ކުޑަ ކުދިން ކުށުގެ ވެށިން ކަންބޮޑުވާ ވަރަށް ފެނޭ، ކުށް ކުރުމުގެ ބިރުބޮޑު: ނަވީން

ޑުރަގު އައްޑާއަކަށް އަމާޒުކޮށް ހިންގި އޮޕަރޭޝަނެއް ތެރެއިން: 17 އަހަރުގެ ކުދިން ކުށުގެ ހޮޓްސްޕޮޓުތަކުން ކަންބޮޑުވާ ވަރަށް ފެނޭ، ކުށް ކުރުމުގެ ބިރުބޮޑު ކަމަށް ނަވީން ވިދާޅުވި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަށާރަ އަހަރު ނުފުރޭ ފުރާވަރުގެ ކުދިން ކުށްތައް އެންމެ ގިނައިން ކުރާ ކަމަށް މަޝްހޫރު "ހޮޓްސްޕޮޓު"ތަކުން ފެންނަ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން މިއަދު ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަވީން ވިދާޅުވީ، މަގުމަތި ޕެޓްރޯލް ކުރަމުންދާއިރު، ކުޑަކުދިންގެ ކަންކަން ވަރަށް ކަންބޮޑުވާ ހިސާބަށް ގޮސްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ނަވީން ވިދާޅުވި ގޮތުގައި، ކުށުގެ މާހައުލުގައި އުޅޭ މީހުންނަށް ވުރެ މިހާރު ގިނައިން ފެންނަނީ ކުޑަކުދިންގެ އައު މޫނުތަކެވެ. އެ ކަން ގޮސްފައި އޮތް ހިސާބު ވެސް ނަވީން އިތުރަށް ތަފްސީލުކޮށްދެއްވިއެވެ.

އެންމެ ފަހުން އޯލެވެލް ހެދި، ނޫނީ މިދިޔަ އަހަރު އޯލެވެލް ހެދި ކުދިން، ކިރިޔާ އަށާރަ އަހަރުވެފައި ތިބޭ ކުދިން ނޫނީ ސަތާރަ އަހަރުގެ ކުދިން މިހާރު މި ފެންނަނީ އެ ތަންތަނުން. އަޅުގަނޑުމެން ހޮޓްސްޕޮޓްސްއޭ މިކިޔާ ގްރޫޕުތައް އެއްވެފައި އޮންނަ ތަންތަނުން މި ފެންނަނީ ސަތާރަ އަހަރުގެ ކުދިން. ކަންބޮޑުވާ ދަރަޖައަކަށް އަޅުގަނޑުމެނަށް [އެކުދިން] އެބަ ފެނޭ

ސީޕީ ނަވީން: 17 އަހަރުގެ ކުދިން ކުށުގެ ހޮޓްސްޕޮޓުތަކުން ކަންބޮޑުވާ ވަރަށް ފެނޭ، ކުށް ކުރުމުގެ ބިރުބޮޑު ކަމަށް ކަންބޮޑުވުމާ އެކު ސީޕީ ފާހަގަކުރެއްވި ----- ފޮޓޯ/ ސީޕީ ނަވީން، އެކްސް

އެ ގުރޫޕުތައް އެއްވެފައި އޮންނަ ތަންތަނުން ފެންނަ ކުޑަކުދިން ކުށެއް ނުކުރާތީ ފޮނުވާލަނީ ނަސޭހަތް ދީފައި ކަމަށާއި މުސްތަގުބަލުގައި އެކުދިން ކުށުގެ ތެރެއަށް ވަނުމުގެ ބިރުބޮޑު ކަމަށް ކަންބޮޑުވެ ހުންނަވައި، ނަވީން ވިދާޅުވިއެވެ.

އެހެންވެ، ނަވީން ވަނީ ކުޑަކުދިން އުޅޭ ނޫޅޭ ތަންތަން ބެލުމަށް ބެލެނިވެރިންނަށް ނަސޭހަތްތެރިވެފައެވެ.

އެ ކަމުގެ އިތުރު މައުލޫމާތުތައް ވަރަށް އަވަހަށް ދިނުމަށް އިތުރު ބައްދަލުވުންތައް ބާއްވާނެކަން ނަވީން ފާހަގަކުރެއްވިއެވެ.

ސީޕީ އެހެން ވިދާޅުވިއިރު، މީގެ ކުރިން ވެސް ފުލުހުން ވަނީ ކުށުގެ ވެށީގައި ކުޑަ ފިރިހެން ކުދިން ގްރޫޕް ހަދައިގެން ތިބުން އާންމުވާތީ އެ ކަމަށް ސަމާލުވާން ބެލެނިވެރިންނަށް އިލްތިމާސްކޮށްފައެވެ.

https://sun.mv/210146

ކުޑަކުދިން ކުށުގެ ވެއްޓަށް ވެއްދުމަށް ގްރޫމްކުރުމަކީ މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. ޚާއްސަކޮށް މަސްތުވާތަކެތީގެ ވިޔަފާރީގައި ފުރާވަރު އުމުރުގެ ފިރިހެން ކުދިން ގްރޫމްކޮށް އެ ކުދިން މެދުވެރިކޮށް ކުށްތައް ހިންގުން އާންމެވެ.

މީގެ އިތުރުން، ވެސް މީހުން މެރުމާއި، އެ ނޫން ވެސް ބޮޑެތި ގާނޫނީ ކުށްތަށް ކުރަން ގޭންގުތަކުންނާއި ކުށުގެ ވެށީގައި އުޅޭ ކުށްވެރިން، އެ ކުދިން އެކި ގޭންގުތަކަށް ނިސްބަތްވާ ކުދިންގެ ގޮތުގައި ހަދައި ކުދިންގެ ބޭނުން ހިފައެެވެ.

ކުޑަކުދިން ލައްވައި ކުށްތައް ކުރުވަނީ، 15 އަހަރު ނުފުރޭނަމަ، ގާނޫނު އޮންނަ ގޮތުން އެ ކުދިންނަށް ޖިނާއީ އަދަބުތައް ތަންފީޒުކުރަން ނުޖެހޭނެތީއެވެ. ނުވަތަ އެ ކުށަށް ޒިންމާވާން ނުޖެހޭނެތީއެވެ. އެެހެންވެ ސަރުކާރުން ވަނީ ކުޑަކުދިން ޖިނާއީ ކުށްތަކަށް ޒިންމާވާ އުމުރު 12 އަހަރަށް ދަށްކުރަން ގާނޫނަށް ބަދަލު ގެންނަން މަސައްކަތް ފަށައިފައެވެ.

comment ކޮމެންޓް