކޮށްގެން ރާއްޖޭގައި ވިޔަފާރި ކުރަމުން އަންނަ މީހެއް ކަމަށް ވެސް އެ ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

އެ މީހުންގެ ތެރެއިން ބަންގަލަދޭޝްއަށް ނިސަބަތްވާ ހަ ފިރިހެނުންގެ ބަންދަށް ވަނީ 30 ދުވަސް އިތުރުކޮށްފައެވެ. އެ ގައުމުގެ އަންހެން މީހާގެ ބަންދަށް 10 ދުވަސް އިތުރުކުރިއިރު ތައިލޭންޑް ދެ އަންހެނުންގެ ބަންދަށް ވަނީ 30 ދުވަސް އިތުރުކޮށް އެ ގައުމުގެ ދެ އަންހެނުންގެ ބަންދަށް 15 ދުވަސް އިތުރު ކޮށްފައެވެ.

އެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރި ކޯޓު އަމުރުން އެނގޭ ގޮތުގައި ހަށިވިއްކުމުގެ ވިޔަފާރީ ކުރަމުންދިޔައީ ގެސްޓްހައުސެއްގެ ނަމުގައި ހިންގާ ތަނެއްގެ ތެރޭގައެވެ. ނަމަވެސް އެ ވިޔަފާރި ކުރުމަށް ދޫކުރާ ހުއްދަ ނަގާފައި ނުވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުޅާ ދާއިރާއެއްގައި ހަށިވިއްކާ ކަމުގެ ތުހުމަތުގައި އަތުލައިގަތް އެ މީހުންގެ ތެރެއިން އެކި މީހުންނާ އެކި ޓާސްކްތައް ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން އެއް ބަޔަކު ގެސްޓްހައުސް ހިންގާއިރު އަނެއް ބަޔަކު ސޯޝަލް މީޑިއާފަދަ ވަސީލަތްތައް ބޭނުންކޮށްގެން ހަށިވިއްކުން އިސްތިހާރު ކޮށް މީހުން ހޯދާ ކަމަށް ވެސް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ. އަދި ހަށިވިއްކާ އަންހެނުން އެއް ތަނުން އަނެއް ތަނަށް ގެންދިއުމުގައި ވެސް ބައެއް މީހުން ހަރަކާތްތެރިވާ ކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ.

comment ކޮމެންޓް