މަލާމާތާއި ފުރައްސާރައިން ފިރިހެން ނަރުހަކަށް، މިހާރު މީހުން ބަލައިގަނޭ!

އިނާސް އޭނާއާއެކު މަސައްކަތް ކުރާ ނަރުހުންނާއެކު-- ފޮޓޯ: އިނާސް

ރާއްޖޭގެ މި ކުޑަ މުޖުތަމައު އަކީ ޖިންސީ ތަފާތުކުރުން ބޮޑު މުޖުތަމައުއެކެވެ. "އަންހެން މަސައްކަތް" ނުވަތަ "ފިރިހެން މަސައްކަތް" ގޮތުގައި ބައެއް މަސައްކަތްތައް ލޭބަލް ކޮށްފައި ހުރި ޒަމާނެއް ރާއްޖެ ދެކެފިއެވެ. މިހާރު ވެސް އެ ބޯދާ ވިސްނުންތައް މި ރާއްޖޭގައި މުޅިން ނެތޭ ބުނެފިއްޔާ ވާނީ ދޮގަކަށެވެ.

މިގޮތަށް މި މުޖުތަމައުގައި އެންމެ ބޮޑަށް ޖިންސީ ތަފާތުކުރުން ގެންގުޅޭ އެއް ދާއިރާއަކީ ސިއްހީ ދާއިރާއެވެ. ދާދި ފަހަކާ ޖެހެންދެން ވެސް ނަރުހުންނަކީ ހޮސްޕިޓަލަށް ފަރުވާ ހޯދަން ދާ މީހުންގެ "ސިސްޓާސް"އެވެ. އެއީ ފިރިހެނުން ކުރާ މަސައްކަތެއް ނޫންކަމަށް މީހުން ބުނެއުޅުނެވެ. ފިރިހެނުންނަށް އެކަށީގެން ވެސް ވާ މަސައްކަތެއް ނޫންކަމަށް މީހުން ބުނެއުޅުނެވެ.

މުޖުތަމައުގެ ތެރޭގައި އޮންނަ މި ގަބޫލުކުމަކީ ނަރުސް ކަމަށް ނުކުންނަން ބޭނުންވާ ޒުވާން ފިރިހެން ކުދިންގެ ފައިގައި އެޅިފައި ވާ ކަސްތޮޅެވެ. މީހުން ކިޔާނެ އެއްޗިއްސަށް ވިސްނާ މި ދާއިރާއަށް ނުކުންނަން ބޭނުންވާ އެތައް ކުދިންނެއް ފަސްޖެހި ޚިޔާލު ބަދަލުކޮށްފައި އެބަހުއްޓެވެ.

އޭގެ ތެރެއިން އެކަކީ އައްޑޫ އެކުއިޓޯރިއަލް ހޮސްޕިޓަލުގެ އެންމެ ފުރަތަމަ ފިރިހެން ނަރުސް އިނާސް ރަޝީދެވެ. މިއަދު އޭނާ އެ މަގާމުގައި ހުރި ނަމަވެސް، އެ ހިސާބަށް އަންނަން އޭނާ ވަނީ އެތައް ގަދަ ކަނޑެއް ހުރަސްކޮށްފައެވެ. އަދި އެތައް ބައެއްގެ ފާޑު ކިޔުންތަކަށް ބީރު ކަންފަތެއް ދީފައެވެ.

"2014ވަނަ އަހަރު ސްކޫލު ނިމުނީ. އޭރު އެމްއެންޔޫއިން ކިޔަވަން ފެށީ ޑިޕްލޮމާއިން އިންފޮމޭޝަން ޓެކްނޮލިޖީ. އަހަރެއްހާ ދުވަހު ކިޔަވާފަ ދެން ހަމަ ޝައުގުވެރިކަން އައިޓީއަށް ނެތިގެން ނާސިން ކިޔަވަން ބޭނުންވީ،" އަބަދުވެސް ނަރުސް ކަމަށް ޝައުގުވެރިކަން ހުރި ނަމަވެސް މުޖުތަމައިގެ ގަބޫލުކުރުންތަކުގެ ސަބަބުން ފުރަތަމަ އެ ދާއިރާއަށް ނުނިކުމެ އެހެން ދާއިރާއަކުން ކިޔަވަން ފެށި އިނާސް ބުންޏެވެ.

"ނަރުހަކަށް ވާހިތްވާ ވާހަކަ ބުނީމަ ވެސް މީހުން ބުނޭ ކީއްކުރަން ހެއްޔޭ އެއީ. އަންހެނަކަށް ވާންހޭ. އެހެންވީމަ އައި ހޯލްޑް އިޓް ބެކް ފޯ އަ ވައިލް،" އިނާސް ކިޔައިދިނެވެ.

އިނާސް ނަރުސް ޔުނީފޯމުގައި --

ސްކޫލު ނިމުމާ އެކު އައިޓީ ކިޔަވަން އޭނާ ބޭނުންވީ މުޖުތަމައުގެ މީހުންގެ ގަބޫލުކުރުންތަކުގެ ސަބަބުންނެވެ. އެ ބޯދާ ވިސްނުންތަކުން އިނާސްގެ ބެލެނިވެރިން ވެސް އޭރު އޭނާގެ ޝައުގަށް މާ ބޮޑު ސަމާލުކަމެއް ނުދެއެވެ.

"މަންމަމެން ގަބޫލު. އެކަމަކު އޭރު ދެން ސްޓިގްމާ އިންނާތީ އެކަމާ އެހާ އަޅާނުލަނީ،" އިނާސް ބުންޏެވެ.

ނަރުސްކަމަށް ހުންނަ ޝައުގެއްގެ ބޮޑުކަމުން އޭނާ އައިޓީ ކޯސް ކުރިއަށް ނުގެންގޮސް ހުއްޓާލީއެވެ.

"އެހެން ހުއްޓަ ޕިވެޓް އޮތޯރިޓީން ފެއްޓީ އޮންލައިންކޮށް ނާސިން ކިޔަވައިދޭން. އޭރު 500 ނަރުހުން ތަމްރީނު ކުރުމަށް ފެއްޓި ޕްރޮގްރާމެއް އެއީ. އޭތި ފެނިގެން މަންމަ ގުޅާފަ ބުނީ އެޕްލައި ކުރަންވީ ނޫންހޭ،" އެ ހިސާބުން އޭނާގެ ކިޔެވުމާއި ކެރިއަރުގެ މިސްރާބު ވަގުތުން ނަރުސްކަމަށް އަނބުރާ އެކަމަށް ހުސްވިއެވެ.

ނަމަވެސް އޮންލައިން ކޮށް ނަރުސްކަން ކިޔެވުން ވީ އިނާސް ހީކުރި ވަރަށް ވުރެ އުނދަގޫ ކަމަކަށެވެ. ހިތުގެ އެންމެ ފުންމިނުން ލޯބި ޖެހިފައި އޮތް އެ ދާއިރާއާ ދިމާލަށް އެޅި ފުރަތަމަ ފިޔަވަޅާ އެކު ވެސް އޭނާއަށް ގިރާކުރަން ޖެހުނު އޮޅިތައް ގިނަވިއެވެ. ގޮންޖެހުންތަކާ ހުރަސްތަކުގެ ސަބަބުން އޭނާ އެންމެ ފަހުން އެ ކޯހުން ކެނޑުނީއެވެ. ކޯހުން ކެނޑުނު ނަމަވެސް އޭނާގެ ހިތުގައި ދާއިރާއަށް އޮތް ލޯބި ނުވަތަ ނަރުހަކަށް ވުމަށް ކުރި އުންމީދު ކަނޑައެއް ނުލައެވެ.

"ދެން 2017 ވަނަ އަހަރު އެމްއެންޔޫއިން ގަމު ކެމްޕަސްގައި ކިޔެވީ. އެއީ އެއް އަހަރުގެ އެޑްވާންސް ސެޓްފިކެޓް ކޯހެއް،" އިނާސް ބުންޏެވެ.

އެ ކޯސް ނިމުމަށް ފަހު ނަރުހެއްގެ ޒިންމާ އޭނާ އެންމެ ފުރަތަމަ އަދާކުރީ ރިސޯޓެއްގައެވެ. ކުޑައިރުއްސުރެ އެންމެ ކުރާހިތްވާ ކަންތައް ކުރަން ފެށުމުން އޭނާގެ ހިތުގައި އުފެދުނު އުފާވެރިކަމާ އެއްވަރަށް "ރިސޯޓް ނާސިންގް"އަށް ވެސް ހިތުގައި ލޯތްބެއް އުފަންވީ އެ ހިސާބުންނެވެ.

"ލޯކަލް ކޮންޓްރެކްޓްގަ މަސައްކަތް ކުރަނީ. ދެން 2018ގަ ކިޔަވަން ފެށީ ޑިޕްލޮމާ މާލެއިން. ރިސޯޓުގަ ހުއްޓަ ކޯސް ލިބުނީ. ދެން ކެނޑިގެން ދިޔައީ މާލެއަށް،" ރޮބިންސަން ކްލަބް މޯލްޑިވްސްގައި މަސައްކަތް ކުރަނިކޮށް އިތުރަށް ކިޔެވުމުގެ ފުރުސަތު ފަހިވުމުން އިނާސް އަނެއްކާ ވެސް ބަދަލުވީ މާލެއަށެވެ.

އަނެއްކާ ވެސް ކިޔެވުމުގައި އިނާސްއަށް ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކެއް ކުރިމަތި ވާން ފެށިއެވެ.

"ބައެއް މޮޑިއުލްތައް އުނދަގޫ ވީމަ ކޯހުގެ މުއްދަތަށް ވުރެ ގިނަ ދުވަސް ވި. ކޮވިޑް ތެރޭގަ ޑިލޭ ވެސް އައި. ފަހު ސެމިސްޓާ އާ ހިސާބުގަ އެންމެ މޮޑިއުލް އެއް ދެން އިނީ. އެއީ ރިޕްރޮޑަކްޓިވް ހެލްތް ނާސިން ކިޔާ ކޮމްޕޮނެންޓެއް،" ކޯސް ފުރިހަމަ ކުރުމަށްޓަކާ އޭނާ ފުރިހަމަކުރަން ޖެހޭ މި ބައިގައި މާބަނޑު މީހުންގެ ބަނޑުގައި ކުޑަ ދަރިފުޅު އޮންނަ ގޮތް ބަލަން ޖެހެއެވެ.

ކިޔެވުމުގައި އިނާސްއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމުގެ ގޮތުގައި އިނާސް ސިފަކުރަނީ މި ބައި ފުރިހަމަ ކުރަން ޖެހުމެވެ. އެއީ އޭނާ "ފިރިހެން ނަރުހަކަށް" ވުމުން ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުން ވެސް މެއެވެ. ގިނަ މާކްސް ހިމެނޭ މި ބައި އަހަރެއްހާ ދުވަހު އިނާސް ރިޕީޓްކުރަން ޖެހުނެއެވެ.

"ގިނަ މީހުން ހަމަ ގަބޫލެއް ނުވޭ ބަނޑުގަ އަތްލާކަށް ފިރިހެނެއް ވީމަ. އެކަމަކު އެންމެ ފަހުން ހަމަ ވަރަށް ގިނަ މީހުންގެ އެހީއާ އެކީ އެ ބައި ނިންމީ،" ފިރިހެން ނަރުހުންނާ މެދު އޮންނަ ތަފާތު ޚިޔާލުގެ ސަބަބުން ފިރިހެން ނަރުހުންނާއި ފިރިހެން ޑޮކްޓަރުން ވެސް ތަފާތު ކުރާކަން އިނާސް ފާހަގަ ކުރިއެވެ.

އެގޮތުން ފިރިހެން ގައިނިކޮލޮޖިސްޓުންނަށް ދައްކާ ގިނަ އަންހެނުން، ފިރިހެން ނަރުހުންނަށް ދައްކަން ގަބޫލު ނުވާކަމަށް އޭނާ ބުންޏެވެ.

"އޮބްޒާވް ކުރަން ދިޔަސް އޮބްޒާވް ކުރާކަށް ވެސް ގަބޫލެއް ނުވާނެ. އެކަމަކު އެ މީހުންގެ އެޑްމިޓިން ޑޮކްޓަރަކީ ފިރިހެން ޑޮކްޓަރެއް. އެކަހަލަ ކަންކަން ވަރަށް ގިނައިން ދިމާވެފަ އެބަހުރި،" މިއީ ފިރިހެން ނަރުހުންނާ މެދު އޮންނަ ގަބޫލުކުރުން ތަކުގެ ސަބަބުން ވާ ކަމެއް ކަމަށް އިނާސް ބުންޏެވެ.

