މި އަހަރުގެ ސްޕޯޓްސް އެވޯޑު ހަފުލާއަށް 4.5 މިލިއަން ރުފިޔާ ހަރަދު ކުރި

މި އަހަރު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފުލާގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2023 ބާއްވަން ދައުލަތުގެ ބަޖެޓުން 4,569,673 (4.5 މިލިއަން) ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް ޔޫތު މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ސަން"އިން އެދުނު މައުލޫމާތުތައް ހިއްސާކުރަމުން އެ މިނިސްޓްރީން ދިން މައުލޫމާތުގައި ވާގޮތުން، މި އަހަރުގެ ސްޕޯޓްސް އެވޯޑްސް ހަފުލާ ބާއްވަން ދައުލަތުގެ ބަޖެޓުން ވަނީ ޖުމުލަ 4.5 މިލިއަން ރުފިޔާ ޚަރަދު ކޮށްފައެވެ.

މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން، އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އިވެންޓު މެނޭޖު ކުރުމާއި ދައުވަތު ދީގެން ވަޑައިގެންނެވި ބޭފުޅުންގެ ރޭގަނޑު ފަރިއްކޮޅަށެވެ. އެގޮތުން، އެ ކަމަށް ޖުމުލަ 3،164،400 (ތިން މިލިއަން އެއް ލައްކަ ފަސްދޮޅަސް ހަތަރު ހާސް ހަތަރު ސަތޭކަ) ރުފިޔާ ވަނީ ޚަރަދު ކޮށްފައެވެ.

ދެވަނައަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އެ ހަފުލާއަށް ރާއްޖެއިން ބޭރުން ގެނައި ކުޅިވަރު ލެޖެންޑުންނަށެވެ. މިގޮތުން، އެ މީހުން ގެނައުމަށް މިނިސްޓްރީން ވަނީ 726،568.06 ރުފިޔާ (ހަތް ލައްކަ ސައްބީސް ހާސް ފަސް ސަތޭކަ ފަސްދޮޅަސް އަށް ރުފިޔާ، ހަ ލާރި) ޚަރަދު ކޮށްފައެވެ. ތިން ވަނައަށް ބޮޑު ޚަރަދެއް ދިޔައީ ހަފުލާއަށް ބޭނުންވާ އެވޯޑާއި މެޑަލް ހޯދުމަށެވެ. އެ ކަމަށް، 578،704.94 ރުފިޔާ (ފަސް ލައްކަ ހަތްދިހަ އަށް ހާސް ހަތް ސަތޭކަ ހަތަރު ރުފިޔާ، ނުވަދިހަ ހަތަރު ލާރި) ވަނީ ޚަރަދު ކޮށްފައެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2023ގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

އޭގެ އިތުރުން ކޮށްފައިވާ ޚަރަދުތަކަށް ބަލާއިރު، ރިފްރެޝްމަންޓަށް 50،000 ރުފިޔާ، ލިޔެކިޔުމާއި ސްޓޭޝަނަރީއަށް 10،000 ރުފިޔާ، ތައްޔާރުވުމުގެ ދަތުރު ޚަރަދަށް 10،000 ރުފިޔާ، އަދި ވެލްކަމް ގިފްޓަށް 30،000 ރުފިޔާ ވަނީ ޚަރަދު ކޮށްފައެވެ. އެހެންވެ، މި ހުރިހާ ޚަރަދަކާ އެކު ޖުމުލަ 4.5 މިލިއަން ރުފިޔާ ވަނީ އެ ހަފުލާއަށް ޚަރަދު ކޮށްފައެވެ.

ކުލަގަދަކޮށް ބާއްވާ ސްޕޯޓްސް އެވޯޑްސް ހަފުލާއަށް ރާއްޖެއިން ބޭރުގެ ފާހަގަކޮށްލެވޭ ކުޅިވަރު ލެޖެންޑުން ގެނެއެވެ. މި ހަފުލާގެ ސަބަބުން، ރާއްޖެ އިސްތިހާރުވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް