އަނަސްގެ މަރާ ގުޅިގެން ދައުވާ އުފުލާފައިވާ ސާޒް, ޖަލު އޮފިސަރަކަށް އިންޒާރު ދިންކަން ސާބިތެއް ނުވި

އަނަސްގެ މަރާ ގުޅިގެން ދައުވާ އުފުލާފައިވާ ސާޒް: އޭނާގެ މައްޗަށް އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ކަމުގެ ދައުވާ ---

ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް މަރާލި ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ސާޒް, ކަރެކްޝަންސްގެ އޮފިސަރަކަށް އިންޒާރުދިންކަން ސާބިތުނުވާ ކަމަށް ހުކުމް ކޮށްފިއެވެ.

އެ ދައުވާ ސާޒްގެ މައްޗަށް އުފުލާފައިވަނީ 2016, އޮކްޓޫބަރު ނުވަ ވަނަ ދުވަހު އިތުރު މީހަކާ އެކު ސައިކަލެއްގައި ގޮސް ކަރެކްޝަންސްގެ މުވައްޒަފަކަށް ވަޅިން ބިރު ދައްކައި މަރުގެ އިންޒާރުދިން ކަމަށް ތުހުމަތުކޮށެވެ.

ދައުލަތުން ކުރި ދައުވާގައި ވަނީ ކަރެކްޝަންސްގެ މުވައްޒަފު ސައިކަލްގައި ޑިއުޓީއަށް ދަނިކޮށް، ޝާޒް ދުއްވަން އިން ސައިކަލުން އޭނާގެ ކުރިމައްޗަށް އަރައި ހުރަސް ކުރި ކަމަށެވެ. އަދި އެވަގުތު ޝާޒް ދުއްވަން އިން ސައިކަލްގެ ފަހަތުގައި އިން މީހާ ވަޅިއެއް ނަގައި ކަރެކްޝަންސްގެ އޮފިސަރު މަރައިލާނެ ކަމަށް ބުނެ އިންޒާރުދީފައިވާ ކަމަށް ދައުވާގައިވެއެވެ.

އިންޒާރުދިނުމުން ކަރެކްޝަންސްގެ އޮފިސަރު ވަނީ ބިރުން އޭނާގެ ސައިކަލް އެތަނަށް ދޫކޮށްލުމަށްފަހު ފިލައިފައެވެ. އެވަގުތު އިންޒާރުދިން މީހާ އެ ސައިކަލަށް އަރައިގެން އެތަނުން ގޮސްފައިވާ ކަމަށް ވެސް ދައުވާގައިވެއެވެ.

އެ މައްސަލައާ ގުޅިގެން ސާޒްގެ މައްޗަށް އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ކަމުގެ ދައުވާއެވެ.

އެ މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިވެރިންގެ ތެރޭގައި އަނިޔާ ލިބުނު މީހާ ވެސް ހިމެނެއެވެ. ނަމަވެސް އޭނާއަށް ސާޒް ނޭނގޭ ކަމަށާއި އެ ހާދިސާ ހިނގި ތަނުން ވެސް ސާޒް ފެނުނު ކަން ބުނެދޭން ނޭނގޭ ކަމަށް ހެކިބަސްދެމުން އޭނާ ބުންޏެވެ. ދައުލަތުން ހުށަހެޅި ސިއްރު ހެއްކެއް ވެސް ބުނެފައިވަނީ ހަމަ އެގޮތަށެވެ.

ދައުލަތުން ހުށަހެޅި އިތުރު ހެކިވެރިއަކު ބުނެފައިވަނީ, ކަރެކްޝަންސްގެ މުވައްޒަފުންނަށް މީހުން އިންޒާރުދޭކަން އޭނާއަށް އެނގޭ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ދައުވާ އުފުލާފައިވާ އިތުރު މީހަކު މީގެ ކުރިން ކަރެކްޝަންސްގެ މުވައްޒަފަކަށް އިންޒާރުދިންކަން އެނގޭ ކަމަށް އެ ހެކިވެރިޔާ ބުންޏެވެ.

އެހެންކަމުން މައްސަލަ ބެއްލެވި ގާޒީ ސަފްއަތު ހަބީބް ނިންމެވީ އެ މައްސަލަ ސާޒްގެ މައްޗަށް ސާބިތު ނުވާ ކަމަށެވެ. ނަމަވެސް ސާޒް އަދިވެސް ހުރީ އަނަސްގެ މަރުގެ މައްސަލައިގައި ޖަލު ބަންދުގައެވެ.

ސާޒް ހައްޔަރުކޮށްފައިވަނީ އަނަސްގެ މަރަށްފަހު ފިލައިގެން އުޅެނިކޮށް 2017, ސެޕްޓެމްބަރު 27 ވަނަ ދުވަހުއެވެ. އަނަސް މަރާލާފައިވަނީ އެ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުއެވެ.

އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުންނަށް 30 ދުވަސް ތެރޭގައި ހުކުމް ކުރައްވާނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ ވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހު ވިދާޅުވެފަވެއެވެ.

comment ކޮމެންޓް