ދެހާސް އަށާރަ ވަނަ އަހަރު، ޑިޕްލޮމާ ފަށައިގެން ގިނަ ގޮންޖެހުންތަކާ އެކު އެ ކޯސް އޭނާ ނިންމީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. އެވީ ހަތަރު ވަރަކަށް އަހަރު ތެރޭ މޮޑިއުލަށް އައި ބަދަލާއެކު އޭނާގެ ކޯހުގެ ފެންވަރު ވެސް މަތިވިކަމަށް އިނާސް ބުންޏެވެ.

ހަތަރު އަހަރު ތެރޭ ގިނަ ކަންކަން ބަދަލުވެފައި ވާކަން ވެސް އޭނާ ފާހަގަ ކުރިއެވެ. އެގޮތުން ފިރިހެން ނަރުހުން ބަލައިގަންނަން މުޖުތަމައުއިން ފަށާފައި ވާކަމަށް އިނާސް ބުންޏެވެ.

އޭނާ ކިޔަވަން ފެށި އިރު ނަރުސްކަން ކިޔަވާ ފިރިހެން ކުދިން ވެސް މަދެވެ. އަދި މިހާރު ފިރިހެން ނަރުހަކަށް ވުމުން ފާޑުކިޔާ މީހުން މަދުކަމީ އެ މީހުންގެ ޚިދުމަތް ދިވެހިން ބަލައިގަންނަކަން އިހުސާސްވާ ކަމެއް ކަމަށް އިނާސް ބުންޏެވެ.

"ކުރީގަ ވަރަށް މީހުން ބުނާނެ އަންހެނުން ކުރާ ކަމެކޭ. އެއްދުވަހަކު މީހަކު ބުނި ރަށުގަ ކުރި އެންމެ މޮޅު ކެޔޮޅުގެ ދަރިއަށް ވެސް ވާން އިނގުނީ ނަރުހަކަށޭ ވެސް. އެކަމަކު އެކަހަލަ އެއްޗިއްސަށް މާ ބޮޑު ސަމާލުކަމެއް ނުދެން،"

ކިޔެވުމުގައި ހޭދަވީ ދިގު ދަތުރުގައި ބަންދެއް ލިބޭ އިރަށް އޭނާ ރިސޯޓު ނާސިންގްއާ ދިމާލަށް ދުއްވައިގަނެއެވެ. އެގޮތުން ލިބޭ ޗުއްޓީތަކުގައި ލޯކަލް ކޮންޓްރެކްޓަށް މަހެއްހާ ދުވަހު ގޮސް ގިނަ ރިސޯޓު ތަކެއްގައި އިނާސް މަސައްކަތް ކޮށްފައި އެބަހުއްޓެވެ. ދިގު އިންތިޒާރަކާއި ބުރަ މަސައްކަތަކަށް ފަހު ކިޔެވުން ނިންމާ މާލޭގައި މަަސައްކަތްކުރަން އިނާސް ބޭނުމެއް ނުވިއެވެ.

"އެހެންވެ ހިތައް އެރީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ވަޒީފާއަށް ކުރިމަތި ލާނީއޭ. އެކޮޅުން ވަޒީފާއަށް ކުރިމަތި ލައިގެން ދެން ވަޒީފާ ލިބުނީ،" އޭނާ ބުންޏެވެ.

މިއަދު މި ދާއިރާގައި ފައިތިލަ ސާބިތުކޮށް ކުރިއެރުމަށް އެންމެ ބޮޑު ހިތްވަރަކީ އިނާސްގެ އާއިލާއެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މީހުން ކިޔާ އެއްޗިއްސަށް ބެލުމެއް ނެތި ކުރަން ބޭނުންވާ ކަމެއް ކުރުމުން ލިބޭ އުފާވެރިކަމަކީ ބުނެދޭން ނޭންގޭ އުފާވެރި ކަމެކެވެ.

އިނާސް އެންމެ ދެކެން ބޭނުންވާ ދުވަހަކީ އޭނާ ފަދަ ގިނަ ދިވެހި ޒުވާން ފިރިހެނުން މި ދާއިރާއަށް ނުކުންނަ ދުވަސްކަމަށް އިނާސް ބުންޏެވެ. އަދި މިކަމާ ގުޅިގެން އޭނާއާ ވާހަކަ ދައްކަން ބޭނުންވާ ކޮންމެ މީހަކަށް ވެސް އޭނާގެ ފުރިހަމަ އެހީތެރިކަމާ އެއްބާރުލުން ލިބޭނެ ކަމަށް އިނާސް ބުންޏެވެ.

comment ކޮމެންޓް